ރެއާލް މެޑްރިޑް ބަލިވެ ތިންވަނައަށް ވެއްޓިއްޖެ

17 Feb 2019 | 21:19

ސްޕެނިޝް ލީގުގައި ޖިރޯނާ އަތުން ބަލިވެ ރެއާލް މެޑްރިޑް ތާވަލުގެ ތިންވަނައަށް ވެއްޓިއްޖެއެވެ.

އެއްވަނައިގަ އޮތް ބާސެލޯނާއައި ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނު ރެއާލް، ޖިރޯނާ އަތުން ބަލިވީ 1-2 ކުންނެވެ.

ޓޯނީ ކްރޫޒް ނަގައިދިން ރީތި ހުރަހަކުން ކަސެމީރޯ ބޮލުން ވައްދާލި ގޯލާއެކު ރެއާލް މެޗުގެ ފުރަތަމަ ހާފް ނިންމާލީ ކުރީގަ އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފުގެ ކުޅުމުގެ ތެރެއިން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އެޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅައިގަ އަތް ލުމުގެ ސަބަބުން ލިބުނު ޕެނަލްޓީއަކުން ޖިރޯނާވަނީ ނަތީޖާ 1-1 ކަށް ހަދާފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސްޓުއާނީއެވެ.

ދެ ޓީމުގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މި މެޗުގައި ޖިރޯނާއަށް ކުރި ލިބުނީ 75 ވަނަ މިނެޓުގައި މަންޒަނޭރާ ޖަހައިދިން ގޯލާއެކުއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގައި ސާޖިއޯ ރާމޯސްއަށްވަނީ ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މިއީ ސްޕެނީޝް ލީގުގައި އޭނާއަށް ދެއްކި 19 ވަނަ ރަތް ކާޑެވެ. ސްޕެނިޝް ލީގުގެ ތާރިހުގައިވެސް އެންމެ ގިނަ ރަތް ކާޑު ދައްކާފައިވާ ކުޅުންތެރިޔާ އަކީ ސާޖިއޯ ރާމޯސްކަން ފާހަގަކޮށްލަންޖެހެއެވެ.

މެޗައި ބެހޭ ގޮތުން ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް ސޮލާރީ ބުނީ ޖިރޯނާވަނީ ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދައްކާ ރެއާލްއަށް ގިނަ ދަތިތަކައި ކުރިމަތި ކުރުވާފަކަމަށެވެ. ލަނޑުޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައިނުވާ ކަމުގައިވެސް އޭނާވަނީ ބުނެފައެވެ. ލީގް ކާމިޔާބު ކުރުމުގެ އުންމީދު އެބަ އޮތްތޯ ސުވާލުކުރެވުމުން ސޮލާރީ ބުނީ އެކަމައި މެދު ޝައްކު ނުކުރާކަމަށައި ރެއާލް ނުކަޓާ ތިން މުބާރާތުގައިވެސް އޮތް ކަމުގައެވެ.

މި ނަތީޖާއަށް ފަހު ރެއާލް ތިންވަނައިގަ އޮތީ 45 ޕޮއިންޓާއެކީއެވެ. 47 ޕޮއިންޓް ހޯދައިގެން އެޓްލެޓިކޯ މެޑްރިޑް ދެވަނައިގަ އޮތް އިރު ބާސެލޯނާ އެއްވަނައިގަ އޮތީ 54 ޕޮއިންޓް ހަމަކޮށްގެންނެވެ. 

Advertisement

ކޮމެންޓް

Advertisement