ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރ ކަމަށް އުރީދޫ

25 Feb 2019 | 09:01

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ) އިން ބާއްވާ ރާއްޖޭގެ ފުރަތަމަ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރ ކަމަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

މިގޮތުން، އެމް.އޭ.އެޗް.އާރް.ޕީގެ ރައީސް ހުސެން އަފީފް، އެމް.އޭ.އެޗް.އާރް.ޕީގެ އެކްޒެކެޓިވް ސެކްރެޓަރީ އަލީ އާދަމް، އުރީދޫގެ ޑައިރެކްޓަރ އޮފް ހިއުމަން ރިސޯސަސް މުހައްމަދު ޝާހިދު، އަދި އުރީދޫގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސެން ނިޔާޒުގެ ބައިވެރިވުމާއި އެކު، އުރީދޫ ހެޑްކުއާޓާސްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، އުރީދޫ މޯލްޑިވްސް އަދި އެމް.އޭ.އެޗް.އާރް.ޕީ އާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ.

އެޗް.އާރް ޕްރޮފެޝަނަލުންނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިވެންޓު ކަމުގައިވާ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ގައި، މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ އަދި އިތުބާރުހުރި އެޗް.އާރް ލީޑަރުންނާއި ފަންނުވެރިންގެ ފަރާތުން، ދާއިރާގެ ފަހުގެ މައުލޫމާތާއި، ރޭވުންތަކާއި، އީޖާދީ އަދި އެންމެ ރަނގަޅު ޕްރެކްޓިސްތައް ހިއްސާކުރެވިގެންދާނެ އެވެ.

"ވިޔަފާރީގެ ސްޓްރެޓެޖިކް ބައިވެރިއެއްގެ ގޮތުގައި އެޗް.އާރުގެ ދައުރު ވަނީ އަދުގެ ދުނިޔޭގައި އިތުރަށް މުހިންމުވެފައި. މިފަދަ ދަނޑިވަޅެއްގައި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ހިއުމަން ރިސޯސް ވިއުގަ ބިނާކޮށް، ކުރިއެރުވުމަށްޓަކައި، ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ ފަދަ ހަރަކާތްތައް ވަރަށްވެސް މުހިންމު. ޓައިޓަލް ސްޕޮންސާގެ ގޮތުގައި މި އެކްސްޕޯ އަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ، އުރީދޫ މޯލްޑިވްސް އަށް ލިބޭ ޚާއްސަ އުފަލެއް. އަދި އަޅުގަނޑުމެން އުއްމީދުކުރަނީ، ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގައި ބައިވެރިވާ އެންމެހާ އެޗް.އާރްގެ ފަންނުވެރިންނަށް މިއީ ވަރަށްވެސް ބޭނުންތެރި ތަޖުރިބާއަކަށް ވެގެންދާނެކަމަށް." އުރީދޫގެ ޑައިރެކްޓަރ އޮފް ހިއުމަން ރިސޯސަސް މުހައްމަދު ޝާހިދު ވިދާޅުވިއެވެ.

"ރާއްޖޭގެ ފުރަތަމަ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އިންތިޒާމު ކުރުމުގައި، އުރީދޫ މޯލްޑިވްސް އާއި ބައިވެރިވެވުމަކީ އަޅުގަނޑުމެންނަށް ލިބުނު ޚާއްސަ އުފަލެއް. މިކަމަށް އުރީދޫ ހޮވާފައިވަނީ، ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ފުރިހަމަ އެއް ކުންފުނީގެ ގޮތުގައި، އެޗް.އާރްގެ ދާއިރާއިން އައު އުސްމިންތައް ޙާސިލްކޮށްފައިވުމާއިއެކު. މި ޕާޓްނާޝިޕްގެ ސަބަބުން އެމް.އޭ.އެޗް.އާރް.ޕީ އާއި އަޅުގަނޑުމެންގެ މެންބަރުންނަށް ވެސް ފައިދާކުރާނެކަމަށް އަޅުގަނޑު ގަބޫލުކުރަން." އެމް.އޭ.އެޗް.އާރް.ޕީގެ ރައީސް، ހުސެން އަފީފް ވިދާޅުވިއެވެ.

ނެޝަނަލް އެޗް.އާރް ކޮންވެންޝަންގެ ފުރަތަމަ ހަރަކާތުގެ ތީމް އަކީ "ފިއުޗަރ އޮފް އެޗް.އާރް އަދި ވަރކް" ކަމަށްވެފައި، މައިގަނޑު ހަތަރު ދާއިރާ އަކަށް ސަމާލުކަން ދޭނެއެވެ. މިއީ، މުވައްޒަފުންގެ ކުރިއެރުވުން އަދި އާދަކާދަ، މުވައްޒަފުންގެ ދުޅަހެޔޮކަން އަދި މަސައްކަތައް ހުންނަ ޝައުގުވެރިކަން، އެޗް.އާރުގެ މަސައްކަތްތައް ޑިޖިޓަލް ކުރުމާއި އީޖާދުތައް، އަދި ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި އެޗް.އާރުގެ ދައުރާއި މުސްތަޤްބަލުގެ މަސައްކަތްތަށް، މި ހަތަރު ދާއިރާ އެވެ.

ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ބޭއްވުމަށް ހަމަޖެހިފައިވާނީ 4 އަދި 5 މާރޗު 2019 ގައި، ދަރުބާރުގޭގައެވެ. މި ކޮންވެންޝަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ބޭފުޅުން، https://form.jotform.me/90261142208446 މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ. އިވެންޓާއި ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ، https://mahrp.org/ އަށް ޒިޔާރަތް ކުރައްވާށެވެ.

Advertisement

ކޮމެންޓް

Advertisement