މުޒާހަރާ ކުރަން ގޮވާލުމާއެކު ދިރާގު ސެމްސަންގ އިވެންޓް ފަސްކޮށްފި

04 Mar 2019 | 21:33

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު، ގެލެކްސީ އެސް 10 ރާއްޖޭގައި ރަސްމީކޮށް މިރޭ ތައާރަފު ކުރަން އޮތް ރަސްމިއްޔާތު މާދަމާއަށް ފަސްކޮށްފިއެވެ.

މި އިވެންޓް ބާއްވަން މިހާރު ގަސްތުކޮށްފައިވަނީ އާއްމުކޮށް ހުރިހާ ބޭފުޅުންނަށް ހުޅުވާލައިގެން، ދިރާގު ހެޑް އޮފީހުގައި މާދަމާގެ ރޭ 8:15 ގައި އެވެ. މި ހަފްލާގައި ސެމްސަންގ އިލެކްޓްރޯނިކްސްގެ ރީޖަނަލް ބްރާންޗްގެ އިސްވެރިން ބައިވެރިވާނެއެވެ.

މި އިވެންޓް ބޭއްވުމަށް ހަަމަޖެހިފައިވާތަނާއި ތާރީޚު ބަދަލުކުރީ އެކަމާއި މެދު ގިނަބަޔަކު ނުރުހުން ފާޅުކުރަމުންދަނިކޮށެވެ. އެގޮތުން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ ވަނީ އެތަނުގައި މި އިވެންޓް ބާއްވައިފިނަމަ މުޒާހަރާ ކުރާނެކަމުގެ އިންޒާރު ދީފައެވެ.

"ނިއުޕޯޓްގެ ވެރިޔަކީ ދައުލަތުގެ މާލިއްޔަތުން ނަހަަމަ ފައިދާ ހޯދިކަމުގެ ތުހުމަތުކުރެވޭ އަދި ޔާމިން ރަޝީދަށް މަރުގެ އިންޒާރުދިން ޒާހިދު ކްރިއޭޓަރ"، ޝަހިންދާ ބުންޏެވެ.

ނަމަވެސް ދިރާާގުން ވޮއިސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މި އިވެންްޓް ފަސްކޮށްފައިވަނީ އެ ކުންފުންޏަށް އެކަށީގެންވާ މިންވަރަށް ތައްޔާރު ނުވެވުމުގެ ސަބަބުންނެވެ.

މި ހަފުލާގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ފޯނު ދައްކާލުމުގެ އިތުރުން މި އިވެންޓަށް ވަޑައިގަންނަވާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަށް މީގެ ފޯނެއް ލިބުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ދިރާގުން މަސައްކަތްކުރަނީ ބާޒާރަށް ނިކުންނަ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނުތައް ދިރާގު ކަސްޓަމަރުންނަށް ލުއިފަސޭހަކޮށް ލިބޭނެގޮތް ހޯދައިދިނުމެވެ.

މާދަމާ ރޭ ތަޢާރަފްކުރެވޭ ސެމްސަންގެ ގެލެކްސީ އެސް 10، އަމިއްލަ ފުޅަށް ބައްލަވާލެއްވުމުގެ އިންތިޒާމް ލޯންޗް އިވެންޓްގައި ހުންނާނެއެވެ.

ސެމްސަންގެ ގެލެކްސީ އެސް 10 އަދި އެސް 10 ޕްލަސް އަކީ ސެމްސަންގ ގެލެކްސީ ސީރީޒްގެ 10 ވަނަ އަހަރީ ފޯންކަމަށްވާއިރު، ސެމްސަންގް އެސް 10 ޕްލަސްގައި ޖުމްލް 5 ކެމެރާ (2 ފްރަންޓް ކެމެރާ، 3 ބެކް ކެމެރާ)، އޮން ސްކްރީން ފިންގަރ ޕްރިންޓް އަދި ވަޔަރލެސް ޕަވަރ ޝެއަރިން، އަދިވެސް އިތުރު އިނޮވޭޓިވް ފީޗަރސްތައް ހިމެނެއެވެ.

ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއުޓާއެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީކޮށް ތައާރަފު ކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement