ޓޮޓެންހަމް ހަނިގޮތަކަށް މޮޅުވިއިރު ވޮޓްފޯޑަށް ބޮޑު ބައްޔެއް

07 Oct 2018 | 06:00

މެޗުގެ ވަރަށް ކުރީކޮޅު އެރިކް ޑައަރ ޖަހައިދިން ހަމައެކަނި ލަނޑުން ޓޮޓެންހަމްއިން ތާވަލުގެ އެންމެ ފުލުގައި އޮތް ކާޑިފް އަތުން މޮޅުވެއްޖެއެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ކާޑިފްގެ މެދުތެރެއަށް ކުޅޭ ޖޯއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ޖޯއަށް ރަތް ކާޑު ދައްކާފައިވަނީ ޓޮޓެންހަމްގެ ލޫކަސްއަށް ކުރި ނުރައްކާތެރި ޓެކަލްއަކާއި ގުޅިގެންނެވެ.

މި ރަތް ކާޑުގެ ސަބަބުން ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއާއި ކާޑިފްގެ ކޯޗު ނީލް ވާނޮކްއާއި ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ބަދަލު ކުރެވިފައެވެ.

މި މޮޅާއެކު ޓޮޓެންހަމް ވަނީ ތާވަލުގެ 3 ވަނައަށް ވަގުތީ ގޮތުން އަރާފައެވެ. ލީގުގައި ކުޅުނު އެއްވެސް މެޗަކުން ކާޑިފް އަދި މޮޅުވެފައެއް ނެތެވެ. 

ވޮޓްފޯޑުގެ އަމިއްލަ ދަނޑުގައި ބޯންމައުތާއި ދެކޮޅަށް ކުޅުނު މެޗުން ވޮޓްފޯޑް ބަލިވެފައިވަނީ 4-0 ގެ ބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ގިނަ ވަގުތު ވޮޓްފޯޑުން ކުޅެފައިވަނީ 10 ކުޅުން ތެރިންނާއެކުގައެވެ. އެއީ އެ ޓީމުގެ ޑިފެންޑަރު ކަބަސެލޭއަށް ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުގެ ސަބަބުންނެވެ.

ޖޯޝުއާ ކިންގް ބޯންމައުތަށް ދެ ލަނޑު ޖަހައިދިން އިރު އަނެއް ދެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޑޭވިޑް ބުރޫކްސް އަދި ކެލަމް ވިލްސަންއެވެ.

މި ނަތީޖާއަށް ފަހު މި ސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ބޯންމައުތް އޮތީ 8 މެޗު ކުޅެ 5 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެ ލިބުނު 16 ޕޮއިންޓާއެކު ތާވަލުގެ 5 ވަނައިގައެވެ.  

Advertisement

ކޮމެންޓް

Advertisement