ސްރީދޭވީ ގެ މަރަށް އެއް އަހަރު: ބޮލީވުޑް ފަންނާނުންގެ ޝުޢޫރުތައް!

25 Feb 2019 | 09:08

މީގެ އެއް އަހަރު ކުރިން ކުއްލި ގޮތަކަށް މި ދުނިޔެ ދޫކޮށް ދިޔައީ ބޮލީވުޑް ދުވަހަކުވެސް ނުދެކޭ ވަރުގެ ކުޅަދާނަ އަންހެން ބަޠަލާއެކެވެ. އުމުރުން 4 އަހަރުންސުރެ ފިލްމުތަކުން ފެނިގެންދިޔަ އެކްޓްރެސް ސްރީދޭވީ ވަނީ، ކާމިޔާބު އަދި ދިގު ކެރިއަރަކަށްފަހު މިދިޔަ އަހަރު، އޭނާ މަޑުކުރަމުން އައި ދުބާއިގެ ހޮޓަލެއްގައި ގެނބިގެން މަރުވެފައެވެ. އިންޑިއާގެ ފުރަތަމަ އަންހެން ސުޕާރސްޓާރ ގެ ލަޤަބް ހާސިލްކުރި ސްރީދޭވީ ގެ މަރަށް 1 އަހަރު ފުރިގެންދާއިރު، ބޮލީވުޑް ގެ ގިނަ ފަންނާނުންނެއް ވަނީ އޭނަގެ ހުނަރާއި އާދަޔާ ޚިލާފު ދިރިއުޅުމުގެ ހަނދާންތައް އާކޮށްފައެވެ.

ސްރިދޭވީ އާއި ގާތް ފަރާތްތަކުން ދަނީ، މީގެ ކުރިން ނުފެންނަ އެތައް ފޮޓޯތަކާއި ވާހަކަތަކެއް މެދުވެރިކޮށް ސްރީދޭވީގެ ހަނދާނުގައި މީސްމީޑިއާގައި ޕޯސްޓުތަކެއް ހިއްސާކުރަމުންނެވެ. އެގޮތުން ކަޕޫރް އާއިލާގެ ގިނަ މެމްބަރުންނެއްގެ އިތުރުން މަޝްޙޫރު ކޮރިއޯގްރަފާރ ފަރާހް ޚާން ވެސް ވަނީ ސްރީދޭވީގެ ހަނދާނުގައި އެމީހުންގެ އިހުސާސްތައް ފޭނުންނާއި ހިއްސާކޮށްފައެވެ. 

ސްރީދޭވީގެ އަންހެން ދަރިފުޅު ޖާންވީ ވެސް ވަނީ، އޭނާގެ މަންމަގެ ހަނދާނުގައި އަސަރުގަދަ ޕޯސްޓެއް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފަކަން ފާހަގަކޮށްލެވެއެވެ. ޖާންވީ ލިޔެފައިވަނީ، މަންމަ ނިޔާވުމުން އަބަދުވެސް ހިތް ބަރުވާނެކަމާއި، އެހެންނަމަވެސް މަންމަ ހިތުގައި ބަހައްޓައިގެން އަބަދުވެސް އޭނާ ހިނިތުންވާނެކަމަށެވެ.

މީގެ އިތުރުންވެސް ސޯނަމް ކަޕޫރް، ޝަބާނާ އަޒްމީ އަދި އަނުޕަމް ޚޭރް ފަދަ ފުންނާބު އުސް ފަންނާނުންތަކެއް ވަނީ ސްރީދޭވީގެ އާދަޔާ ޚިލާފު ހުނަރަށް ތަޢުރީފުކޮށް ޝުޢޫރުތައް ފާހަގަކޮށްފައެވެ.

ސްރީދޭވީ އަކީ އޭނާގެ ދިގު ކެރިއަރުގައި ބޮލީވުޑްގެ އެތައް ލަޤަބަކާއި އެވޯޑުތަކެއް ހާސިލްކޮށްފައިވާ، ގިނަ ތަރިންތަކަކާއި އެކު މޮޅެތި އުފެއްދުންތަކެއްގައި ހިއްސާދާރުވެފައިވާ އަންހެން ފަންނާނެކެވެ. އޭނާއަކީ އިހުގެ ބޮލީވުޑް އަށް ލޯބިކުރާ ފަރާތްތަކުގެ ހިތްތަކުގައި ވަރަށް ޙާއްސަ ޖާގައެއް ލިބިފައިވާ އެކްޓްރެސް އެއްކަން ފާހަގަކޮށްލެވެއެވެ. އަދި އޭނާގެ މަރާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިއަދު ދަނީ ސްރީދޭވީގެ ދިރިއުޅުމާއި ހުނަރުތަކާއި ގުޅިފައިވާ އެތައް ވާހަކަތައް ދެކެވެމުންނެވެ.

Advertisement

ކޮމެންޓް

Advertisement