Advertisement

ކާރުން މީހުންގެ ގައިގައި ޖެހުމަށްފަހު ނުފިލަން: ޓެކްސީ ޑްރައިވަރު

19 Feb 2019 | 08:19

މިދިޔަ އަންގާރަ ދުވަހު ސެނެހިޔާ ހޮސްޕިޓަލްގެ ކުރިމަތިން ހިނގި އެކްސިޑެންޓްގެ ހާދިސާއަކީ ކިތަންމެހާވެސް ހިތާމަވެރި ހާދިސާއެކެވެ.

ތުއްތު ކުއްޖެއްގެ މަންމައަކު ފުރާނައަށް ނުރައްކާވެފައިވާ ހާލު އައިސީޔުގައި އޮތް އިރު، އެ އާއިލާގެ އިތުރުން މުޅި ގައުމުވެސް ކަރުނަ އަޅާފަދައެވެ.

މި ހާދިސާ ހިނގިގޮތް ތިލަވުމާއި އެކު ސޯޝަލް މީޑިޔާގައި އެކި ފަރާތްތަކުން އެކި ޝުއޫރުތައް ފާޅުކުރިއެވެ. އެގޮތުން އަނިޔާވި ދެ އަންހެނުންގެ ގައިގައި ޖެއްސިކަމަށް ބުނާ ޓެކްސީގެ ޑްރައިވަރަށް ނުރުހުމުގެ ބަސްތައް ވަރަށް ބޮޑަށް ރައްދުކުރިއެވެ.

ތެދެކެވެ. ހާދިސާގެ ރިޕޯޓްތައް މީޑިޔާއަށް ތިލަވިގޮތުން އެ ޓެކްސީ ޑްރައިވަރު ފިލައިގެން ގޮސް، އާދައިގެ ދިރިއުޅުމެއް އުޅެމުންދާކަމުގެ އިހުސާސެއް އާންމުންނަށް ކުރެވުނެވެ.

ނަަމަވެސް ޢަލީ ނަސްރު ނަމަކަށް ކިޔާ އެ ޓެކްސީ ޑްރައިވަރު ވޮއިސްއަށްދިން ޚާއްސަ ބަސްދީގަތުމެއްގައި ވަނީ އެ ހާދިސާގައިވާ އޭނާގެ ވާހަކަތައް ގެނެސްދީފައެވެ.

ނަސްރު ބުނިގޮތުގައި ކާރު ދުއްވާފައި ދިޔައީ ގަވާއިދާއި އެއްގޮތަށް ކަަމަށާއި އޭގެ ތެެރެއިން ކާރު ޖެހުނީ އެކަކުގެ ގައިގައި ކަމަށާއި، ނަަމަވެސް ޖެހުނު ގޮތަކުން ދެމީހުންވެސް ވެއްޓުނުކަމަށެވެ. ކާރު ޖެހިފައިވަނީ މިވަގުތު އައިސީޔޫގައި އޮތް ފަރާތުގެ ގައިގައި ނޫންކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި އެ ކާރުން އެމީހުންގެ ގައިގައި ޖެހުނީ ކަފިހި ހުރަސް ކައިރީ ހުރި ފުރަތަމަ ބަންޕަރުން ފޭބިތަނާ ކަމަށް ޑްރައިވަރު ބުންޏެވެ.

"ބާރު ސްޕީޑުގައި ދުއްވާފައި ގޮސް ޖެއްސީ ނޫން، ފުރަތަމަ ބަންޕަރުން ފޭބިތަނާ ޖެހުނީ" ނަސްރު ވޮއިސްއަށް ކިޔާދިނެވެ.

އެ ޑްރައިވަރު ބުނިގޮތުގައި އެ ދެ ފަރާތަށް އަނިޔާވުމުން އޭނާ ވާނީ އެ ދެ އަންހެނުން އޭނާގެ ކާރުގައި ހޮސްޕިޓަލަށްވެސް ގޮސްފައެވެ. އޭނާ ހޮސްޕިޓަލްގައި ހުރިވަގުތު ފުލުހުން އައިސް، ތަހުގީގަށް ފަހުން ގުޅާނެކަމަށްބުނެ އެ ހޮސްޕިޓަލުން އޭނާ ފޮނުވާލިކަމަށް އެ ޑްރައިވަރު ބުންޏެވެ.

އެހެންކަމުން އެތަނުން ފިލީކަމަށްބުނެ ދެކެވޭ ވާހަކަަތަކަކީ ދޮގުވާހަކައެއްކަމަށް ނަސްރު ބުންޏެވެ.

ނަސްރު ވަނީ ފުލުހުން ތަހުގީގު ނިމެންދެން އޭނާގެ ލައިސަންސް ހިފަހައްޓާފައިވާކަމާއި ޓްރާންސްޕޯޓުން އޭނާގެ ޓެކްސީ ކުރުމުގެ ހުއްދަ ބާތިލްކޮށްފައިވާކަން ވޮއިސްއަށް ވަނީ ކަށަވަރުކޮށްދީފައެވެ.

އޭނާ ވަނީ ވެގެންދިޔަ ކަންތައްތަކުގެ މައްޗަށް ހިތާމަކުރާކަމަށާއި، ފުލުހުންނަށް އެއްބާރުލުންދީ އައިސީޔޫގައި އޮތް އަންހެންމީހާގެ ހާލުވެސް ބަލަމުންދާކަމަށް ބުނެފައެވެ.

"އަޅުގަނޑަކީ ހުޅުމާލޭގަ އުޅޭ ފަރާތެއް. އަޅުގަނޑަކީ ހުޅުމާލޭގަވެސް ހިނގާ ބޮޑެތި އެކްސިޑެންޓްތަކުގައި އަނިޔާވާ މީހުން ކާރަށް އަރުވައިގެން އިންސާނިއްޔަތަށްޓަކައި ހޮސްޕިޓަލަށް ގޮސްހަދާ މީހެއް. އެހެންކަމުންވެސް އިނގޭނެ ބާރު ސްޕީޑްގައި ދުއްވާފަ ގޮސް ޖެއްސީ ނޫންކަން. ބަންޕަރ ކައިރިން ހުއްޓި ގަޑީ ޖެހުނީ"، ނަސްރު ބުންޏެވެ.

ފޭސްބުކްގައި ދައުރުވި ސްޓޭޓަސްއަކާއެކު މި ހާދިސާގެ ހަޤީގަތް ވަރަށް ބޮޑަށް މީހުނަށް އޮޅޭގޮތްވިކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް މިހާރު ވަނީ އެކްސިޑެންޓް ވި އަންހެންމީހާގެ އާއިލާއަށް ނިސްބަތްވާ މީހާ ލިޔެފައިވާ ސްޓޭޓަސް ޑިލީޓް ކޮށްލާފައެވެ. އެއާއެކު ދުވަހު ނޫހެއްގައި މިކަން ޢާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ގެނެސްދީފައި ވާކަންވެސް އޭނާ ފާހަގަކުރިއެވެ.

މި އިންޓަރވިއު ނިންމާލަމުން ނަސްރު ވަނީ މި ހާދިސާގައި އަނިޔާވި ފަރާތައް ހެޔޮ ދުޢާ ކޮށްދިނުމަށް އެދިފައެވެ. އެފަރާތައް އަވަސް ޝިފާއެއް ދެއްވުމަށް ދުޢާކުރާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement