ބޭރުގެ ބަޔަކު ރާއްޖޭގެ ދާޚިލީކަންކަމާ ބެހެންޖެހޭވަރުގެ ކަމެއް ކޮށްފައެއް ނުވާނެ: ރައީސް

08 Sep 2018 | 15:20

ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާޚިލީކަންކަމާ ބެހެންޖެހޭވަރުގެ ކަމެއް މިސަރުކާރުން ކޮށްފައި ނުވާނޭކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން، ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާޚިލީކަންކަމާ ބެހެންޖެހޭވަރުގެ ކަމެއްނުކުރާކަމަށާއި، މި ސަރުކާރުން މަސައްކަތްކުރާނީ ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކުރުމަށްކަމަށެވެ.

ރާއްޖޭގައި ޑިމޮކްރަސީ ނެތްކަމަށް ވިދާޅުވާނެ ޖާގަ އެއްވެސް ފަރާތަކަށް ނޯންނާނެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން މަސައްކަތްކުރާނީ ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކުރުމަށްކަމަށެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީއެއް ނެތްކަމަށް ބޭރުގެ ފަރާތްތަކުން ގޮވަމުން ދަނީ އެއް ޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަމާއި އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ނެތީމަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ސަރުކާރުގައި އެކަންކަން އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގައި ތަންފީޒު ކުރަމުން ދަނީ ރާއްޖޭގެ ގާނޫނުތައް ކަމަށެވެ. އަދި މީހަކު ކުށްވެރި ވަނީ އެ މީހަކަށް ކޯޓުގައި މައުސޫމްކަން ސާބިތުނުކޮށް ދެމުވުން ކަމަށާއި އެއީ ކޯޓުތަކުގައި ހިނގާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.

މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މިއީ ސިޔާސީ މޫސުމެއްކަމަށާއި، މި ދުވަސްވަރު އެކި ފަރާތްތަކުން ހަދިޔާ ލިބުނު ނަމަވެސް އެ ހަދިޔާއަށް ނުވަތަ ނުފޫޒަށް ނުހެއްލި މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓަކީ ޤައުމުގެ ޙައްޤުގައި އިޚްލާސްތެރިކަމާއިއެކު ދެއްވާ ވޯޓެއްކަމުގައި ހެއްދެވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގަންވާކަމަށެވެ. 

Advertisement

ކޮމެންޓް