އިންޑިޔާއިން ޕާކިސްތާނަށްދިން ވައިގެހަމަލާއިން ހާސިލުކުރެވުނީ ކޮންކަމެއް؟

02 Mar 2019 | 10:49

އިންޑިޔާގެ ހަގުރާމަމަތީ ފައިޓަރޖެޓްތައް އަވަށްޓެރި ޕާކިސްތާނުގެ ކޮންޓްރޯލް އޮންނަ ކަޝްމީރުގެ ވައިގެ ސަރަހައްދަށްވަދެ އެންމެފަހުން ދިން ހަމަލާއަކީ 1971 ވަނަ އަހަރު ދެގައުމުން ކުރި ހަގުރާމައަށްފަހު ދިން މިފަދަ ފުރަތަމަ ވައިގެ ހަމަލާއެވެ. މިހަމަލާއާއިވިދިގެން ޕާކިސްތާނުން ބުނެފައިވަނީ އިންޑިޔާގެ އަސްކަރީ ދެބޯޓެއް ވަށްޓާލާފައިވާކަމަށެވެ. އަދި އެއްބޯޓްގެ ޕައިލެޓް ހައްޔަރުކޮށް އިންޑިޔާއިން އެކަމަށް އެއްބަސްވެ، މިހުކުރު ދުވަހު އޭނާ އިންޑިޔާއާއި ހަވާލުކުރާގޮތަށް ޕާކިސްތާނުގެ ބޮޑުވަޒީރު ނިންމާފައިވާކަމަށް ޚަބަރުތައްބުނެއެވެ.

ޕާކިސްތާނުން ކޮންޓްރޯލްކުރާ ވައިގެ ސަރަހައްދަށްވަދެ އިންޑީޔާއިން ހަމަލާދީފައިވަނީ ކަޝްމީރުގައި އިންޑީޔާ ސިފައިން ދަތުރުކުރި ވެހިކަލްތަކަށް އަމިއްލައަށް މަރުވެގެން ހަގުރާމަވެރިއަކު ދިން ހަމަލާގައި އިންޑިޔާ ސިފައިންގެ 40 މީހުން މަރުވުމުން އެކަމުގެ ބަދަލުހިފުމަށެވެ. އިންޑިޔާއިން ބޮންއަޅައިގެން ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަގުރާމަވެރި ޖަމާއަތެއްގެ މަރުކަޒު ހަލާކުކޮށް 300 ހަގުރާމަވެރިން މަރުވެފައިވާކަމަށް އިންޑިޔާއިން ބުނެއެވެ. އެހެންނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އާއްމުންގެ މީހަކު ޒަޚަމްވުން ފިޔައި އިންޑިޔާއިންބުނާ މީހުންތަކެއް މަރުވެފައެއްނުވެއެވެ. އިންޑީޔާއިން ޕާކިސްތާނު ކޮންޓްރޯލްކުރާ ވައިގެ ސަރަހައްދުގެ ހުރުމަތްކަނޑައިލުމުން ޕާކިސްތާނުންވެސްވަނީ އެގައުމުގެ އަސްކަރީ ޖެޓްތަކެއް އިންޑިޔާއިން ކޮންޓްރޯލްކުރާ ސަރަހައްދުތެރެއަށް ފޮނުވައި އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުންނުވާގޮތަށް ހާމަތަނަކަށް ބޮންއަޅާފައެވެ. އިންޑިޔާގެ ސަރަހައްދަށްވަނީ ޕާކިސްތާނުގެ ސާބިތުކަންދެއްކުމަށެވެ. ހާމަތަނަކަށް ބޮންއެޅީ ދެގައުމުގެ ދެމެދުގައި ހަގުރާމައިގެ ނުތަނަވަސްކަމެއް އިތުނުކުރުމުގެގޮތުންކަމަށް ޕާކިސްތާނުން ބުނެއެވެ.

މައްސަލަ އިތުރަށް ހޫނުކުރާކަށް އިންޑިޔާއިން މިހާރު ބޭނުމެއްނޫން

ކޮންމެއަކަސް އިންޑިޔާއިން ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ މިދިންހަމަލާއާއިގުޅިގެން ވާރަށް ފާހަގަކުރެވޭ ކަންތައްތަކެއްދަނީ ފެންނަމުންނެވެ. އެކަންއެއީ ސަރަހައްދުގެ އެހެންގައުމުތަކަށްވެސް އިބްރަތަކަށްފުދޭފަދަ ކަންތައްތަކެކެވެ.

ދެބަސްވެވެން ނެތްގޮތުގައި އިންޑިޔާގެ ހަމަލާއަކީ އެގައުމުގެ އަސްކަރީ އާރާއިބާރާއި ހައިބަތު އިގްތިސާދީގޮތުން ވަރަށް ބޮޑު ދަތިތަކަކާއިކުރިމަތިވެފައިވާ ޕާކިސްތާނަށް ދައްކައިލުމެވެ. މާވަރުގަދަ ރައްދެއް ޕާކިސްތާނުން ދީފާނެކަމަކަށް ހިޔެއް ނުކުރެއެވެ. ކަޝްމީރުގައި އިންޑިޔާގެ ސިފައިންތަކެއް މަރުވުމުން ޕާކިސްތާނަށް ފިލާވަޅެއްދިނުމަށް އިންޑިޔާގައި ވަރަށް ބޮޑަށް އެގައުމުގެ ސަރުކާރަށް ބާރުއެޅެމުންގޮސްފައިވެއެވެ. މީގެކުރިން ޗައިނާއާއި ގުޅޭ ސަރަހައްދީ ރޮނގުކައިރިއަށް އިންޑިޔާއިން ސިފައިން ޖަމާކޮށް ޗައިނާއާއި ހަގުރާމަކުރުމަށް ބާރުއަޅަމުންދިޔަ ފަދައިންނެވެ. ޗައިނާއާއި އަސްކަރީ ކުރިމަތިލުމަކަށް ދާން ބޭނުންނުވާތީ ބޮޑުވަޒިރު މޯދީ ބެއިޖިންގއަށް ދަތުރުފުޅެއްކުރައްވައި ޗައިނާގެ ލީޑަރުންނާއި ސަލާންގަލާންކޮށްހެދުމުން އިންޑިޔާގެ ޕަބްލިކްގެ ޚިޔާލު ބަދަލުވެ ދެގައުމުގެ ދެމެދުގައި އޮތް ޓެންޝަން ފިނިވެގެންދިޔައީއެވެ. އެހެންނަމަވެސް ކަޝްމީރުގައި އިންޑިޔާ ސިފައިންގެ ވަރަށް ގިނަ މީހުން މަރުވުމުން އިންޑީޔާގެ މީޑިއާގައި ރުޅިވެރިކަމާއި އަދި ސޯޝަލް މީޑިއާ ކެކިގަތެވެ. ޕާކިސްތާނަށް ވަރުގަދަ ފިލާވަޅެއްދިނުމަށް ސަރުކާރަށް ގޮވަންފެށިއެވެ. މީޑިއާގައި ހަގުރާމައިގެ ބެރު މުޅިގައުމަށް ޖަހަންފެށިއެވެ. ގާނޫންހަދާ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންދުވަސްވަރުކަމަށްވުމުން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ގަޓްކަމާއި ގައުމީވަންތަކަން ޓެސްޓްކުރެވޭކަމަކަށްވިއެވެ. އެންމެފަހުން އަންގާރަ ދުވަހު އިންޑިޔާގެ އަސްކަރީ ބޯޓްތަކުން ހަމަލާދިން ކަން އިއުލާންކުރުމާއެކު އުފާފާޅުކޮށް ނަށައިގަނެވުނެވެ. ސޯޝަލް މީޑިއާ ހޭޝްޓެގްތަކުގައި އިންޑިޔާ ސްޓްރައިކްސްބެކް އަދި ހައު އިޒްދަ ޖޯޝް ފަދަ ނަންނަމުގައި ވަރަށް ފޯރިހިފައިލިއެވެ. އެހެންނަމަވެސް އިންޑިޔާގެ ވިންގްކޮމާންޑަރަކު ޕާކިސްތާނުން ހައްޔަރުކުރި ޚަބަރާއެކު އެޖޯޝް ކުއްލިއަކަށް މަރުވެއްޖެއެވެ. މިހާރުގެ ހިގާ ހޭޝްޓެގްތަކަކީ ކޮމާންޑަރަކީ ހީރޯއެއްކަމާއި، ސޭ ނޮޓް ޓު ވާ ފަދަ ހޭޝްޓެގްތަކެވެ. އަދި ހަމަލާދިނުމަށްފޮނުވި އިންޑިޔާގެ އަސްކަރީ ދެޖެޓް ވެށްޓި އެކަކު ހައްޔަރުކުރުމުން ބޮޕޑުވަޒީރު ނަރެންދުރަމޯދީއަށް ކިޔޭ ފާޑުކިޔުމަކަށް ހުރިހާކަމެއްވަނީ ބަދަލުވެފައިވެއެވެ. ކުރިން އިންތިޚާބީ ބޫސްޓެއްގެގޮތުގައި ބެލެވުނުކަންތައްމިހާރުވަނީ އިންޑިޔާއަށް ކުރެވުނު އިހާނާތެރިކަމަކަށްވެ ބޮޑުވަޒީރު މޯދީއަށް ވަރަށް ބޮޑު ގެއްލުމަކަށް ވަނީ ވެފައެވެ.

މިހަމަލާތަކަށްފަހު ދެގައުމުގެ ދެމެދުގައި އުފެދުނު ހަގުރާމައިގެ ކުއްލި ނުތަނަވަސްކަން ފިނިކުރެވޭތޯ ދެގައުމުންވެސް މިހާރުވަނީ މަސައްކަތްފަށާފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އިންޑިޔާއަށް ގޮވައިލެއްވީ ސުލްހައިގެ މޭޒުދޮށަށް އައުމަށެވެ. ހަގުރާމައެއް ފެށިއްޖެނަމަ އެއީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ އަތްދަށުން ކޮންޓްރޯލްދާގޮތަށް އިންޑިޔާގެ ބޮޑުވަޒީރު މޯދީގެ އަތުންވެސް ކޮންޓްރޯލް ގެއްލިގެންދާނެކަމަށް އިމްރާންޚާން ވިދާޅުވެފައިވެއެވެ. މިއާއިވިދިގެން އިންޑިޔާގެ ޚާރިޖީ ވަޒޫރާ ސުޝްމާ ސުވަރާޖް ވިދާޅުވެފައިވަނީ މަސްރަހު އިތުރަށް ހޫނުވެގެންދާގޮތެއް ހަދާކަށް އިންޑިޔާއިންވެސް ބޭނުންނުވާކަމަށެވެ. ކޮންމެއަކަސް ފެނިގެންމިދިޔައީ ސަރަހައްދުގެ ނިއުކްލިއަރ ދެބާރުގެނުރައްކާތެރި ކުރިމަތިލުމެކެވެ. އެކަމަކު މުހައްލިލުން ބުނާގޮތުގައި މިކަން ކޮންޓްރޯލުން ނެއްޓިގެންދާން ދެގައުމުންވެސް ބޭނުމެއްނުވެއެވެ. ދުނިޔޭގެ ބާރުތަކުންވެސްވަނީ ކެތްތެރިކަން އިސްކުރުމަށް ގޮވާލާފައެވެ.

Advertisement

ކޮމެންޓް

Advertisement