ކުޅުންތެރިޔަކު މަދުކޮށް ފަހަތުން އަރާ ސިޓީ މޮޅުވެއްޖެ

21 Feb 2019 | 06:58

ޗެންޕިއަންސް ލީގުގައި މެންޗެސްޓާ ސިޓީ އަދި ޖަރުމަނުގެ ޝާލްކޭ ބައްދަލުކުރި މެޗް ސިޓީ ކާމިޔާބުކޮށްފިއެވެ.

މި މެޗުން ސިޓީ މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފުގަ ވާދަވެރި ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ސިޓީއެވެ. މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ރަނގަޅު ފޯމެއްގައި ހުރި ސާޖިއޯ އަގުއޭރޯއެވެ. މި ލަނޑަކީ ޝާލްކޭގެ ޑިފެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ޑާވިޑް ސިލްވާ ދިން ބޯޅައަކުން އަގުއޭރޯ ކާމިޔާބުކުރި ލަނޑެކެވެ.

ޝާލްކޭވަނީ ލިބުނު ޕެނަލްޓީއެއް ގޯލް ތެރެއަށް ވައްދާލައި 38 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ޕެނަލްޓީއަކީ ޝާލްކޭގެ ކުޅުންތެރިޔަކު ފޮނުވާލި ހަމަލާއެއް މަތަކުރުމަށް ސިޓީގެ ޑިފެންޑަރު އޮޓަމެންޑީ އަތުގެ ބޭނުން ކުރުމުގެ ސަބަބުން ލިބުނު ޕެނަލްޓީއެކެވެ.

ޕެނަލްޓީ އޭރިއާ ތެރެއިން ސިޓީގެ ފެނާންޑީނިއޯ ކުރި ފައުލަކައި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ޝާލްކޭވަނީ ފުރަތަމަ ހާފް ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައިވަނިކޮށް ލީޑްވެސް ނަގާފައެވެ. ޝާލްކޭގެ ދެ ޕެނަލްޓީވެސް ޖަހައިދިނީ ބެންޓެލަބްއެވެ.

ފަހަތުގައި އޮވެ ދެވަނަ ހާފް ފެށި ސިޓީވަނީ ފުލުފުލުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ލަނޑެއް ޖެހުމަށް ސިޓީ ކުރަމުން ދިޔަ މަސައްކަތުގެ ހުރަހަކަށްވީ މެޗުގެ 68 ވަނަ މިނެޓުގައި އޮޓަމެންޑީއަށް ދެ ރީނދޫ ކާޑް ހަމަވުމުގެ ސަބަބުން ދެއްކި ރަތް ކާޑާއެކު ދަނޑުން ފޮނުވާލުމެވެ.

ކުޅުންތެރިޔަކު މަދުކޮށް ކުޅެމުންދިޔަ ސިޓީ ވަރުބަލިކަމެއް ނެތި ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔުމުގެ ނަތީޖާއަކަށްވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ސާނޭ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އަނެއްކާވެސް އެއްވަރުކުރުމެވެ. ސާނޭ މި ލަނޑު ކާމިޔާބުކުރީ ލިބުނު ހިލޭ ޖެހުމެއް ވަރަށް ރީއްޗަށް ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ސިޓީ މޮޅުވި ލަނޑު ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގައި ކާމިޔާބުކޮށްދިނީ އިނގިރޭސި ތަރި ސްޓާލިންގްއެވެ.

މެޗައި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ މެޗުން ނުކުތް ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. އިދިކޮޅު ޓީމަށް ސިޓީއިން ދެ ޕެނަލްޓީ ދީ އަދި ރަތް ކާޑެއް ހޯދުމަށްފަހު ނެރުނު ނަތީޖާ ރަނގަޅު ކަމަށެވެ.  

Advertisement

ކޮމެންޓް