Advertisement

ބީޗް ކެފޭތަކުގެ މައްސަލައިގައި އެޗްޑީސީން ބަހެއް ބުނަން ބޭނުމެއްނުވި!

18 Feb 2019 | 14:21

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުރި ހަޓްތަކާއި ކެފޭތަކުގެ ވާހަކަ ސޯޝަލް މީޑިޔާގައި ހަލުވިކަމާއި އެކު ފެތުރި، އެ ތަންތަނަކީ ގަވާއިދާއި ޚިލާފަށް ހިންގާ ތަންތަންކަމަށް އެޗްޑީސީން އެއްބަސްވެ، އެތަންތަން ނެގުމަށް މިދިޔަ އަހަރު ފަހުކޮޅު އަމުރުކުރިއެވެ.

އެޗްޑީސީން އޭރު ނެރުނު ބަޔާނުގައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31ވަނަ ދުވަހުގެ ކުރިން އެތަންތަން ނެގުމަށާއި،އޭގެ ފަހުން އެ ހަޓްތަކާއި ކެފޭތައް ހުރިނަމަ ލިބޭ ގެއްލުމަކަށް ނުބަލައި ރޫޅާލާނެކަމުގެ އިންޒާރު ދީފައެވެ.

މި އިންޒާރަށް ތަބާވެ ބައެއް ތަންތަނުގެ ވިޔަފާރި ހުއްޓާލިކަމުގައިވިޔަސް، ގިނަ ފަރާތްތަކުން އަދިވެސް އެކަން ކުރަމުންދާކަމުގެ ޝަކުވާ އާންމުން ވަނީ އުފުލާފައެވެ.

މިފަދަ ތަންތަނުގެ ވިޔަފާރި ހުއްޓުވާލެވިފައި ނުވަނީ އެޗްޑީސީގެ ތެރެއަށް ތަނުގެ ސީނިއާ މުވަޒަފުންގެ ނުފޫޒުގެ ސަބަބުން ގިނަ ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. އެޗްޑީސީގެ ސީނިއާރ ބައެއް މުވަޒަފުންގެ މަސްލަހަތު އޮންނަ ކެފޭ ތައް ބީޗްގައި އަންނަނީ ހިންގަމުންކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

މިކަމާއި ގުޅިގެން އެޗްޑީސީގެ ބަހެއް ހޯދާލުމަށް ވޮއިސްއިން ތަކުރާރުކޮށް މަސައްކަތްކުރުމުންވެސް، އެޗްޑީސީގެ ބަހެއް ލިބިފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މިހާތަނަށް ބީޗް ކެފޭ ހިންގުމުގެ އުސޫލް ކަނޑަ ނޭޅިއޮތުމާ ބެހޭގޮތުން އެޗްޑީސީން ވިދާޅުވެފައިވަނީ ތަނުގެ ވެރިން އަދި އެކަމަށް ގޮތް ނުނިންމާކަމަށެވެ.

ނަންހާމަނުކުރުމަށް ޝަރުތުކޮށް ވޮއިސްއަށް މައުލޫމާތުދިން އެޗްޑީސީގެ މުވައްޒަފަކު ބުނީ ނުނެގިފައިވާ ހަޓްތަކާއި ކެފޭތަކަކީ އެޗްޑީސީގެ އިސްވެރިންގެ މަސްލަހަތު ހުރި ތަންތަންކަމަށާއި، ހަޓްތައް ނަގަން އުޅުނަސް އެތެރޭގެ ނުފޫޒުން އެކަން ހުއްޓުވަމުންދާކަމަށެވެ.

މަދު ފަރާތްތަކެއްގެ ހަޓްތައް ރޫޅާލެވިފައިވީނަމަވެސް ބައެއް ފަރާތްތަކުގެ ވިޔަފާރި އާންމު އުސޫލުން ކުރިއަށްދާ މައްސަލައިގައި ހުޅުމާލޭގެ ގިނަ ފަރާތްތަކުންނާއި ބީޗް ފްރަންޓްގެ ގެސްޓްހައުސް އޮޕަރޭޓަރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެެ.

Advertisement

ކޮމެންޓް