''ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ލަދު ގަންނަން ޖެހޭ''

05 Mar 2019 | 07:33

ގަރެތް ބޭލްއައި މެދު ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ކަންތައް ކުރަމުން އަންނަ ގޮތަކީ ލަދު ގަންނަންޖެހޭވަރުގެ ކަމެއް ކަމުގައި އޭނާގެ އޭޖެންޓް ބުނެފިއެވެ.

ބޭލްގެ އޭޖެންޓް ޖޮނަތަން ބާނެޓް މިހެން ބުނެފައިވަނީ އެންމެ ފަހުން ބާސެލޯނާއައި ދެކޮޅަށް ރެއާލް ކުޅުނު މެޗުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުމުން 61 ވަނަ މިނެޓުގައި އޭނާގެ ބަދަލުގައި ޒުވާން ތަރި އަސެންސިއޯ ދަނޑަށް އެރި ވަގުތުގައި އެޓީމުގެ ސަޕޯޓަރުންގެ ފަރާތުން ބޭލްއައިމެދު ނުރުހުން ފާޅު ކުރުމުގެ ސަބަބުންނެވެ.

2004 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި އެ މެޗުގައި ބޭލް ދަނޑުން ފޭބި ވަގުތު ރެއާލްގެ ސަޕޯޓަރުންވަނީ އޭނާއަށް މަލާމާތް ރައްދުވާ ގޮތަށް މަލާމާތްކޮށް އަޑުގަދަކޮށްވެސް ހަދާފައެވެ.

ދަށް ނަތީޖާތަަށް ނުކުންނަ ފަހަރުތަކުގައި ރެއާލްގެ ސަޕޯޓަރުންނަކީ އަބަދުވެސް އެޓީމުގެ ކުޅުންތެރިންނާމެދު ނުރުހުން ފާޅުކޮށް މަލާމާތް ރައްދު ކުރާ ބައެއްކަން ފާހަގަކޮށްލެވެއެވެ. ކާމިޔާބު އަހަރުތަކެއް ރެއާލްގައި ހޭދަކުރި ކްރިސްޓިއާނޯ ރޮނާލްޑޯއަށްވެސްވަނީ އެޓީމުގެ ސަޕޯޓަރުން ހިތްހަމަނުޖެހުންތަކާ މީގެ ކުރިން ކުރިމަތިލާންޖެހިފައެވެ. 

ބޭލްގެ ދިފާއުގައި ވާހަކަ ދައްކަމުން އޭނާގެ އޭޖެންޓް ބުނީ ބޭލް ޖަހާފައިވާ ގޯލްތަކުގެ ވާހަކަ ޖީލުތަކަކަށް ދެމިގެން ދާނޭހެން ދެކެވޭނެ ކަމުގައެވެ. ބޭލްއަކީ ސަޕޯޓަރުން ގަދަރު ކުރަން ޖެހޭ ކުޅުންތެރިޔެއް ކަމަށައި ނަމަވެސް ރެއާލްގެ ސަޕޯޓަރުންގެ އަމަލުތައް ހުންނަނީ ލަދު ގަންނަންޖެހޭ ދަރަޖައިގަކަމަށް އޭނާ ބުންޏެވެ.

ކާމިޔާބު ކުރެވެންހުރި ހުރިހާ މުބާރާތެއް ހަ އަހަރުތެރޭ ބޭލް ކާމިޔާބުކޮށްފި ކަމަށައި އޭނާއަކީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭ ހިމެނޭ ކުޅުންތެރިޔެއްކަން ފާހަގަކުރަމުން ބޭލްގެ އޭޖެންޓް ބުނީ ރެއާލްގެ ސަޕޯޓަރުން ބޭލްގެ ފައިގަ ބޮސް ދިނުން މަޖުބޫރު ކަމަށެވެ.

85 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކާއެކު 2013 ވަނަ އަހަރު ޓޮޓެންހަމް ދޫކޮށް ރެއާލްއައި ގުޅުނު ބޭލްވަނީ އެޓީމަށް ހަތަރު ފަހަރު ޗެންޕިއަންސް ލީގް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

Advertisement

ކޮމެންޓް