ފެންޓަސީ ސްޓޯރުން މީގެ ފަހުން ލިބޭނީ ހުސް ކަރުދާސް ކޮތަޅު!

06 Mar 2019 | 13:52

އަޅުގަނޑުމެންގެ ތެރެއިން ގިނަ ފަރާތްތަކުން ކިތަންމެ ކުޑަ އެއްޗެއް ގަތްކަމުގައިވިޔަސް، ބާޒާރުކުރާނެ ކޮަތަޅަކަށް ނުލައި ގެންދަންވީ ތަނަކަށް ނުގެންދެވެއެވެ. މިގޮތަށް އެންމެ ގިނަ ފަރާތްތަކަށް ފިހާރަތަކުން ދޭނީ ޕްލާސްޓިކް ކޮތަޅެވެ. ފަހަކަށް އައިސް ބަޔޯ ޑީގްރޭޑެބަލް ޕްލާސްޓިކް ކޮތަޅު ފިހާރަތަކުން ދޫކުރިޔަސް، އެފަދަ ކޮތަޅުތަކުންވެސް ތިމާވެއްޓަށް ނޭދެވޭ އަަސަރު ކުރެއެވެ.

ތިމާވެށި ރައްކާތެރިކުރުމާާއި ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅީގެ ވާހަކަ މުޅި ދުނިޔޭގައި ދެކެވެމުންދާއިރު، ރާއްޖޭގައިވެސް އެ ވާހަކަ ވަނީ އަޑުގަދަވެފައެވެ. އެގޮތުން އެކި ވިޔަފާރިތަކުންނާއި އާންމު ފަރުދުން ދަނީ ތިމާވެއްޓާއި ރައްޓެހި އިހުސާސްތައް މުޖުތަމައުގައި ފެތުރުމަށް މަސައްކަތްކުރަމުންނެވެ.

މިކަމަށް ދާދިފަހުން މިވަނީ އާ ބޮޅެއް އިތުރުފައެވެ. އެގޮތުން މާލޭގެ މަޝްހޫރު ފިހާރައެއް ކަމުގައިވާ ފެންޓަސީ ސްޓޯރުން މިވަނީ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން އެއްކޮށް ހުއްޓާލާފައެވެ.

ދުވާލަކު އެތައް ސަތޭކަ ބަޔަކު، ގިނަ ބާވަތްތަކުގެ ފެންވަރު ރަނގަޅު ތަކެތި އެއްތަނަކުން ގަތުމަށް ޒިޔާރަތްކުރާ ފެންޓަސީ ސްޓޯރުން މިވަނީ މިމަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ކަސްޓަަމަރުންނަށް ދިނުމަށް ނިންމާފައެވެ. މި ކަރުދާސް ކޮތަޅުތަކަށް އެއްރުފިޔާ ނެގުމަށް ނިންމާފައިވާކަމަށް ފެންޓަސީ ސްޓޯރުން މައުލޫމާތުދެއެވެ. 

މި ކަރުދާސް ކޮތަޅުތައް ބޭނުންފުުޅުވެ ވަޑައިނުގަންނަވާ ކަސްޓަމަރުން އަމިއްލަ ފޮތިކޮތަޅެއް ގެނައުމަށް އެ ފިހާރައިން ވަނީ އެދިފައެވެ. ފެންޓަސީގެ މި ނިންމުމަށް ގިނަބަޔަކު ދަނީ ތައުރީފުކުރަމުންނެވެ.

Advertisement

ކޮމެންޓް

Advertisement