"ޔެސްޓާރޑޭ": ދަ ބީޓްލްސް ނެތް ދުނިޔެއެއް!

22 Feb 2019 | 19:36

"ދަ ބީޓްލްސް" އަކީ ދުނިޔެމަތީ އިންސާނީ އެއް ޖީލު އެއްކޮށް ބަދަލުކޮށްލުކޮށްލިފަދަ މިޔުޒިކް ތައްޔާރުކޮށްފައިވާ ތާރީޚީ ރޮކް ބޭންޑެކެވެ. ފެބްރުއަރީ މަހު ރިލީޒްކޮށްފައިވާ އިނގިރޭސި ފިލްމް "ޔެސްޓޭރޑޭ" ގެ ޓްރެއިލާރ އިން، "ދަ ބީޓްލްސް" ގެ ހަނދާނުގައި ތައްޔާރުކޮށްފައިވާ ތަފާތު، މޮޅު އުފެއްދުމެއް ބެލުންތެރިންނާ ހަމައަށް އަންނާނެކަން ވަނީ ކަށަވަރުވެފައެވެ. 

މިދިޔަ އަހަރު ރިލީޒް ކުރި މިޔުޒިކީ ފިލްމް "ބޮހީމިއަން ރެޕްސޮޑީ" އަށް ފަހު "ޔެސްޓޭރޑޭ" ވެސް ވެގެންދާނީ އިހުގެ ލަވަތަކަށް އާ ދިރުމެއް ގެނެސްދޭނެ ފިލްމެއްކަމަށް ޤަބޫލުކުރެވެއެވެ. އަދި މިފަހަރު "ޔެސްޓޭރޑޭ" ވެގެންދާނީ، ފިލްމުތަކުގެ އިތުރުން "ދަ ބީޓްލްސް" ގެ ލަވަތަކަށް ލޯބިކުރާ ފަރާތްތަކަށްވެސް އާދަޔާ ޚިލާފު ތަޖުރިބާއަކަށެވެ. މިކަމުގެ ސިއްރަކީ، "ޔެސްޓޭރޑޭ" ގެ ޓްރައިލާރ އިން ހާމަވެގެންދާ ފިލްމުގެ ޤަބޫލުކުރަން ދަތި އެހެންނަމަވެސް މޮޅު ވާހަކަކަންވެސް ފާހަގަކޮށްލެވެއެވެ.

އޮސްކާރ އެވޯޑް ޙަސިލްކޮށްފައިވާ ފިލްމް "ސްލަމްޑޯގް މިލިއަނެއަރ" ގެ ޑައިރެކްޓާރ ޑެނީ ބޮއިލް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޓްރެއިލާރ އިން ފެނިގެންދަނީ، "ޔެސްޓޭރޑޭ"ގައި އެންމެ އިސް ރޯލެއް އަދާކުރާ އެކްޓާރ ހިމޭޝް ޕަޓެލްގެ މިޔުޒިޝަން ކެރެކްޓާރ ޖެކް އަށް ދިމާވާ އާދަޔާ ޚިލާފު ކަންތައްތަކެވެ.

މުޅި ދުނިޔެއިން ކަރަންޓު ކެނޑިގެންދާ ވަގުތަކު ބަހެއްގައި ޖެހި އެކްސިޑެންޓް ވާ ޖެކް އަށް ހޭލެވުނު އިރު މުޅި ދުނިޔެމަތިން ވަނީ "ދަ ބީޓްލްސް" ގެ އަސަރު ފޮހެވިފައެވެ. އެއްވެސް މީހަކަށް އެޔޮށް މަޝްހޫރު ރޮކް ބޭންޑް ހަނދާނެއް ނެތެވެ. އަދި ދެން ޓްރެއިލާރ އިން ފެނިގެންދަނީ ޖެކް، "ދަ ބީޓްލްސް" ގެ ލަވަތައް އޭނާގެ އަމިއްލަ އުފެއްދުންތަކެއްގެ ގޮތުގައި އާންމުކޮށް، ދުނިޔޭގެ ފެންވަރުގައި މަޤްބޫލުކަން ހާޞިލްކުރާ މްންޒަރެވެ.

"ޔެސްޓޭރޑޭ" ފިލްމުން ހިމޭޝް ޕަޓޭލް ގެ އިތުރުން ލަވަކިޔުންތެރިޔާ އެޑް ޝީރަން އަދި އެކޓްރެސް ލިލީ ޖޭމްސް ވެސް ފެނިގެންދާނެއެވެ. އަދި މި ފިލްމު ވެގެންދާނީ، އަދުގެ ޒުވާނުންނަށް ރޮކް ގެ ރަންޒަމާން ސިފަކޮށްދޭ ފިލްމަކަށްވުމުން ގިނަ ބަޔަކު ވަނީ މި ފިލްމް ބަލާލުމަށް ކެތްމަދުވެފައެވެ.

"ޔެސްޓޭރޑޭ" ރިލީޒްކުރަން ހަމަޖެހިފައިވަނީ 28 ޖޫން 2019 ގައެވެ. އަދި ފިލްމުގެ ޓްރެއިލާރ މިހާރު ޔޫޓިއުބް އިން ބަލާލެވޭނެއެވެ.

Advertisement

ކޮމެންޓް