ޖިއާންގެ މަރުގެ މައްސަލައިގައި ދައުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވައިފި

18 Feb 2019 | 22:49

މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ބަނގުލަދޭޝްގެ ރައުޝަން ޖިއާން މަރުވި މައްސަލައިގައި ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.

އެކްޓިން ކޮމިޝަނަރ އޮފް ފޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ މަރުވި މައްސަލައިގައި ދައުވާކޮށް ދިނުމަށް ފުލުހުން ފީޖީ އޮފީހުގައި އެދިފައިވާކަމަށެވެ. އަދި އެމަސައްލައިގައި ދައުވާކުރަން ފޮނުވާފައިވަނީ މީގެ ދެ ހަފްތާ ކުރިން ކަމަށްވެސް ހަމީދު ވިދާޅުވެފައިވެއެވެ.

ޖައުޝަންގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓިފައިވަނީ އޭނާގެ ޑަބްލިއު ކޮންސްޓަރަކްޝަން އިން ހަދަމުން އައި އިމާރާތަކުންނެވެ. އެ ހާދިސާ ހިގާފައިވަނީ މިދިއަ ޑިސެމްބަރު މަސްތެރޭގައެވެ. ޖިއާންގެ މަރުވެފައިވަނީ އޭނާ ޗުއްޓީ ހޭދަކޮށްލުމަށް މާލެއަށް އައިސް އުޅުމުގެ ތެރޭގައެވެ.

ޖިއާންގެ މަރާއި ގުޅިގެން މާލޭ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީ އިން ގުޅިގެން މާލެގައި ހުރި އިމާރަތްކުރާ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގައި މަސައްކަތް ކުރާގޮތް ބަލާފައިވެއެވެ.

ޖިއާންގެ މަރާއި ގުޅިގެން އޭނާގެ މަންމަ ބުނެފައިވަނީ ޖިއާންގެ މަރަށް އިންސާފު ހޯދަން ބޭނުންވާ ކަމަށާއި، އަދި ރާއްޖެ ދޫކޮށް ދާނީ ޖިއާންގެ މަރަށް އިންސާފު ލިބުމުން ކަމަށެވެ.

ޖިއާންގެ މަންމަ އަކީ ރާއްޖޭގެ ރަށެއްގައި ޑޮކްޓަރެއްގެ ވަޒީފާ އަދާކުރަމުން އަންނަ ބަނގުލަދޭޝްގެ ރައްޔިތެކެވެ.

Advertisement

ކޮމެންޓް

Advertisement