އެސްއޯއެފްގެ މުއާމަލާތްތައް އެފްއައިޔޫއަށް ރިޕޯޓްކުރިން: ބީއެމްއެލް
އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާތައް ޖަމާވި އެސްއޯއެފްެގެ އެކައުންޓްގެ މުއާމަލާތްތައް މަރުކަޒީ ބޭންކްގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކުރަމުންދިޔަކަމަށް ބީއެމްއެލްއިން ބުނެފިއެވެ.
އެ ބޭންކުން މިހެން ބުނެފައިވަނީ ޚިޔާނާތުގެ މައްސަލައިގައި ބޭންކްގެ އިހުމާލުވުން ވާކަމަށްބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދިޔަ ދަނޑިވަޅެއްގައެވެ.
ބޭންކުން ބުނީ ބޮޑެތި އަދަދުތަކުން މުއާމަލާތްކޮށްފައިވާތީ ބީއެމްއެލްއިން އެސްއޯއެފްގެ އެކައުންޓް ގަވާއިދުން މޮނީޓާ ކޮށްފައިވާނޭކަަމަށެވެ.
އެގޮތުން އެސްއޯއެފްގެ އެކައުންޓް، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މޮނީޓާ ކުރެވިފައިވާ ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.
މަނީ ލޯންޑަރިންގެ ގާނޫނު ވުޖޫދަށް އައުމުން އެމްއެމްޕީއާރްސީ އާއި އެސްއޯއެފްގެ އެކައުންޓުތަކުގެ މުއާމަލާތްތައް ބަރާބަރަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކޮށްފައިވާނެ ކަމަށް ވެސް ބޭންކުން ބުނެ އެވެ. އެ ރިޕޯޓް ކޮންމެ ހަފްތާއަކު އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓްކޮށްފައިވާ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.
ބީއެމްއެލުން ބުނެފައި ވަނީ އެސްއޯއެފް އެކައުންޓަށް ޗެކުތައް ޖަމާކޮށްފައި ވަނީ އެމްއެމްޕީއާރްސީން އެ ޗެކުތައް އެންޑޯސް ކޮށްފައިވާތީ ކަމަށެވެ. އަދި އެންޑޯސް ކޮށްފައިވާ ޗެކު ބަލައިގަތުން ހުއްޓާލަންދެން ފެބްރުއަރީ 2016 އާ ހަމައަށް އަމަލު ކުރަމުން ދިޔައީ އެގޮތަށް ކަމަށް އެ ބަޔާނުގައިވެ އެވެ.
"އެސްއޯއެފް އެކައުންޓަށް ޖަމާކުރެވުނު ޗެކުތައް ވެސް ޖަމާކޮށްފައި ވަނީ މި އުސޫލުގެ ދަށުން ގާނޫނުތަކާއި ބޭންކުން އަމަލުކުރަމުން އައި ޕްރޮސީޖާތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި ތަފާތު ކުރުމެއް ނެތި،" ބީއެމްއެލުން ބުނެފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists