ސްޓޭން ލީ ގެ އެންމެ ފަހު ފިލްމް ފެނިލުން "އެވެންޖާރސް: އެންޑްގޭމް" އިން!

20 Feb 2019 | 07:43

"މާރވެލް" އުފެއްދުންތަކުގެ ފަހަތުގައި ހުރި އެންމެ ފާހަގަކުރެވޭ ލިޔުންތެރިޔާ ސްޓޭން ލީ ވަނީ މިދިޔަ އަހަރުގެ ނޮވެމްބާރ މަހުގެ 12 ވަނަ ދުވަހު މަރުވެފައެވެ.

މާރވެލް ކޮމިކް ތަކުގެ މައްޗަށް ތައްޔާރުކުރާ ފިލްމެއް ނަމަ ކޮންމެވެސް ކުޑަ ރޯލަކުން، ނުވަތަ "ކެމިއޯ" އަކުން ސްޓޭން ލީ ބެލުންތެރިންނަށް 1998 ވަނަ އަހަރުންސުރެ ދަނީ ފެންނަމުންނެވެ.

"މާރވެލް ސިނަމެޓިކް ޔުނިވާރސް" އިން ބޭރުން، އަދި އޭނާ އުފައްދާ ކޮމިކްސް ތަކާއި ގުޅުން ނެތަސްވެސް، ސުޕާރ ހީރޯ ފިލްމެއް ނަމަ ސްޓޭން ފެނުން އެއީ ފާއިތުވި އަހަރުތަކުގެ ތެރޭ ސުޕާރ ހީރޯ އުފެއްދުންތަކުގެ ފޭނުންނަށް އުފާވެރިކަން ލިއްބައިދިން ކަމެކެވެ.

އެހެންނަމަވެސް، ސްޓޭން ލީ މަރުވުމާ ގުޅިގެން ދެން އޭނާ އާ އުފެއްދުމަކުން ބެލުންތެރިންނަށް ފެނިގެންދާނީ "އެވެންޖާރސް: އެންޑްގޭމް"ގެ ކެމިއޯއަކުންނެވެ.

ސުޕާރ ހީރޯ ފިލްމުތަކުގައި ސްޓޭން ފެނިގެންދާނީ ކިހިނެއްތޯ މިއީ ފޭނުން ޒަމާނުންސުރެ އާ ފިލްމެއް ރިލީޒްކުރުމުގެ ކުރިންދައްކަމުން އަންނަ ވާހަކައެކެވެ. އޭނާ މަރުވުމުގެ ކުރިން ސްޓޭން ވަނީ "އެެވެންޖާރސް: އެންޑްގޭމް" ގައި ދައްކާލާނެ އޭނާގެކެމިއޯ ރޯލް ޝޫޓްކޮށް ނިމިފައިވުމުން، މި ފިލްމު ވެގެންދާނީ ބޮޑު ސްކްރީނަށް ސްޓޭން 20 އަހަރު ފަހުން އަލްވަދާއު ކިޔާ އުފެއްދުމަށެވެ.

ސްޓޭން ގެ ހަނދާނުގައި އޭނާ ކުރިން ކެމިއޯ ރޯލްތައް ކުޅެފައިވާ ފިލްމުތައް ބަލާލުމުގެ ފުރުސަތު ފޭނުންނަށް ލިބިފައިވާއިރު އާ ފިލްމަކުން "އެންޑްގޭމް" އަށް ފަހު ސްޓޭން ނުފެންނާނެކަމަށް ލަފާކުރެވެއެވެ.

އޭޕްރިލް 26 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "އެވެންޖާރސް: އެންޑްގޭމް" އަކީ ސްޓޭން ލީގެ އިތުރުން "އެވެންޖާރސް" ފްރެންޗައިޒްގެވެސް އެންމެ ފަހު ފިލްމެވެ.

Advertisement

ކޮމެންޓް