ޓޫރިޒަމް މިނިސްޓަރ އިސްތިއުފާ ދެއްވާ ހިސާބަށް ނުދަނީތޯއެވެ؟

27 Feb 2019 | 01:27

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މަގާމުން އިސްތިއުފާދެއްވަންޖެހޭ ހިސާބަށް ފަތުރުވެރިކަމުގެ ދާއިރާގެ ހާލަތު ހިގައްޖެކަމަށް މިހާރު ނުބުނެވޭނެތޯއެވެ. އަދި އޭނާގެ ފަހަތުން މަޓީގެ ބޯޑްމެމްބަރުންނާއިމެދު ޝައްކުގެ ނަޒަރަކުން ބަލަން ޖެހިއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެރިކަމަށް ވަޑައިގެން، އެމްޑީޕީގެ ކުރީގެ ރައީސް އަދި ފަހުން ޖޭޕީގެ ރައީސްކަމަށް ވަޑައިގަތް، އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫގެ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާފައިވާ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރކަމުގެ މަގާމަށްލައްވއި ހުވާކުރެއްވީއްސުރެ، ރާއްޖޭގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށ ރިސޯޓެއްގައި ނުވަތަ ގެސްޓް ހައުސްއެއްގައި ފަތުރުވެރިޔަކު އެބަ މަރުވެއެވެ.

މިއީ މީގެ ކުރިން ދިވެހި ރާއްޖެއިން ފެނިފައިވާ ބިރުވެރި މާހައުލެއްނޫނެވެ. މީހުން މަރުވާންފެށުމުން ޓޫރިޒަމް މިނިސްޓްރީން ފެށީ ރިސޯޓްތައް ސުޕަވައިޒްކުރުމުގެ ހަތް މަހަށް ދެމިގެންދާ ޕްރޮގްރާމެކެވެ.

މިނިސްޓަރ އަލީވަހީދު ވިދާޅުވީ ކަންކަން ރަނގަޅުކުރުމަށް ރިސޯޓްތަކަށް ބާރުއަޅަންފަށާނީ މި ސްޕަވިޝަންއެއް ނިމުނީމާ ކަމުގައެވެ.

ރިސޯޓްތަކުގައި ފަތުރުވެރިން މަރުވަމުންދާ ނިސްބަތް އޮތްލެއް ބޮޑުކަމުން އަދި އެކަމާ ޓޫރިޒަމް މިނިސްޓަރގެ އަދި ސަރުކާރުގެވެސް މާކަބޮޑު ސަމާލުކަމެއް ދޭތަން ނުފެންނާތީ އަދި މަޓީންވެސް ހިމެނޭނުން އޮންނާތީ މިއީ ގަސްދުގައި ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ގެއްލުންދިނުމަށް މާޓީއާއި ޓޫރިޒަމް މިނިސްޓްރީއާއި ސަރުކާރުންވެސް ބޭނުންވެގެން އުފެދިގެން އުޅޭމާހައުލެއްކަމަށް ނުބުނެވޭނެތޯއެވެ.

ޓޫރިޒަމް މިނިސްޓްރީއަށް ރާއްޖެއަންނަ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އެޅުމަށްވުރެ ޔޫތު މިނިސްޓްރީ ވަގުތީގޮތުން ހިންގަން ހަވާލުކުރެއްވީމާ އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރުމުގެ ރޭވުންތައް ރާވައި ސިޔާސީ ކުޅި ހިންގަން އުޅޭތަން މާބޮޑަށް ފެނެއެވެ.

ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ބައްދަލުކޮށް ހުރިމައްސަލަތައް ފާހަގަކޮށް ވަރަށް ހީވާގިވެގެން އުޅޭތަން ފެނެއެވެ. އެކަމަކު ރާއްޖޭގެ ރިސޯޓްތަކުގައި މީހުން މަރުވުމުގެ ގުދުރަތީ ކާރިސާއެއްފަދަ ކަންތައްގަނޑެއް ހިގަމުންދާއިރު ކަހާތަން ހިރުވާލާހެނެއްވެސް ހިއެއްނުވެއެވެ.

އިންޑަސްޓްރީގެ މީހުން އެއްކޮށްގެން އެކަމާއިއުޅޭތަނެއް ނުފެނެއެވެ. މާ ކަންބޮޑުވެގެން އުޅޭކަމަކަށްނުވެއެވެ. ދިވެހި ރާއްޖެއަށް 2004 ވަނަ އަހަރު ސުނާމީ އަރައި މީހުން މަރުވި އަދަދަށްވުރެ ތިން މަސްދުވަހުގެތެރޭގައި ރާއްޖޭގެ ރިސޯޓްތަކުގައާއި ގެސްޓްހައުސްތަކުގައި މަރުވި މީހުންނާއި ގޮތްނޭގޭގޮތްގޮތަށް މަރުވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

އެއްގޮތަކުން ބަލާނަމަ މިއީ ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތާއިވެސް ގުޅޭ މައްސަލައެކެވެ. ދިވެހި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ކޮންމެ ގެއްލުމަކީ ގައުމީ ސަލާމަތަށް އަސަރުކުރާނެކަމެކެވެ. ސަބަބަކީ ދިވެހި ރާއްޖޭގެ އިގްތިސާދަށް އެއިން ފޯރާނެ ސީދާ އަސަރު ބޮޑުކަމެވެ.

އެކަމަކު ގައުމީ ސަލާމަތާއިބެހޭ އިދާރާއިން އެފަދައިން ނުދެކޭތާއެވެ. ބޭރުގެ ފަތުރުވެރިންނަށް މިތަސައްވުރުކޮށްދެނީ ރާއްޖޭގެ ރީތި މޫދުގެ ބިރުވެރިކަމެވެ. އެމޫދަށް އެރޭ މީހުންގެތެރެއިން މިހާ ގިނައަދަދަކަށް މަރުގެ ކޭސްތައް ރިޕޯޓްކުރެވޭނަމަ ރާއްޖޭގައި ރިސޯޓްތަކުގައި ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅާލުމެއްނެތް މިންވަރު ދޭހަކޮށްދެއެވެ. 

Advertisement

ކޮމެންޓް