ހދ.ވައިކަރަދޫ ކައުންސިލް މެންބަރުންނާ ރައީސް ބައްދަލުކުރައްވައިފި

17 Feb 2019 | 20:01

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ވައިކަރަދޫ ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ރައީސްއާއި ޙިއްޞާ ކުރެއްވާފައިވާކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިހާރުން މިހާރަށް ރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން މެންބަރުން ރައީސްއަށް ހުށަހަޅާފައިވެއެވެ. އެގޮތުން، ހދ. އަތޮޅު މަދަރުސާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ނަރުދަމާގެ ނިޒާމު ޤާއިމުވެފައި ނެތުމުން ކުރިމަތިވާ ދަތިތަކާއި، ރަށުގެ އިންޖީނުގެ ރަށުގެ މެދުގައި ހުރުމުން ދިމާވާ އުނދަގޫތަކާއި، ކަރަންޓަށް ދިމާވާ މައްސަލަތައް ޚާއްޞަ ގޮތެއްގައި ފާހަގަ ފާހަގަކުރެއްވާފައިވެއެވެ.

އެ ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވައިކަރަދޫ ކައުންސިލުން އެދިވަޑައިގެންނެވިކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement