އެމްޑީޕީގެ ސައިލެންޓް ކެމްޕެއިން - ސިޔާސީ އާމަންޒަރެއް

07 Oct 2019 | 08:31

23 ޑިސެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެދުވަހެއްކުރިން ހުޅުމާލެއަށް އަޅުގަނޑު ބުރެއްޖަހާލީމެވެ. އެއީ ވޭތުވެދިޔަ ދެތިން މަސްދުވަހުގެތެރޭގައި ހުޅުމާލެއަށް ފުރަތަމަ ދިޔަދިޔުމެވެ. ހުޅުލެއާއި މާލެއާއި ދެމެދު އަޅާފައިވާ ބްރިޖް ހުޅުވައިލުމުން ބްރިޖް މަތިން ކުރި ފުރަތަމަ ދަތުރުވެސް މެއެވެ.

ބްރިޖުން ދުއްވާފައިދިޔައިރު އަޅުގަޑުމެންގެ ގައުމުގެ ތަރައްގީއަށް ޚާއްސަކޮށް ހުޅުމާލެއާއި މާލޭގައި ދިރިއުޅޭ ދެލައްކައަށްވުރެ ގިނަ ރައްޔިތުންނަށް ހާދަ ބޭނުންތެރި މަސައްކަތެކޭ ހިތަށް އެރިއެވެ. ކަނޑުހުރަސްކޮށް ސައިކަލްގައި ދަތުރުކުރިއިރު ހިތަށް ވެރިވީ ފުރަތަމަ ފަހަރަށް ބްރިޖްމަތިން އެދަތުރުކުރި އެހެންމީހުންގެ ހިތަށްވެސް ހަމަވެރިވާނެ ޝުއޫރުތަކެވެ.

ތާރުއަޅައިގެން ހުޅުލޭގެ ބޭރުމަގުން ހުޅުމާލެއަށް ދަތުރުކުރުމަށް ހަދާފައިވާ މަގުން ހިތްހަމަޖެހުމާއެކު ދުއްވާފައިގޮސް ހުޅުމާލެއަށް ވަދެ ރަހުމަތްތެރިއަކާއެކު އެކި މަގުތަކުން ދުއްވާލީ ރަށުތެރެ ބަލާލުމަށެވެ. އެއަށްފަހު ހަވީރު ސަޔެއް ބޯލުމަށެވެ.

އެދުއްވި ދުއްވުމުން ހައިރާންކަން ލިބުނީ ކުރިން ބޭއްވިފައިވާ ހުރިހާ އިންތިޚާބުތަކެއްގައިވެސް އެމްޑީޕީން ވަރަށް ފުރިހަމަ ކާމިޔާބެއް ހޯދާ ހުޅުމާލޭގެ މަގަކުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ކުރައްވަމުންގެންދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހްގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުންނެވެ.

ޓީވީން ވަރަށް ފޯރީގައި ޕީޕީއެމްގެ އެއްވުންތައް ހުޅުމާލޭގައި ބާއްވާއިރު ވަރަށް ގިނަ ސަޕޯޓަރުން އުޅޭތަންފެނުނަސް މިކަހަލަ ތަސައްވުރެއް ހުޅުމާލެއިން ފެނިދާނެކަމަށް ހަމަ އެއްގޮތަކަށްވެސް ހިތަކަށް ނާރައެވެ. ހުރިހާ މަގަކުން ނުދުއްވަމެވެ. އެހެންވީމާ މަގެއްގައި އެމްޑީޕީގެ ދިދައެއް ނުވަތަ ރީދޫކުލައެއް ނެތެކޭ ނޫނެވެ.

އިމާރާތެއްގެ ތިންވަނަ ބުރިން އިބޫގެ ކެމްޕެއިނަށް ހަދާފައިވާ ފޮތިގަނޑެއް ފެންނަގޮތަށް ވަށްޓާލާފައި އޮތްތަން ފެނުނެވެ. އަޅުގަޑުހިތަށް އެރީ މިއީ ހަމަ ހަގީގަތަކަށް ވެދާނޭ ކަމެއް ހެއްޔެވެ. ހުޅުމާލޭގެ ރައްޔިތުން މިފަދައިން ބަދަލުވެއްޖިއްޔާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ކާމިޔާބުކުރުމަށް ދެން އޮންނާނީ ކޮން ހުރަހެއްބާއޭވެސް އަޅުގަޑު ހިތަށް އެރިއެވެ. ރަހުމަތްތެރިޔާގާތުވެސް އެހެން ބުނެލެވުނެވެ.

މިއީ ހަމައެކަނި ހުޅުމާލެއިން ފެނުނު މަންޒަރެއްނޫނެވެ. އެހެންޏާ ބޮޑެތި އިންތިޚާބުތަކާއި ދިމާކޮށް އެމްޑީޕީން މާލޭގައި ވަރުގަދައަށް ކެމްޕެއިންކޮށް ދިދައާއި ފޮތިތައް ދަމައި ގޭގޭގައި ރީދޫކުލަތައް ލައިހަދައެވެ.

މިފަހަރު ކަހާތަން ހިރުވާލާހެނެއްވެސް މީހުންނަކަށް ނުވެއެވެ. އިންތިޚާބުގެ ދުވަހާއި ކައިރިކޮށް މާލެތެރޭގައި އިބޫގެ ވައުދުތަކާއި ކުރެހުން ހިމެނޭ ފޮތިތަކެއް ދެމިއެވެ. އެހެންހެދީމާ އެފޮތިތަކުގެ މަތިމަތިންކަހަލަގޮތަކަށް ޕީޕީއެމްގެ ފިޔާތޮށިކުލައިގެ ފޮތިތައް ދަމަހައި އެމްޑީޕީގެ ފޮތިތަކަށް ހުރީ ހިޔަނިއެޅިފައެވެ.

މާލެތެރޭގައި އެމްޑީޕީގެ މާކަބޮޑު އެއްވުމެއްވެސް ނުބާއްވައެވެ. އެންމެފަހުން ބޭއްވި ބޮޑު އެއްވުންފިޔަވައެވެ. އެއެއްވުމަށް ޗެލެންޖުކޮށް ޕީޕީއެމުން މާގިނަ މީހުންނާއެކު އެއްވުމެއްބޭއްވީމާ އެކަންވެސް އޮތީ ފާޑަކަށް ވާހަކަ ދެކެވޭ ކަމަކަށްވެފައެވެ. މާލެތެރޭގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކުރި ކަމަކީ ޑޯޓުޑޯއެއް ބާއްވާލުމެވެ.

މާލެއަކީ ދާދިފަހަކާއި ޖެހެންދެންވެސް އެމްޑީޕީން އެންމެ ވަރުގަދައަށް ސިޔާސީ ހަގުރާމަ ހިންގާ ފަސްގަނޑެވެ. މާލޭގައި އެޕާޓީގެ މެމްބަރުންނެތް އާއިލާއެއް ނޯންނާނެއޭވެސް ބުނެވިދާނެއެވެ.

އެޕާޓީގެ ފިކުރަށް ދަގަތްފާނަށް ދަގަނޑު ދަމާހެން މީހުން ދަމައިގެންދާތަން ފެނެއެވެ. އޭގެފަހަތުގައިވަނީ ކޮންކަމެއްކަމެއް ނޭގެއެވެ. އަނެއްކާ އެހެންޕާޓީތަކާއި ތަފާތުކޮށް އެމްޑީޕީގެ އެކްޓިވިސްޓުންނަކީ ޕާޓީއަށް މަރުދޭ ބައެކެވެ.

އެހެންވީމާ ޕާޓީގެ އެންމެ ވަރުގަދަ ހަގުރާމައައިސް ކުރިމަތިވީމާ ސައިލެންޓްވެ ސަޕޯޓަރުން ނިދާފައި ތިބެދާނެބާއޭ ހިތަށްވެރިވިއެވެ. ދެހާސް ބާރަވަ ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވަށްޓާލުމުގެ އެންމެ އަޑީގައި ތިބިކަމަށް އެޕާޓީގެ މެމްބަރުން ހިތާއި ރޫހުން ގަބޫލުކޮށްފައިވާ ބަޔަކާއެކު އިބޫ ކޯލިޝަން ހެދީމައި ޕާޓީގެތެރޭގައި މާބޮޑު ހިތްހަމަނުޖެހުންތަކެއް އުފެދިގެން އުޅެނީއޭ ބައެއް މީހުން ކިޔެވެ.

ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އެންމެ ފޯރިނަގައިގެން ތިބޭ އީވާމެންކަހަލަ ބޭކަބަލުން ދޭތެރެއަކުން ޓުވީޓެއް ކޮށްލަފާނެއެވެ. އެހެންނޫނީ މާކަބޮޑުކަމެއް އަމަލީގޮތުން ކުރާތަނެއް ނުފެނެއެވެ. މިހުރިހައި ކަމަކާ އަދި މާލޭގައި ރައީސް އަބްދުﷲ ޔާމީން ހިންގާފައިވާ މާލޭގެ ރައްޔިތުންނަށް ހިތްފަސޭހަކަން ގެނެސްދިން ގިނަގުނަ ތަރައްގީގެ މަޝްރޫއުތަކުން މީހުން ބަދަލުވަނީ ނޫންބާއޭ ހިތަށް ވެރިވިއެވެ.

އެކަމަކު އިންތިޚާބީ ދުވަހުގެ އަސްލު ފޮޓޯއިން ސައިލެންޓްކޮށް އެތިބި ރައްޔިތުންގެ އަސްލު މަންޒަރު އެދައްކާލީއެވެ. ޕީޕީއެމާއި އެމްޑީޕީއަށްވެސް މިވަރުގެ މަންޒަރެއް ފެނިދާނެކަމަށް ލަފާކޮށްފައިވާނޭހެން ހިއެއްނުވެއެވެ. އިންތިޚާބު ކާމިޔާބުކުރާނެކަމަށް ޕީޕީއެމްއަށް އޮތް ޔަގީންކަމާއި އިންތީޚާބުގައި މަކަރު ހަދައި އޮޅުވާލާނެކަމަށް އެމްޑީޕީން ކުރަމުންދިޔަ ތުހުމަތުތަކުން އެކަންދޭހަވެއެވެ.

މިފަހަރުގެ އިންތިޚާބުން ވަރަށް މުހިއްމު މަންޒަރެއް ސިޔާސީ މީހުންނަށް ފެނިގެން ހިގައްޖެއެވެ. ކޮންމެހެން ވެރިކަން ބަދަލުކުރުމަށް މާލެކުޑަކޮށްލައިގެން އާއްމުންނަށް ތުރާތަކާއި ދަތިކަން ޖައްސަން ބޮޑެތި މުޒާހަރާތައް ބާއްވާކަށް ނުޖެހޭކަމެވެ.

ދިވެހިން އެއަށްވުރެ މާބޮޑަށް ސިޔާސީ ގޮތުން ހޭލުންތެރިއެވެ. އަވަށްޓެރި ގައުމުތަކާއި އެހެންގައުމުތަކުން މިރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމުގެ ބޭނުމެއް ނެތެވެ.

ދިވެހިން ބޭނުންވީމާ އެންމެ ލޭތިއްކެއްވެސް ވަށްޓާނުލައި އެންމެ ވެހިކަލެއްގައިވެސް ރޯކޮށްނުލައި ހަމަނުޖެހުމެއް ނުހިންގައި އޮމާންކަމާއެކު މިއޮތް ނިންމަނީއެވެ.

އެހެންވީމާ މުޒާހަރާކުރުމުގައި އެމްޑީޕީން ގެންގުޅޭ ވިސްނުން ދެން ދޫކޮށްލަންވީ ނޫންތޯއެވެ.

ޕީޕީއެމުން މިހާރު މުޒާހަރާކުރާގޮތަށް ތާރީފެއް ކޮށްލަން އެބަޖެހެއެވެ. ޕާޓީއަށް ތާއީދުކުރާ މީހުންތިބެނީ ޕާޓީ އޮފީސް ކުރިމަތީގައި ޕޭމަންޓްމަންތީގައި ސަފަކަށް އެތުރިގެންނެވެ.

ސަޕޯޓަރުންނާއި މުޚާތަބުކޮށް ވާހަކަފުޅުދައްކަވާ ބޭފުޅުން ޕާޓީގެ އޮފީސްތެރޭގައި ތިބެފައި ދޮރުން ބޯދިއްކޮށްލާފައި ވާހަކައެއް ދައްކާލާފައި ބޯދަމައިގަންނަނީއެވެ. މަގު ބަންދުވެ އާއްމު ރައްޔިތުން މާކަބޮޑު އުދަގުލެއް އުފުލާކަށް ނުޖެހެއެވެ.

Advertisement

ކޮމެންޓް