ރައީސް ޔާމީން ކޯޓަށް ހާޒިރުކުރީ ތާއިދުބޮޑުވީމަ: އަދުރޭ

18 Feb 2019 | 15:55

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޯޓަށް ހާޒިރުކުރީ އެމަނިކުފާނަށް އޮތް ތާއިދުބޮޑުކަމުންކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ރައީސް ޔާމީން ކޯޓަށް ހާޒިރުކުރުމާއި ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގައި މިވަގުތު އެންމެ ތާއީދު ބޮޑު ބޭފުޅަކީ ރައީސް ޔާމީން ކަން މި ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭނެކަމަށެވެ. އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ކެންޑިޑޭޓުން ހޮއްވަވަން ރާއްޖެ ތެރެއަށް ދަތުރު ކުރައްވަން ފައްޓަވައިފިއްޔާ ރައްޔިތުންގެ ސާފު މެޖޯރިޓީ މަޖިލިސް އިންތިހާބުގައި ޕްެރޮގްރެސިވް ކޯލިޝަން އަށް ލިބޭނެ ކަން ސަރުކާރަށް އެނގޭތީ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީކަމަށް އަދުރޭ ތުހުމަތުކުރެއްވިއެވެ.

އެބޭފުޅާ އިތުރަށް ވިދާޅުވީ އިިިދިކޮޅަށް މަޖިލީހުގެ މެޖޯރިޓީ ނުލިބޭތޯ ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

އަދުރޭ ވިދާޅުވީ ރައްޔިތުން ތިބީ ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ވަރަށް ބޮޑަށް ވިސްނައިގެންކަމަށެވެ.

" މި ސަރުކާރު ހުވާ ކުރި އިރުންސުރެން ފަށައިގެން ކުރެވުނު އެއްވެސް ކަމެއް ނެތް , ރައީސް ޔާމީން ހައްޔަރުކޮށްފިއްޔާ ސަރުކާރަށް ލިބޭ ފައިދާ އަށް ވުރެން ލިބޭ ގެއްލުން ބޮޑުވާނެ " އަދުރޭ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް