Advertisement

ރިޔާސީ އިންތިޚާބުގެ ވަގުތީ އަދި ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓަށް ނުލަނީ ކީއްވެ؟

07 Oct 2018 | 11:10

23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަންއިން އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަމަށް މިބުނަނީ ކީއްވެގެންހެއްޔެވެ. އިންޒާރުތައް ލިބެމުންދާކަމަށްބުނެ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންތައް މިހާރު މިވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ. ލަފާކުރެވޭގޮތުން ދެން އެމެމްބަރުން ރާއްޖެ އެބުރިވަޑައިގަންނަވާނީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ހުވާކުރެއްވުމުންނެވެ.

ކޮންމެއަކަސް ވެރިކަމުގައި މިވަގުތު އޮތް ޕީޕީއެމްއިން ކޮންމެރެއަކު އިލެކްޝަންސް ކޮމިޝަންއަށް ވޯޓްއޮޅުވާލިކަމުގެ ތުހުމަތުކޮށް ޕާޓީ އޮފީސް ދޮށުގައި ލަވައިޖަހައި އަޑުގަދަކުރަމުންދާތީ އިލެކްޝަންސް ކޮމިޝަންއިން އިއުލާންކުރި ނަތީޖާއަށް ކަޅިއެއް އެއްލާލާނަމޭ ހިތާ ކޮމިޝަންގެ ރަސްމީ ވެބްސައިޓްއަށް ޒިޔާރަތްކޮށްލީމެވެ. ކޮމިޝަންގެ ވެބްސައިޓަކުން ހޯދަހޯދާ ވަގުތީ ނަތީޖާއެއް އަދި ދާއިމީ ނަތީޖާއެއްވެސް ނުފެނުނެވެ. ނަތީޖާގެ ޖުމްލަ އަދަދު ފެންނަގޮތަށް އެއްވެސް މީހެއްގެ ސޮއެއް އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ތައްގަޑެވެސް ނެތް އިއުލާނެއް އަޕްލޯޑްކޮށްފައި އެބަހުއްޓެވެ.

ރަސްމީނަތީޖާ ޓީވީން ލައިވްކޮށް ކިޔައިދިނެވެ. އަދި ހަމައެޔާއެކު އެހެންއަހަރުތަކުގައި އިލެކްޝަންސް ކޮމިޝަނުންކުރާ ކަމަކީ ރަސްމީ ތައްގަޑާއި ސޮއި ހިމެނޭ ނަތީޖާ ޝީޓްތައް އާއްމުންނަށް ފެންނަގޮތަށް އަޕްލޯޑްކުރުމެވެ. މިފަހަރު އެކަން ނުކޮށް އަދި އިލެކްޝަންސް ކޮމިޝަނަށް ތުހުމަތުގެ އިގިލިދިއްކުރެވެމުންދަނިކޮށް އަވަހަށް ގައުމުދޫކޮށްދިޔައީއެވެ.

ކޮމިޝަންގެ މެމްބަރުން ނަމޫނާއަކަށް މިނެގީ ސިޔާސީ ބޭފުޅުންނެވެ. ސިޔާސީ ބޭފުޅަކު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ކަމެއް ތަހްގީގުކުރަން އުޅެފާނެހެން ހީވީމާ އަވަހަށް ގައުމުދޫކޮށް ދަނީއެވެ. އެއަށް ފިލައިގެންދިޔުމޭ ނުކިޔަސް އެކުރެވެނީ އެކަންތަކެވެ. އަދި ފުރަމުން ވަރަށް ސާކާސްޓިކް ސްޓޭޓްމަންޓްތައް ސޯޝަލް މީޑިއާއަށް އެބަ ދޫކޮށްލައެވެ.

އީސީ މެންބަރު ހަބީބް ޗެނަލް13 ނޫސްވެރިޔާއަށް ދެއްވި ޖަވާބުގެ ސްކްރީން ސޮޓް


އިންތިޚާބު ބޭއްވިތާ 12 ވަރަކަށް ދުވަސްވެގެންދިޔައީއެވެ. އެކަމަކު ވަގުތީ ނަތީޖާއާއި ރަސްމީ ނަތީޖާ ޝީޓްތައް އާއްމުކޮށް ފެންނަގޮތަށް ނުހަދައި އޮތުމަކީ މައްސަލައެކެވެ. ވަރަށް ސީރިއަސް މައްސަލައެކެވެ. ރަސްމީ ސޮއެއް ތައްގަޑެއްނެތި ޖުމްލަނަތީޖާ ފެންނަ ލިޔުމެއް އާއްމު ޕަބްލިކަށް ދޫކޮށްލާފައި ދިއުމަކީ އެއަށްވުރެ ބޮޑު މައްސަލައެކެވެ.  

އިލެކްޝަން ކޮމިޝަން ވެބްސައިޓްގައި ޝާއިރު ކުރެވިފައިވާ ރަސްމީ ނަތީޖާ ޝީޓް

މިވަރުކަމެއް މިހާ ޒިންމާދާރުކަން ކުޑަގޮތަކަށް ކޮށްނިންމާފައި ފުރަފުރައިގެންދިއުމުން އެކަން ރާއްޖޭގެ މެއިން ސްޓްރީމް މީޑިއާތަކަށް، ޚާއްސަކޮށް ރާއްޖޭގައި އެންމެ އިތުބާރާއި ޔަގީންކަމާއެކު މައުލޫމާތު އެންމެ އަވަހަށް ގެނެސްދޭކަމަށް ދައުވާކުރާ މިހާރު ނޫސްފަދަ ބޮޑެތި ނޫސްތަކުގެ ލޮލަށް ނުފެނުމަކީވެސް ކުޑަކަމެއްތޯއެވެ.

މިއީ މުޅި ރާއްޖޭގެ ރައްޔިތުން ނިންމި ނިންމުމެއްގެ މައްސަލައެކެވެ. މިސާލަކަށް ސިޔާސީބޭފުޅަކު ފުށްޓަކެއް ޖަހާލިޔަސް އެއަޑު އިވި ވަގުތުން ނޫސްތަކުގެ ހެޑްލައިންތައް ފުރާލައެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަންއިން އަމަލުކޮށްފައިވާގޮތް އަޅައިގަންނަވަރުގެ ކަމަކަށް ނުވިއެވެ.

ކޮންމެއަކަސް އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވާގޮތުން އެކޮމިޝަނާއިމެދު ޝައްކުގެ ލޮލަކުން ބަލަންނުޖެހޭތޯއެވެ. ވޯޓްލުން ހިގަމުންދިޔައިރު ވޯޓްލާ މަރުކަޒުތަކަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ޓެބްލެޓްތައް މަސައްކަތް ރަނގަޅަށް ނުކުރާތީ ވޯޓްލާންދާމީހާ ވޯޓްލާން ފަސްގަޑިއިރު ހަގަޑިއިރު ކިޔުގައި ހުންނަންޖެހިގެން އެވާހަކަ މީހުންދެއްކިއެވެ. ވޯޓްލާ މީހާގެ ނަން ސާޗްކޮށްލުމަށް އެތައް ވަގުތެއް ނަގަގައެވެ. އަނެއްކާ އެޓެބްލެޓް ސްޓަކްވެގެން އަލުން ރިސްޓާޓްކޮށް ވަރަށް ބޮޑު ސަކަރާތަކަށް ވެގެން އުޅުނެވެ. އެދުވަހުގެ އެވާހަކަތައް ފެތުރި ސޯޝަލް މީޑިއާގެ ޝުއޫރުތައް އެހެރީ ފެންނާށެވެ. އެކަމަކު ނަތީޖާ އިއުލާންކުރަންޖެހުނީމާ 2008 އިން ފެށިގެން ބާއްވާފައިވާ އެއްވެސް އިންތިޚާބެއްގައި އިއުލާން ނުކުރެވޭހާ އަވަހަށް ނަތީޖާ އިއުލާންކޮށް ނިންމައިލިއެވެ. އެހާ އަވަހަށް ނަތީޖާ އިއުލާންކުރުމަށްފަހު 12 ދުވަސްވެގެންދިޔައިރު ނަތީޖާ ޝީޓްތައް އާއްމު ޕަބްލިކަށް ފެންނަގޮތް ނުހަދައި ދޫކޮށްލެވިފައި އޮވެގެން ނުވާނެއެވެ. ވޯޓްގެ ނަތީޖާއަށް ކޮންމެވެސް ނުފޫޒެއް ފޯރުވަން މަސައްކަތްކޮށްފައިވާކަމަށް މިކަހަލަ ކަންކަމުން ޝައްކު އުފެއްދިދާނެއެވެ.

Advertisement

ކޮމެންޓް