Advertisement

އުސްމާނީ ޚިލާފަތުގެ ރަނިކަމަނާއެއްގެ ލޯބީގެ މިސާލެއް

25 Feb 2019 | 13:05

މީލާދީން 1500 ގެ ތެރޭގައި އޮޓަމަން ނުވަތަ އުސްމާނީ ޚިލާފަތުގެ ރަސްކަލެއްގެ އަޅު-އަނބިކަނބަލުން ނުވަތަ ރަނިކަމަނާ، ރަސްގެފާނަށް ލިޔުއްވާފައިވާ ލޯބީގެ ސިޓީފުޅެއް ތުރުކީގެ ރިޔާސީ އާކައިވުން އާއްމުކުރުމުން ވަރަށް ބޮޑު މަގްބޫލުކަމެއް އެސިޓީފުޅަށް ލިބިގެން ހިގައްޖެއެވެ.

އެސިޓީފުޅު ލިޔުއްވާފައިވަނީ ސުލްތާން ސުލައިމާންގެ އަނބިކަނބަލުން ހުއްރެމް އެވެ. ސުލްތާން ސުލައިމާނަކީ އުސްމާނީ ޚިލާފަތުގެ އެންމެ ކާމިޔާބު ރަސްގެފާނުގެ ގޮތުގައި ތާރީޚް އިލްމުވެރިން ގަބޫލުކުރެއެވެ.

ރިވެތިކަމާއި ފުރިހަމަ ކަމުގެ ވެރި ރަނިކަމަނާ ހުއްރެމްއަކީ ފުރަތަމަ ރަސްގެފާނުގެ އަޅުކުއްޖެއްގެ ގޮތުގައި ހުރި ކުއްޖެކެވެ. ފަހުން ރަސްގެފާނު ކައިވެނިފުޅު ބައްލަވައިގަތީ އެވެ. މިސިޓީފުޅުު ލިއުއްވާފައިވަނީ ރަސްގެފާނު ހަނގުރާމައަކަށް ނުކުމެވަޑައިގެން ހުންނަވަނިކޮށެވެ. މިސިޓީފުޅު އާއްމުކުރަމުން ތުރުކީގެ ރިޔާސީ އާކައިވުން ބުނެފައިވަނީ މިއީ ތުރުކީގެ ޅެންވެރިކަމުގެ ގުލްޒާރުގެ މިސާލެއް ކަމުގައެވެ.

ލޯބިވާ ފިރިކަލުންނަށް ރަނިކަމަނާ ލިޔުއްވާފައިވެއެވެ.

" ﷲ އުފައްދަވާފައިވާ މިކާއިނާތުގެ ތެރެއަށް އަހުރެން ގެއްލިއްޖެއެވެ. އަހުރެންގެ އެންމެ އުފާވެރި ދުވަސްތައް އަހުރެން ހޭދަކުރީ ކަލާގެ ރަންފޮށީގައިވާ ޖަވާހިރެއް ފަދައިން ކަލާގެ ރައްކާތެރިކަމުގެ ދަށުގައެވެ. ވަރަށް އާދޭހާއެކު ދަންނަވަނީ ކަލާ ނެތުމުން ހިތާމައިގައި ހާލުގައިޖެހިފައިވާ ކަލާގެ އަޅުގެ ވޭނުންފުރިފައިވާ އުދާސްތައް ގަބޫލުފުޅު ކޮށްދެއްވުމަށެވެ. އަހުރެންގެ ހިތަށް ފިނިކަންލިބި ހަމަޖެހުން ލިބެނީ ހަމައެކަނި ކަލާއާޖެހިގެން ކައިރީގައިވާ ހިނދުއެވެ.

ކަލާއާ އެކުގައިވާ ހިނދުގައި އަހުރެންނަށް އެލިބޭ އުފަލާއި ހިތްހަމަޖެހުން ބުނެދޭނެ އިބާރާތެއް، ލިޔެވޭހާ ދެއްޔެއް ނުވެއެވެ. އަހުރެމެން އެކީގައި ހޭދަކުރި ދުވަސްތަކާއި އެކަކުއަނެކަކާއި ބަދަލުކުރި ހިނދުހިނދުކޮޅުތަކުގެ ހަނދާންތަކުން ކަލާގެ އަޅުގެ ހިތްވަނީ ފުރިފައެވެ. ކަލާ ނޫޅުއްވާ ހިނދުތަކުގައި އަހުރެންގެ ހިތް ސާބިތުކޮށްދެނީ އެހަނދާންތަކުންނެވެ. ކަލާ ދަތުރުގައި ދުރުގައި އުޅުއްވާއިރު އަހުރެންގެ ހިތުގައި އަޅާވޭންތައް ފިލުވައިދޭނެ އެހެން އެއްވެސް މީހަކު ނުވެއެވެ." ރަނިކަމަނާ 1526 ގައި ލިޔުއްވާފައި ވެއެވެ. މިސިޓީފުޅާއެކު އެކަމަނާގެ ކަރުނުން ތެންމާފައިވާ ހެދުންކޮޅެއްވެސް ފޮނުއްވިއެވެ.

" އަހުރެންގެ ދިރިހުރުމާއެވެ. އަހުރެންގެ ހުރިހާކަމެއްގެ ވެރިޔާއެވެ. އަހުރެންގެ ލޯބިވާ ރަސްގެފާނެވެ. އަހުރެންގެ ހަމައެކަނި ދުއާއަކީ ކަލާގެ އުޖާލާ މޫނުފުޅު އަލުން ދެއްކެވުމެވެ. މިވަގުތުން ފެށިގެން މިފަދަ އިތުރު ވަކިވެދިއުމެއް ދެން ނުލެއްވެވުމެވެ. އަހުރެންގެ ދުއާއަކީ އަހުރެންގެ ރަސްގެފާނު، އަހުރެންގެ ލޯބިވާ، އަބަދުވެސް އުފާވެރިކަންމަތީގައި މި ދުނިޔޭގައާއި އަދި އާޚިރަތުގައިވެސް ލެއްވުމެވެ." ސިޓީފުޅުގައި ލިޔުއްވާފައި ވެއެވެ.

" ކަލާ އަބަދުވެސް ކަލާގެ ދުޝްމަނުންގެ މައްޗަށް ކާމިޔާބު ހޯއްދަވަމުއެވެ. އަހުރެންނަށް އެގެއެވެ. އަހުރެންގެ ސުލްތާނު އޭނަގެ އަޅު އަންހެންކުއްޖާގެ މައްޗަށް ހިތްޕުޅު ތިރިކުރައްވައި ކަރުނަތައް ފޮއްސަވައިދެއްވައެވެ. އޭނާ އުފަލުގައި ބަހައްޓަވައެވެ. އަހުރެން އިސްލާމްދީން ގަބޫލުކުރީ ކަލާގެ ސަބަބުންނެވެ. އަހުރެންނަށް އުފާވެރިކަން ލިބެނީ ހަމައެކަނި ކަލާގެ އަރިހުގައި ހުންނައިރުއެވެ. އަހުރެންގެ ކަރުނައިން ތެމިފައިވާ ހެދުން ކަލާއަށް ފޮނުވަމެވެ. އަހުރެން އެދެނީ އަހުރެންނަށްޓަކައި ކަލާ އެހެދުން ތުރުކުރެއްވުމެވެ."

ހުއްރެމް ރަސްގެފާނުގެ ގަނޑުވަރަށް ގެނެސްފައިވަނީ އުމުރުން 15 އަހަރުގައި އަޅުއަންހެން ކުއްޖެއްގެ ގޮތުގައެވެ. އެޭގެ ފަހުން އޭނާއަށް ސުލައިމާން ރަސްގެފާނުގެ ސަމާލުކަން ހުއްޓުނެވެ. އެއަށްފަހު ރަަސްގެފާނު ގާނޫނީ ގޮތުން ސައްހަ އަނބިކަނބަލަކަށް ހެއްދެވީއެވެ. ހުއްރެމްއާއި ރަސްގެފާނަށް 6 ބޭފުޅުން ލިބިވަޑައިގެންނެވިއެވެ.

މިސިޓީފުޅުގެ ވާހަކަ މިގެނެސްދިނީ އަޅުގަނޑުމެންގެ މުޖްތަމައުގައިވެސް ދެމަފިރިންގެ ދެމުގައި އޮންނަންވީ ލޯބީގެ ގުޅުންތަކާއި ދެމެފިރިންގެ ޝެއަރކުރުންތަކަށް މިފަދަ ހާދިސާތަކުން އިބްރަތެއް ހާސިލުކޮށްދެވޭތޯ ބެލުމަށެވެ. އެހެން އެއްވެސް ބޭނުމެއްނެތެވެ.

Advertisement

ކޮމެންޓް