އެފްއޭ ކަޕްގެ ޗެންޕިއަން ޗެލްސީ ކަޓުވާލުމަށްފަހު ޔުނައިޓެޑް ކުއާޓާ ފައިނަލަށް

19 Feb 2019 | 07:51

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑް ވާދަކުރި މެޗް 2-0 ކާމިޔާބުކޮށް ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. 

ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ޔުނައިޓެޑަށް ކުރި ހޯދަދިނީ ޕޮގްބާ ނަގައިދިން ރީތި ހުރަހަކުން ހެރޭރާއެވެ. އެޓީމުގެ ލީޑް 2-0 ކަށް ފުޅާކޮށްދިން ލަނޑު ޖަހައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕޮގްބާއެވެ. މި ލަނޑު ޕޮގްބާޖެހީ ރަޝްފޯޑް ނަގައިދިން ބާރު ހުރަހަކުން ބޮލުން ގޯލު ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ.

މިއީ ސަރ އެލްކެސް ފާގަސަން ރިޓަޔަރ ކުރި ފަހުން ޔުނައިޓެޑް ޗެލްސީގެ ދަނޑުގައި މޮޅުވި ފުރަތަމަ ފަހަރެވެ.

އަނިޔާއައިހުރެ ކުޅުމައި ދުރުގައި ހުރި ޔުނައިޓެޑުގެ ދެ ތަރިން ކަމުގައިވާ މާޝިއަލް އަދި ލިންގާޑް ނުލާ ކުޅުނު މި މެޗުގައި ކީޕަރު ޑިގެއާގެ ބަދަލުގައި ކުޅެފައިވަނީ ރޮމޭރޯއެވެ. ޔުނައިޓެޑުން މެޗުގެ ފުރަތަމަ ހާފް ނިންމާލީ 2-0 ގެ ލީޑްއެއްގައި އޮވެގެންނެވެ.

ގިނަ ވަގުތު ޗެލްސީއިން ބޯޅަ ގެންގުޅުނު ނަމަވެސް އެޓީމަށް ނުރައްކާތެރި އެންމެ ހަމަލާއެއްވެސް އުފެއްދިފައިނުވާކަން ފާހަގަކޮށްލެވެއެވެ. މިއާ ހިލާފަށް ޔުނައިޓެޑުންވަނީ އެޓީމުގެ ކޮންޓްރޯލް ދަށަށް ބޯޅަ އައި ކޮންމެ ފަހަރަކުހެން ހަމަލާ އުފައްދަން މަސައްކަތްކޮށް ކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ގާތްވެފައިވަނިކޮށް ޗެލްސީގެ ސަޕޯޓަރުންވަނީ އެޓީމުގެ ކޯޗް ސަރީއަށް ނިސްބަތްކޮށް އެކި ޒާތުގެ މަލާމާތްތަށް ކޮށްފައެވެ. ޗެލްސީ ސަޕޯޓަރުންގެ ތެރެއިން އެއްބަޔަކުވަނީ މޮރީނިއޯއައި ޓީމް އަލުން ހަވާލު ކުރުމަށް ގޮވާލާ އަޑުގަދަވެސް ކޮށްފައެވެ. މިއާ ހިލާފަށް ޔުނައިޓެޑުގެ ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔައީ އެޓީމުގެ ކޯޗް ޝޯލްޝާއަށް ތައުރީފު އޮއްސަމުން ދިޔަ މަންޒަރެވެ.

ނެރެމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އިނގިރޭސި ލީގް ކަޕްގެ ފައިނަލުގައި މެންޗެސްޓާ ސިޓީއައި ދެކޮޅަށް ޗެލްސީ ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން އެޓީމުގެ ކޯޗް ކަމުގެ މަގާމުން ސަރީ ވަކިކުރާނެ ކަމުގެ އަޑުތަކެއް އިނގިރޭސި މީޑިއާތަކުންދަނީ މިހާރުވެސް ފަތުރަމުންނެވެ.

ޔުނައިޓެޑުން އެފްއޭ ކަޕްގެ ޗެންޕިއަން ޗެލްސީ ކަޓުވާލުމައި ގުޅިގެން އެޓީމް ވެފައިވަނީ 1998/99 ވަނަ ސީޒަނުގެ ފަހުން އެއް ސީޒަނެއްގައި އާސެނަލް އަދި ޗެލްސީ މި މުބާރާތުން ކަޓުވާލި ފުރަތަމަ ޓީމަށެވެ. މީގެ ކުރިން މި ރިކޯޑް ހަދާފައިވަނީވެސް ޔުނައިޓެޑުކަން ފާހަގަކޮށްލަންޖެހެއެވެ.

ޝޯލްޝާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ކުޅުނު 13 މެޗުގެ ތެރެއިން 11 މެޗް ވަނީ ކާމިޔާބުކޮށްފައެވެ. އެއް މެޗުން ބަލިވެފައިވާއިރު އަނެއް މެޗްވީ އެއްވަރެވެ. 

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ޔުނައިޓެޑް ކުޅުމަށް ހަމަޖެހިފައިވަނީ ވުލްވްސްއާއެވެ. މެންޗެސްޓާ ސިޓީއިން ސްވޯންސީ ސިޓީއައި ވާދަކުރުމަށް ހަމަޖެހިފައިވާއިރު ވޮޓްފޯޑް ނުކުންނާނީ ކްރިސްޓަލް ޕެލަސްއައި ދެކޮޅަށެވެ. 

Advertisement

ކޮމެންޓް

Advertisement