ބީއެމްއެލް އިން ވެހިކަލް ލޯނު ތައާރަފްކޮށްފި

24 Feb 2019 | 16:56

އަމިއްލަ ބޭނުންތަކަށާއި ވިޔަފާރި ކުރުމަށް ގަންނަން ބޭނުންވާ ވެހިކަލް ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މިއަދު 'ވެހިކަލް ލޯން' ތައާރަފްކޮށްފިއެވެ.

މި ލޯނަކީ ދިވެހި ރާއްޖޭގައި ވެހިކަލް ގަތުމަށް މަހަކު ދައްކަން ޖެހޭ އެންމެ ކުޑަ އަދަދު ކަނޑައެޅިފައިވާ ލޯނެވެ. އަދި ހަމައެހެންމެ މިއީ ރާއްޖޭގައި އިންސްޓޯލްމަންޓަށް ވެހިކަލް ދޫކުރާ ފަރާތްތަކުން މަހަކު ދައްކަން ޖެހޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދުތަކަށްވުރެންވެސް ކުޑަ އަދެދެކެވެ.

މި ގޮތުން ރަހުނަކާ ނުލައި 500،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބިގެން ދާނެއެވެ.

ބީއެމްއެލް ވެހިކަލް ލޯނަށް އެދި ހުށަހަޅާއިރު ގަންނަން ބޭނުންވާ ވެހިކަލްގެ %20 ކަސްޓަމަރު އަމިއްލަ އަށް ޚަރަދު ކުރަންޖެހޭނެއެވެ. ބީއެމްއެލް ވެހިކަލް ލޯން ގެ ދަށުން ގަންނަން ހުށައަޅާ ކޯޓޭޝަނަކީ ބީއެމްއެލް އާއެކު އެގްރީމަންޓް ކުރެވިފައިވާ ޑީލަރއެއްގެ ކޯޓޭޝަނަކަށް ވާންވާނެއެވެ. އަދި މި ލޯނުގެ ދަށުން ގަނެވޭ ވެހިކަލް ވާންޖެހޭނީ ރާއްޖެއަށް އިމްޕޯޓް ކުރެވިފައިވާ ވެހިކަލް އަކަށެވެ. ބޭންކާއެކު އެއްބަސްވުން ހަދާފައިވާ ވެހިކަލް ޑީލަރސްގެ ލިސްޓް ބޭންކް ވެބްސައިޓްގައި ޝާއިއުކޮށްފައިވާނެއެވެ.

ބީއެމްއެލް ވެހިކަލް ލޯނަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ބޭނުންވާ ލިޔެކިއުންތަކާއެކު ބީއެމްއެލްގެ ކޮންމެ ބްރާންޗްއަކަށްވެސް ހުށަހެޅިދާނެއެވެ. އަދި އިންޓަނެޓް ބޭންކިންއަށް ލޮގިން ކުރުމަށް ފަހު އޮންލައިން ކޮށްވެސް ހުށަހެޅިދާނެއެވެ.

Advertisement

ކޮމެންޓް

Advertisement