Advertisement

އެލް ކްލެސިކޯ ކާމިޔާބުކޮށް ބާސާ އެއްވަނައިގަ ހަމަޖެހިލައިފި

03 Mar 2019 | 07:18

ސްޕެއިން ލީގުގައި ރޭ ރެއާލް މެޑްރިޑް އަދި ބާސެލޯނާ ވާދަކުރި އެލް ކްލެސިކޯ ކާމިޔާބުކޮށް ބާސެލޯނާ ތާވަލުގެ އެއްވަނައިގަ ހަމަޖެހިލައިފިއެވެ.

މި މެޗް ބާސެލޯނާ 1-0 ގެ ހަނި ތަފާތަކުން ކާމިޔާބުކުރި އިރު އެޓީމުގެ ފަރާތުން ފެނުނު ހަމައެކަނި ގޯލް ޖަހައިދިނީ 26 ވަނަ މިނެޓުގައި މެދުތެރެއަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ތަރި ރަކިޓިޗްއެވެ. އޭނާ މި ގޯލް ޖެހީ ސާޖިއޯ ރޮބާޓޯ ހުސްކޮށްލާފަ ދިން ރީތި ޕާހަކުން ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް އަދި ކީޕަރު ކޯޓުއާ ބީޓްކޮށްލާފަ ޖެހި ޗިޕްއަކުންނެވެ.

ފެށުނީންސުރެ ފުރިހަމަ ވަގުތު ހަމަވުމައި ހަމައަށްވެސް މި މެޗުގައި ދެޓީމުގެ ފަރާތުން ވަރަށް ފޯރިގަދަ އަދި ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ޓީމެއްގެ ގޮތުގައި ރަނގަޅު ކުޅުމެއް ރެއާލްގެ ފަރާތުން ފެނިގެން ދިޔައިރު މި މެޗުގައި ބޮޑަށް ފާހަގަވެގެންދިޔައީ ބާސެލޯނާގެ ތަރި ލިއޯ މެސީގެ ކުޅުމެވެ. މެސީވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.

ލީގުގައި ބާކީ 12 މެޗް ކުރިއަށް އޮތްއިރު ބާސެލޯނާ އެއްވަނައިގަ އޮތީ 60 ޕޮއިންޓާއެކީގައެވެ. ތާވަލުގެ ތިންވަނައިގަ ރެއާލް އޮތީ 48 ޕޮއިންޓް ލިބިގެންނެވެ.

މެޗައި ބެހޭގޮތުން ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗް ވަލްވާޑޭ ބުނީ ކުރިއަށް ބައިވަރު މެޗްތަކެއް އެބަހުރި ކަމަށައި ބާސެލޯނެ ފަހަތުގައި އޮތް ރެއާލްއަކީ ޖެހިޖެހިގެން ބައިވަރު މެޗްތަކެއް ކާމިޔާބު ކުރުމުގެ ގާބިލުކަން ލިބިފައިވާ ޓީމެއް ކަމުގައެވެ. ރެއާލްގެ އިތުރުން އެޓްލެޓިކޯވެސް ލީގަށް ވާދަކުރާކަމަށްވެސް އޭނާ ފާހަގަކޮށްފައިވެއެވެ.

ތާވަލުގައި ތަފާތު ބޮޑުކޮށް ބާސެލޯނާ އެއްވަނައިގަ އޮތް ނަމަވެސް ލީގް ކަށަވަރު ނުވަނީސް އޭނާގެ ޓީމް ހުއްޓާނުލާނެ ކަމަށްވެސް ވަލްވާޑޭ ބުނެފައިވެއެވެ.

ރެއާލްގެ ކޯޗް ސޮލާރީ ބުނީ އެންމެ ފަހު ވަގުތައި ޖެހެންދެންވެސް އޭނާގެ ޓީމް ލީގް ކާމިޔާބުކުރުމަށް ހަނގުރާމަ ކުރާނެ ކަމުގައެވެ. ގޯލެއް ކާމިޔާބު ނުކުރެވުން ފިޔަވައި އެހެން ހުރިހާ ގޮތަކުން މި މެޗުގައި ރެއާލްއިން ބާސެލޯނާއަށް ފައިޓެއް ދިން ކަމުގައިވެސް އޭނާ ބުންޏެވެ.   

Advertisement

ކޮމެންޓް