ނެޕްޓޫން ވަށާ ކުރިން ނުފެންނަ ހަންދެއް ދަތުރުކުރާކަން ސައިންސްވެރިން ކަށަވަރުކޮށްފި!

22 Feb 2019 | 19:28

ސައިންސްވެރިން ވަނީ އަހަރުމެންގެ ސޯލާރ ސިސްޓަމްއިން ކުރިން ނުފެންނަ ހަނދެއް ހޯދާފައެވެ.

އަހަރުމެންގެ ދުނިޔެއާއި އެންމެ ދުރު ގުރަހަ ކަމަށްވާ ނެޕްޓޫން ވަށާ ދަތުރުކުރަނިކޮށް ފެނިފައިވާ މި ހަނދަކީ، ޖައްވު ދިރާސާކުރުމުގައި އެތައް ގަރުނެއް އިންސާނުން ހޭދަކޮށްފައިވާއިރުވެސް ނުފެނިފައިވާ ކުޑަ ހަނދެކެވެ. "ހިޕޮކޭމްޕް" ނަމަކަށް ދެވިފައިވާ މި ކުޑަ ހަނދަކީ، ނެޕްޓޫން ގުރަހަ ވަށާ ދަތުރުކުރާ ހަނދުތަކުގެ ތެރެއިން އެންމެ ކުޑަ ހަނދެވެ.

އެހެން ހަނދުތަކާއި ތަފާތު ގޮތަކަށް ދަތުރުކުރާ "ހިޕޮކޭމްޕް" ގެ ތަސްވީރު މީގެ ކުރިން ސައިންސްވެރިންނަށް ނެގިފައިވާއިރު، އެ ތަސްވީރުތަކުން އެ ފެންނަނީ ސީދާ ކޮން އެއްޗެއްކަން ދިރާސާ ކުރާ ފަރާތްތަކަށް ދެނެގަނެވުނީ އަދި ކިރިޔާއެވެ.

1982 ވަނަ އަހަރު ނާސާގެ "ވޮޔެޖާރ 2" ނެޕްޓޫން ގުރަހަ ކައިރިން ދަތުރުކުރި އިރު ސައިންސްވެރިންނަށް ހޯދިފައިވާ މަޢުލޫމާތުތަކުން، ނެޕްޓޫން ވަށާ ދަތުރުކުރާ ތަފާތު 14 ހަނދެއް ވަނީ ފާހަގަކޮށްފައެވެ. އަދި ނެޕްޓޫން އާއި އެންމެ ގާތުން ދަތުރުކުރާ 6 ކުދި ހަނދުގެ ތެރެއިން ހިމެނޭ "ހިޕޮކޭމްޕް" އަކީ، ނެޕްޓޫންގެ އެންމެ ބޮޑު ހަނދު "ޓްރައިޓަން" އައުމުގެ ފަހުން ނެޕްޓޫން ވަށާ ދައުރުވާން ފެށި ހަނދެއް ކަމަށް ބެލެވެއެވެ.

"ހިޕޮކޭމްޕް" ދަތުރުކުރަނީ ނެޕްޓޫން އާއި އެންމެ ގާތުން ދައުރުވާ އެންމެ ބޮޑު ހަނދު ކަމަށްވާ "ޕްރޯޓިއަސް" ކައިރިންނެވެ. އަދި "ހިޕޮކޭމްޕް" އަކީ ހުރަހަށް އެންމެ 34 ކިލޯމީޓަރު ހުންނަ އާދަޔާ ޚިލާފަށް ކުޑަ ހަނދަކަށް ވުމުން، "ހިޕޮކޭމްޕް" އުފެދިފައިވަނީ ސީދާ ކިހިނެއްކަމެއް އަދި ސައިންސްވެރިންނަށް ބުނާކަށް ނޭނގެއެވެ.

Advertisement

ކޮމެންޓް

Advertisement