"ބޯލް ޗޫޅިޔާ"ގައި ޝްރަދާގެ ބަދަލުގައި ސޯނާކްޝީ

17 Feb 2019 | 22:07

"ބޯލް ޗޫޅިޔާ"ގައި ޝްރަދާގެ ބަދަލުގައި ފެނިގެންދާނީ ސޮނާކްޝީ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

ދެހާސް ނަވާރަ ވަނަ އަހަރަކީ ސޮނާކްޝީއަށް ވަރަށް ބިޒީއަހަރެއް ކަމަށް ލަފާކުރެވެއެވެ. އެގޮތުން މިއަހަރު ސޯނާ މަސައްކަތް ކުރަ ފިލްމުތަކުގެ ތެރޭގައި ކަލަންކް މިޝަން މަންގަލް ދަބަންގް ތްރީ ހިމެނެއެވެ. މީގެ އިތުރުން އަނެއްކާވެސް ސޯނާއަށް މިވަނީ މިއަހަރު މަސައްކަތް ކުރާނެ ފިލްމެއް ލިބިފައެވެ. އެފިލްމަކީ ނަވާޒުއްދީން ސިއްދީގީ އާއި އެކު އޭނާ މަސައްކަތްކުރުމަށް ހަމެޖެހިފައިވާ ބޯލް ޗޫޅިއާއެވެ.

މީގެ ކުރިން ޚަބަރު ލިބިފައިވާ ގޮތުގައި މިފިލްމުގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޝްރަދާއެވެ. ނަމަވެސް ޝްރަދާގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިފައި ނުވާތީ ، ފިލްމު މިހާރުވަނީ ސޯނާއަށް ދީފައެވެ. ނަމަވެސް ސޯނާއާއެކު ވެސް އެގްރީމަންޓަކާއި ހަމަޔަށް އާދެވިފައި ނުވާކަމަށާއި އޭނާވެސް އާއެކޭ ބުނެފައިވަނީ ހަމައެކަނި އަނގަބަހުން ކަމަށް ރިޕޯޓްތަކުގައިވެއެވެ.

މިފިލްމަކީ ނަވާޒްދީންގެ ބޭބެ ޝާމާސް ނަވާބް ސިއްދީގީ ޑައިރެކްޓްކުރާ ފިލްމަށްވާއިރު މިފިލްމުގެ ލީޑް ފިރިހެން ތަރިއަކީ ނަވާޒްދީން ސިއްދީގީއެވެ.

ސޯނާ މިފިލްމަށް އާއެކޭ ބުނެފައިވާކަމަށް ރިޕޯޓްތައް ބުނެފައިވީ ނަމަވެސް ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިންވެސް އަދި ސޯނާ ވެސް އެކަން ކަށަވަރުކޮށްދީފައި ނުވެއެވެ.

Advertisement

ކޮމެންޓް