އަޅުގަނޑަކީ ރިޝްވަތު ދޭނެ މީހެއް ނޫން: ރައީސް ޔާމީން

18 Feb 2019 | 18:55

ތިމަން މަނިކުފާނަކީ ރިޝްވަތުދޭނެ ބޭފުޅެއް ނޫންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގްގެ ދައުވާއާއި ގުޅިގެން، އެމަނިކުފާނު ހެއްކަށް ނުފޫޒުފޯރުވާކަމަށްބުނެ ހައްޔަރުކުރުމަށް ޕީޖީން އެދުމުން ބޭއްވި ޝަރީއަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މައްސަލައަކީ މަނީލޯންޑާކުރުމުގެ މައްސަލައަކަށްވާއިރު ހެކީގެ ގޮތުގައި ހުންނާނީ ބޭންކް ސްޓޭޓްމެންޓްތައް ކަމަށެވެ. އެ ސްޓޭޓްމެންޓްތަކަކީ ކޮމްޕިއުޓާ ޖެނަރޭޓެޑް އެއްޗެއްސަށްވާއިރު އެ ބަދަލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެ މައްސަލާގައި ދެން އިތުރު ހެކިންނެއް ހުށަހަޅާފައިވާކަން ނޭނގޭ ކަމަށާއި އެއީ ކޮން ބައެއްކަން ވެސް ނޭނގޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ހެކިން އެނގުނަސް އެ ހެކިންނަށް ރިޝްވަތު ހުށައަޅުއްވާފައިނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް އެ މަޖިލީހުގައި ޕީޖީއިން ވަނީ ހެއްކެއްގެ ހެކިބަސް ބަދަލު ކުރަން ރައީސް ޔާމީން ފައިސާ ހުށަހެޅި ކަމަށް ހެކި ލިބޭ ލިޔުމެއް ވެސް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅައިފަ އެވެ.

އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް، އެފްއައިޔޫއިން ފުލުހުންނަށް ހުށަހެޅި އެސްޓީއާރްއާ ގުޅިގެން ވެސް ނުފޫޒު ފޯރުވައި އެ މައްސަލަ ކުރިއަށް ނުގެންގޮސް ބޭއްވުމަށް ރައީސް ޔާމީން މަސައްކަތް ކުރެއްވި ކަން އެނގޭނެ ސިއްރު ލިޔުމެއް ވެސް ޕީޖީއިން މިއަދު ވަނީ ހުށަހަޅާފައެވެ.

މިއަދުގެ މަޖިލީހުން ވަނީ ހެކިތަކަށް ބެލުމަށްފަހު މައްސަލައިގެ ޝަރީއަތްތައް ނިމެންދެން އެމަނިކުފާނު ޝަރީއަތުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement