ޓްރީޓޮޕްގެ ފުރަތަމަ އަހަރީ ދުވަހު ހިލޭ ޑޮކްޓަރަށް ދެއްކޭނެ

05 Mar 2019 | 20:22

ހުޅުމާލޭގައި ހިންގަމުން ގެންދާ ޓްރީޓޮޕް ހޮސްޕިޓަލްގެ ފުރަތަމަ އަހަރީ ދުވަހާއި ގުޅިގެން، ހިލޭ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

މީޑިޔާތަަކަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުން ބުނީ، އެ ހޮސްޕިޓަލްގެ އަހަރީ ދުވަހާއި ގުޅިގެން 9 މާޗް ވީ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރުން ފެށިގެން އިރުއޮއްސި ހައެއް ޖަހަންދެން ޚާއްސަ ވެލްނެސް ކޭމްޕެއް ކުރިއަށްދާނެކަމަށެވެ.

އެގޮތުން ގިނަ ދާއިރާތަކުގެ ޑޮކްޓަރުންނަށް ހިލޭ ދެއްކުމުގެ ފުރުސަތު އެ ހޮސްޕިޓަލުން ވަނީ ހުޅުވާލާފައެވެ. ކަށި، އޮޕަރޭޝަން، އެތެރެހަށި، ކަރުންމަތީގެ، ކުޑަކުދިންގެ، ކުޑަކަމުދާ ނިޒާމު، ހަން، ޕްލާސްޓިކް އަދި އަންހެނުންގެ ޚާއްސަ ޑޮކްޓަރުންނަށް ހިލޭ ދެއްކުމުގެ ފުރުސަތު އެހޮސްޕިޓަލުން ވަނީ ހުޅުވާލާފައެވެ.

މި ކޭމްޕްގައި ދައްކާ ޑޮކްޓަރުންނަށް ދެހަފްތާގެ ފޮލޯއަޕް ހިލޭ ހަމަޖައްސައިދޭނެކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މީގެ އިތުރުން މި ހިނގާ މާޗްމަހުގެ ތެރޭގައި އެ ހޮސްޕިޓަލުން ވަނީ ޚާއްސަ އަގުތަކަކާއި އެކު އަންހެނުންނާއި ފިރިހެނުންނަށް ޚާއްސަ މެޑިކަލް ޗެކަޕްތަކެއް ތައާރަފްކޮށްފައެވެ.

މި ހަރަކާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 3351610އަށް ގުޅައިގެން ނަން ނޯޓުކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން އެދެއެވެ.

Advertisement

ކޮމެންޓް