Advertisement

އަރިއާނާ ގްރާންޑޭ "ބިލްބޯރޑް" ގެ އާ ރެކޯޑެއް ޤާއިމްކޮށްފި!

24 Feb 2019 | 10:26

1964 ވަނަ އަހަރު ބިލްބޯރޑް ޗާޓްގައި އިހުގެ ރޮކް ބޭންޑް "ދަ ބީޓަލްސް" އިން ވަނީ އެންމެ މޮޅު 1، 2، އަދި 3 ވަނަ ލަވައިގެ ސްޕްޮޓްތައް ހޯދާ، ބިލްބޯރޑްގެ ރެކޯޑެއް ޤާއިމްކޮށްފައެވެ. މި ރިކޯޑަށް 55 އަހަރުވުމަށް ފަހު، ޕޮޕް ލަވަކިޔުންތެރިޔާ އާރިއާނާ ގްރާންޑޭ ވަނީ އޭނާގެ އާ އަލްބަމް "ތޭންކް ޔޫ، ނެކްސްޓް" ގެ ތިން ލަވައިން "ދަ ބީޓްލްސް" ގެ މި ރެކޯޑް މުގުރާލާފައެވެ.

ނޫސްވެރިންނާ ފޭނުންގެ ހައިރާންކަމަށް އާރިއާނާ މިފަދަ ބޮޑު ކާމިޔާބީއެއް ހޯދައިގެން ދިޔުމުން ގިނަ ބަޔަކު ދަނީ އެކަމުގައި އޭނާއަށް މަރުޙަބާ ކިޔަމުންނެވެ.

"ދަ ބީޓަލްސް" އަކީ ކޮން ބައެއްކަން ނޭނގޭ ފަރާތްތައް ދުނިޔޭގައި މަދުވާނެއެވެ. އަދި އެހާ ބައިވަރު، މަޤްބޫލު ލަވަތަކެއް ފޭނުންނާ ޙިއްސާކޮށްފައިވާ ތަރިންތަކަކާއި އެއް ޙަރުފަތަކަށް ޒުވާން ލަވަކިޔުންތެރިޔާ އަރިއާނާ އަރައިގެން ދިޔުމުން މީސް މީޑިއާ ވަނީ ފާއިތުވި ދުވަސްތެރޭ އާދަޔާ ޚިލާފަށް ހަލަބޮލިވެފައެވެ.

އާރިއާނާ މި ފެބްރުއަރީ މަހު ރިލީޒްކުރި "ތޭންކް ޔޫ، ނެކްސްޓް" އަލްބަމް ގެ ލަވަތަކުގެ ތެރެއިން ބިލްބޯރޑް ޗާޓްގެ އެއްވަނަ ލަވަ ގޮތުގައި ފާހަގަކޮށްލެވެނީ ރެޕް ވައްޓަފާޅިއަކަށް އާރިއާނާ ތައްޔާރުކޮށްފައިވާ "7 ރިންގްސް" ލަވައެވެ. އަދި ދެވަނައިގައި އޮތީ އޭނާގެ އަލްބަމް އިން ފެނިގެންދާ އެންމެ ތަފާތު އެއް ލަވަކަމަށްވާ "ބްރޭކް އަޕް ވިތް ޔޯ ގާރލްފްރެންޑް، އައިމް ބޯރޑް" އެވެ. އަދި ތިންވަނައިގައި ފާހަގަކޮށްލެވެނީ، މީގެ ކުރިން ބިލްބޯރޑް ޗާޓްގައި ހަތްވަނައިގަ އޮވެފައި ކުރިއަށް ޖައްސާލި ލަވަ "ތޭންކް ޔޫ، ނެކްސްޓް" އެވެ.

60 އަހަރުވެފައިވާ ބިލްބޯރޑްގެ ދިގު ތާރީޚުގައި، "ދަ ބީޓަލްސް" އަށް ފަހު އަރިއާނާ މި ރެކޯޑް މުގުރާލުމުގެ ހަޤީގީ ސިއްރަކީ، މިޔުޒިކް ސްޓްރީމިންގް ގެ ދުނިޔެއަށް އައިސްފައިވާ ކުރިއެރުންތައްކަމަށް ގިނަ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭ ބިލްބޯރޑް ޗާޓްތަކުގައި އަންހެން ފަންނާނުންގެ އިތުރުން، ޕޮޕް އަދި ރެޕް ލަވަތަކަށް ދަނީ ބޮޑު ކުރިއެރުންތަކެއް ލިބެމުންނެވެ. އެގޮތުން މިދިޔަ އަހަރު ބިލްބޯރޑްގައި އެންމެ ކާމިޔާބު ތަރިންގެ ތެރެއިން ރެޕް ލަވަކިތުންތެރިޔާ ކާރޑީ ބީ އަދި ޕޮޕް ލަވަކިޔުންތެރިޔާ ކެމިލާ ކަބޭޔޯ ފާހަގަކޮށްލެވެއެވެ.

Advertisement

ކޮމެންޓް