Advertisement

ރަައީސް ޔާމީންގެ މެސެޖް: މިވަގުތު ސަފުތައް ބަދަހިކުރޭ!

23 Feb 2019 | 13:17

މިވަގުތަކީ އެންމެންގެ ސަފުތައް އިތުރަށް ބަދަހިކުރަންވީ ވަގުތުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު ފުލުހުންގެ ހައްޔަރަށް ވަޑައިގަތުމުގެ ކުރިން ޣައްސާނު މައުމޫން މެދުވެރިކޮށް ޕީޕީއެމްގެ އިސްވެރިންގެ ވައިބަރ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ. 

މި މެސެޖްގެ ސްކްރީންޝޮޓްތައް ދައުުރުވަމުންދާއިރު، މިއީ އަސްލު ސްކްރީންޝޮޓެއްކަން ޕީީޕީއެމްގެ ކައުންސިލް މެންބަރަކު ވަނީ ވޮއިސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

ރައީސް ޔާމީން އެ މެސެޖްގައި ވިދާޅުވީ އެމަނިކުފާނު މިހުންނެވީ ވަރަށް ސާބިތުކަމާއިއެކު ސަޕޯޓަރުންނާއި އެކުގައިކަމަށެވެ. އަދި މިއީ ޕާޓީގެ ސަފުތައް އިތުރަށް ބަދަހިކޮށް މަސައްކަތްކުރަންޖެހޭ ވަގުތެއްކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން ނެރެފައިވާ އަމުރެއްގެ ދަށުންނެވެ.

އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލިފައިވާ މަނީ ލޯންޑަރިންގްގެ މައްސަލައާއި ގުޅިގެން، ހެކިންގެ މައްޗަށް ނުފޫޒު ފޯރުވަފާނެކަމުގެ ތުހުމަތުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ޝަރީއަތް ނިމެންދެންނެވެ.

އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ މިއަދު މެންދުރުފަހު އޮތް ޝަރީއަތުގެ މަޖިލީހުގައެވެ.

Advertisement

ކޮމެންޓް