Advertisement

ލިވަޕޫލް އަދި ބަޔާން އެއްވަރު، ލިޔޯން ބާސާ ހިފަހައްޓާލައިފި

20 Feb 2019 | 09:08

ޔުއެފާ ޗެންޕިއަންސް ލީގުގައި ރޭ ލިވަޕޫލް އަދި ބަޔާން ބައްދަލުކުރި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑުގައި ކުޅެވުނު ފުރަތަމަ ލެގުގެ މި މެޗުގައި ބަޔާންގެ ފަރާތުން ފެނިފައިވަނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ބެކް ޕާސްތަކެއް ޖަހައިގެން ކުޅުނު ބަޔާންއައި ދެކޮޅަށް ލިވަޕޫލްވަނީ ގިނަ ޝޮޓްތަކެއް ހަދާފައެވެ. ނަމަވެސް އޭގެ ތެރެއިން ދެ ހަމަލާއެއް ފިޔަވާ އެހެން އެއްވެސް ހަމަލާއެއް ލިވަޕޫލްއަށް ބަޔާންގެ ގޯލަށް އަމާޒުކޮށްލެވިފައެއް ނުވެއެވެ.

މުޅި މެޗުގައިވެސް ބަޔާންއަށް ލިވަޕޫލްގެ ގޯލައި އަމާޒުކޮށްލެވުނީ އެންމެ ހަމަލާއެކެވެ. ސަސްޕެންޝަންގެ ސަބަބުން ވަރުގަދަ ޑިފެންޑަރު ވެން ޑައިކް އަދި އަނިޔާއައި ހުރެ ކުޅުމައި ދުރުގަ ހުރި ލޮވްރެން ނުލާ ކުޅުނު ލިވަޕޫލްވަނީ މި ސީޒަނުގެ ޗެންޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ބަޔާންގެ ފޯވަޑް ރޮބަޓް ލެވަންޑޯސްކީ ހިފަހައްޓާލާފައެވެ.

މެޗައި ބެހޭގޮތުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ އޭނާ ޓީމަށް މިޗުގައި ދެއްކި ކުޅުމަށްވުރެ މޮޅު އަދި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ. ފުރަތަމަ ހާފުގަ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ދިޔަ ކަމަށައި އެއާ ހިލާފަށް އިދިކޮޅު ޓީމަށް އެއްވެސް ހަމަލާއެއް ދެވަނަ ހާފުގައި އުފެއްދިފައިނުވާކަންވެސް އޭނާވަނީ ފާހަގަކޮށްފައެވެ.

މެޗުން ނުކުތް ނަތީޖާއަކީ އުންމީދުކުރި ނަތީޖާއެއް ނޫން ކަމަށްވެސް ކްލޮޕް ބުނެފައިވެއެވެ.

މި މުބާރާތުގެ ދެވަނަ ލެގުގައި މި ދެޓީމް ބައްދަލުކުރާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާރިޗް މަހުގެ 13 ވަނަ ދުވަހުއެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ލިޔޯންވަނީ އެޓީމުގެ އަމިއްލަ ދަނޑުގައި ބާސެލޯނާ ހިފަހައްޓާލާފައެވެ. މި މެޗު ނިމުނީ 0-0 ކުން އެއްވަރުވެގެންނެވެ.

ބާސެލޯނާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކިންގ ކުޅުމެއް ދެއްކި މި މެޗުގައި އެޓީމްވަނީ 25 ހަމަލާއެއް ލިޔޯން ކޮޅަށް ފޮނުވާލާފައެވެ. ބާސެލޯނާއިން ފޮނުވާލި ނުރައްކާތެރި ހަމަލާތަކުގެ ހުރަހަކަށްވީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ލިޔޯންގެ ކީޕަރު އެންތޮނީ ލޯޕޭސްއެވެ.

ލިޔޯންގެ ފަރާތުންވެސް ނުރައްކާތެރި ހަމަލާތަކެއް ބާސެލޯނާއައި އިދިކޮޅަށްވަނީ އުފައްދާފައެވެ.

މި ދެޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗް ބާސެލޯނާގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް