ބެލްޖިއަމަށާއި އީޔޫއަށް ސަފީރަކު ޢައްޔަން ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވައިފި

05 Mar 2019 | 20:26

ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެމަގާމަށް ރައީސް އައްޔަން ކުރައްވާފައިވަނީ ގަލޮޅު ފިޔާތޮށިގެ ޙަސަން ޞާބިރުއެވެ. އެބޭފުޅާއަށް މިއަދު ރައީސް ވަނީ ފަތްކޮޅު އަރުވާފައެވެ.

ޙަސަން ޞާބިރަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އެމަނކިފާނު ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރައްވައި، އިންޑިޔާއިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވާފައެވެ.

ޙަސަން ޞާބިރަކީ ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން ޙަސަން ޞާބިރު ފުރުއްވި މަޤާމުތަކު ތެރޭގައި، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓްޓެޓިވްކަމުގެ މަޤާމާއި، ޔޫރަޕިއަން ޔޫނިއަންނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަޤާމާއި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަޤާމު ހިމެނެއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ކެބިނެޓްގެ މަގާމްތައްވެސް ސާބިރު ފުރުއްވާފައި ވެއެވެ.

Advertisement

ކޮމެންޓް

Advertisement