ހަވަނަ ޗެންޕިއަންސް ލީގް ތައްޓަށް ރޮނާލްޑޯކުރާ އުންމީދުގެ ހުރަހަކަށް އެޓްލެޓީކޯ

21 Feb 2019 | 06:58

މި ސީޒަނުގެ ޗެންޕިއަންސް ލީގަށް އެންމެ ވަރުގަދައަށް ތައްޔާރުވި ޔުވެންޓަސް ބަލިކޮށްލުމަށްފަހު އެޓްލެޓިކޯ މެޑްރިޑް މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ޔުވެންޓަސްއައި ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މި މެޗް އެޓްލެޓިކޯ ކާމިޔާބުކުރީ 2-0 ކުންނެވެ.

އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ފުރަތަމަ ހާފުގެ ކުޅުން ނިންމާލިއިރު ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ މޮޅު ޑިފެންސިވް ފުޓްބޯޅައެއް ކުޅުނު މަންޒަރެވެ.

އެޓްލެޓީކޯ ކާމިޔާބުކުރި ދެ ލަނޑުވެސް ފެނިގެންދިޔައީ މެޗް ނިމެން ގާތްވެފައިވަނިކޮށެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑަކީ މޮރާޓާ ބޮލުން ފޮނުވާލި ހަމަލާއެއް ޔުވެންޓަސްގެ މަންޒޫޖިކް އޭރިއާ ތެރެއަށް މަތަކުރުމުގެ ފައިދާ ނަގާ ޑިފެންޑަރ ހިމެނިއޭޒް ކާމިޔާބުކުރި ލަނޑެކެވެ.

އެޓްލެޓީކޯގެ ދެވަނަ ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން އުފެއްދި ހަމަލާއެއް ޔުވެންޓަސްގެ ކުޅުންތެރިންނަށް މަތަ ނުކުރެވުމުގެ ފައިދާ ނަގާ ކެޕްޓަން ގޯޑިން ކާމިޔާބުކުރި ލަނޑެކެވެ. ގޯޑިން ފޮނުވާލި ބޯޅަ ޔުވެންޓަސްގެ ގޯލަށްވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގައިގަ ޖެހި ޑިފްލެކްޓްވެގެންނެވެ.

ދެވަނަ ހާފުގައި މޮޅު ކުޅުމެއް ދެއްކި އެޓްލެޓިކޯ މެޑްރިޑްވަނީ ހިމެނިއޭޒް އަދި ގޯޑިން ކާމިޔާބުކުރި ލަނޑުތަކުގެ ކުރިންވެސް ލަނޑެއް ޖަހާފައެވެ. މި ލަނޑު ޖަހައިދިނީ ޖެނުއަރީ ޓްރާންސްފާގައި ޗެލްސީއިން އެޓީމައި ގުޅުނު މޮރާޓާއެވެ. ނަމަވެސް ރެފްރީވަނީ ވީއޭއާރްއަށް ބަރޯސާވެ އެ ލަނޑުގެ ރީޕްލޭ ބަލާ އެއީ ލަނޑެއް ނޫންކަމުގައި ނިންމާފައެވެ.

ރެފްރީވަނީ އެޓްލެޓިކޯއަށް ޕެނަލްޓީއެއް ދިނުމަށްފަހު ވީއޭއާރް މެދުވެރިކޮށް އެ ޕެނަލްޓީ ރިވިއުކުރުމަށްފަހު އެއީ ޕެނަލްޓީއެއް ނޫންކަމުގައިވެސް މި މެޗުގައި ނިންމާފައެވެ.

މި ދެޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާރިޗް މަހުގެ 13 ވަނަ ދުވަހުއެވެ. 

Advertisement

ކޮމެންޓް

Advertisement