ދެ ސީޒަނަށްފަހު މާރވެލްގެ "ދަ ޕަނިޝާރ" ސީރީޒް ނެޓްފްލިކްސް އިން ކެންސަލްކޮށްފި!

20 Feb 2019 | 07:40

މާރވެލް ގެ "ދަ ޕަނިޝާރ" ސީރީޒްގެ ދެވަނަ ސީޒަން ނިކުންތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ނެޓްފްލިކްސް އިން އެ ސީރީޒް ކެންސަލްކޮށްފިކަމުގެ ވާހަކަ ފޭނުންނާ ޙިއްސާކޮށްފައެވެ.

ފޭނުންގެ މެދު މަޤްބޫލް "ޑެއާރޑެވިލް" ސީރީޒްވެސް ކެންސަލްކޮށްލާފައިވާ މި ދަނޑިވަޅުގައި، މާރވެލް ގެ ދެ އުފެއްދުމެއްކަމަށްވާ "ދަ ޕަނިޝާރ" އަދި "ޖެސިކާ ޖޯންސް" ގެ އާ އެޕިސޯޑުތަކެއް ނެޓްފްލިކްސް އިން ބެލުންތެރިންނަކަށް ދެން ނުފެންނާނެއެވެ. އެހެންނަމަވެސް "ޖެސިކާ ޖޯންސް" ގެ ތިންވަނަ ސީޒަން އަދި ރިލީޒް ނުކުރާކަން ފާހަގަކޮށްލެވެއެވެ.

"ދަ ޕަނިޝާރ" ގެ އުފެއްދުންތެރިން އަދި މާރވެލް ޓީވީގެ އެންމެ އިސް ފަރާތްތައްކަމަށްވާ ޖެފް ލޮބް އަދި ސްޓީވް ލައިޓްފުޓް ވަނީ ސީރީޒް ގެ ތިންވަނަ ސީޒަންއެއް ތައްޔާރުކުރެވިދާނެކަމަށް އިންޓާރވިއުއެއްގައި ހާމަކޮށްފައެވެ.

އެހެންނަމަވެސް، އެފަދަ ބޮޑު އިންވެސްޓްމެންޓެއް ކުރެވޭނީ ނެޓްފްލިކްސް އިން ސީރީޒް އާއި މެދު ހަދާނެ ވަކި ގޮތެއް ނިންމުމުންކަމަށްވެސް އެމީހުން ފާހަގަކުރިއެވެ. މޮޅު ސްޓޯރީއަކާއި އެކު "ދަ ޕަނިޝާރ" ގެ ތިންވަނަ ސީޒަންއެއް ބެލުމުގެ ފުރުސަތުން މަޙްރޫމުވުމުން، ގިނަ ފޭނުންނެއް ދަނީ އެކަމާ މީސްމީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ދިވެހިންގެ މެދުވެސް މަޤްބޫލު "ދަ ޕަނިޝާރ" އަކީ، "ޑެއާރޑެވިލް" އާއި އެއް ފިޔަވަޅެއްގައި ހިފަހައްޓާލި މާރވެލް ގެ އެންމެ މޮޅު އެއް ޓީވީ އުފެއްދުންކަމަށް ގިނަ ބަޔަކު އެއްބަަސްވެއެވެ. އަދި ނެޓްފްލިކްސް އިން ދަނީ، ޑިސްނީއިން އަލަށް އުފައްދާ ސްޓްރީމިންގް ސާރވިސްއާއި ވާދަކުރުމުގެ ގޮތުން ޑިސްނީގެ ހިއްސާ އޮންނަ ގިނަ ޝޯތަކެއް ކެންސަލް ކުރަމުންކަންވެސް ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް