Advertisement

ބީއެމްއެލްގެ "ސްޓާފް ޗެރިޓީ ރަން" ބާއްވައި ތެލެސީމީއާ ސޮސައިޓީއަށް ފައިސާގެ އެހީ ދީފި

23 Feb 2019 | 12:38

މުޖުތަމަޢަށް ފައިދާހުރި ހަރަކާތްތައް ހިންގާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް ބާއްވާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" ގައި މިއަދު މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ އަށް ފައިސާގެ އެހީ ދީފިއެވެ.

"އަހަރެންގެ ބޭންކް" ކެމްޕޭން ހަރަކާތެއްގެ ގޮތުގައި މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ މި ދުވުމުގައި ބީއެމްއެލްގެ 200 އަށް ވުރެ ގިނަ މުވައްޒަފުންނާއި މުވައްޒަފުންގެ ކުދިންގެ އިތުރުން ތެލެސީމިއާ ސޮސައިޓީގެ ފަރާތުން ބައިވެރިވެފައިވެއެވެ. މިހަރަކާތް ފަށާފައިވަނީ މިއަދު ހެނދުނު 7:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ. ގާތްގަނޑަކަށް ހަތަރު ކިލޯ މީޓަރުގެ މި ދުވުން ބައިވެރިން ނިންމާލީވެސް ސެންޓްރަލް ޕާކަށެވެ.

ސެންޓްރަލް ޕާކުގައި ބޭއްވި މިހަރަކާތް ނިންމުމުގެ ރަސްމިއްޔާތުގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވަނީ ތެލެސީމިއާ ސޮސައިޓީއަށް ރަމްޒީ ޗެކް ހަވާލުކޮށްދެއްވާފައެވެ. އެ ޖަމިއްޔާ އަށް ވަނީ 80,000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެޖަމިއްޔާއިން ކުރިޔަށް ގެންދާ ޕްރޮގްރާމްތައް ރާވައި ހިންގުމަށެވެ.

މި ކަމާ ގުޅޭގޮތުން ބޭންކުގެ އޮފިޝަލް ވިދާޅުވީ " ބޭންކުން ކުރިޔަށް ގެންދާ "އަހަރެންގެ ބޭންކް" ޕްރޮގްރާމްގެ ތެރެއިން މަދަނީ ޖަމިއްޔާތަކާ ބޭންކާ އޮތް ގުޅުން ދަނީ އިތުރަށް ބަދަހިވަމުން. އަޅުގަނޑުމެން ރާވާފައި މިވަނީ ދިވެހި މުޖުތަމަޢަށް ދެމެހެއްޓެނިވި އަދި ފައިދާކުރުވަނިވި ގިނަ ހަރަކާތްތަކެއް މިއަހަރު ތެރޭ ހިންގަން. ބީއެމްއެލް މުވައްޒަފުންގެ ފަރާތުން މިއަދު މިދައްކުވައިދިނީ މުޖުތަމައަށް އެހީވުމުގައި ބޭންކުގެ މުވައްޒަފުންގެ އިސްނެގުމާއި މިފަދަކަންކަމަށް ހުންނަ ޝައުގުވެރިކަން. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް."

"އަހަރެންގެ ބޭންކް" ޕްރޮގްރާމަކީ ދިވެހިންނާއި ދިވެހި މުޖުތަމައާއި ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ދާދި ފަހުން ބޭންކުންވަނީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހްކޮށްފައެވެ.

Advertisement

ކޮމެންޓް