ސިންގަޕޫރުގެ ސަފީރުކަމަށް ޑރ.މައުސޫމް އައްޔަންކޮށްފި

18 Feb 2019 | 14:19

ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ދަފުތަރު ނަންބަރު 4336، ޑރ. ޢަބްދުﷲ މަޢުޞޫމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަނު ކުރައްވައި، ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. ޢަބްދުﷲ މަޢުޞޫމަށް މަޤާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް ޢައްޔަނުކުރެއްވި ޑރ. ޢަބްދުﷲ މަޢުޞޫމަކީ އިނގިރޭސިވިލާތުގެ ބަރމިންގހަމް ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ. ޢަބްދުﷲ މަޢުޞޫމް ވަނީ ސަރުކާރުގެ މަތީ މަޤާމުތައްވެސް ފުރުއްވާފައެވެ. އެގޮތުން ފުރުއްވި މަޤާމުތަކުގެ ތެރޭގައި ޓުއަރިޒަމް މިނިސްޓަރ ކަމާއި، އެންވަޔަރަންމަންޓް މިނިސްޓަރ ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަން ޑރ. ޢަބްދުﷲ މަޢުޞޫމް އަދާކުރައްވާފައިވެއެވެ.

Advertisement

ކޮމެންޓް