ފުލުހުންނަކީ ރައްޔިތުންގެ މައްޗަށް ބާރުވެރިވާ ބައެއްގެ ގޮތުގައި ދެކިގެން ނުވާނެ

05 Mar 2019 | 14:28

ފުލުހުން މަސައްކަތް ކުރާއިރު ރައްޔިތުންގެ މައްޗަށް ބާރުވެރިވާ ބައެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވެފައި ވަނީ ޕޮލިސް ރިފޯމް ސިމްޕޯސިއަމް ފެށުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވި ގޮތުގައި ފުލުހުން މަސައްކަތް ކުރަންވާނީ ރައްޔިތުންނާއި ފުލުހުން މަސައްކަތް ކުރަމުން ދާންވާނީ ރައްޔިތުންނާ ގާތުން ހިދުމަތް ދޭ ބައެއްގެ ގޮތުގައި ކަމަށެވެ.

ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލަމާތަށްޓަކައި ހަރުދަނާ ކުރަން ޖެހޭ އެންމެ މުހިއްމު މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަން ފާހަގަކުރައްވައި އިމްރާން ވިދާޅުވީ، ފުލުހުންނާއި ރައްޔިތުންނާ ދެމެދުވާ ގުޅުމަކީ "މައި މީހާއާއި ދަރިއާ ދެމެދު އޮންނަ ގުޅުން ފަދަ ގުޅުމެއް" ކަމަށެވެ.

މީގެ އިތުރުން އިމްރާން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަރުކާރުގެ ފަރާތުން ފުލުުހުންނާއި ގުޅުން ހުރި ކަންކަމުގައި ގެންގުޅޭ ސިޔާސަތާއި ބެހޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ވިސްނާފައި ވަނީ، ގާނޫނުގެ ތެރެއިން ފުލުހުންގެ މުއައްސަސާގައި ތިބި ގާބިލު ހުނަރުވެރި ޒުވާނުންނަށް ފުރުސަތު ދީގެން ރައްޔިތުންނާ ގާތުން އިހުތިރާމާއެކު މަސައްކަތް ކުރާ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެދުމަށް ކަމަށެވެ.

އެކަމަށް މަގުފަހި ކުރުމަށް މިނިވަންކަމާއި އަދި ގާބިލުކަމާއެކު މަސައްކަތް ކުރާނެމަގު ފުލުހުންނަށް ފަހިކޮށްދެއްވާނެ ކަމަށް އިމްރާން ވިދާޅުވިއެެވެ.

Advertisement

ކޮމެންޓް

Advertisement