އދ.ގެ އިދާރާތަކަށް ރާއްޖޭގައި މަސައްކަތްކުރުމަށް ހުރަހެއް ނެތް: މިނިސްޓަރ ޝާހިދު

06 Mar 2019 | 22:37

އދ.ގެ އެކިއެކި އިދާރާތަކަށް ރާއްޖޭގައި މަސައްކަތްކުރުމަށް އެއްވެސް ހުރަހެއްނެތްކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ފަރާތުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ވަފުދުގެ ބޭފުޅުންނާއި މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށާއި، އިންސާނީ ހައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެއީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެއް ތަނބުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޑިމޮކްރަސީއާއި އިންސާނީ ހައްޤުތަކުގެ ދާއިރާއިން ރާއްޖެއަށް އައިސްފައިވާ ކުރިއެރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގުޅުން ހަރުދަނާ ވެގެންދާއިރު، އެކަމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އދގެ އެކި އިދާރާތަކާއި ސްޕެޝަލް ޕްރޮސީޖަރސް އެންޑް މެންޑޭޓް ހޯލްޑަރސް ރާއްޖެއަށް ވަޑައިގެން މަސައްކަތްކުރެއްވުމަށް ފުރުސަތު ދެއްވުމަށް ދިވެހި ސަރުކާރު އޮތީ ތައްޔާރަށްކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

ޔޫ.އެން އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްގެ ފަރާތުން ދިވެހިރާއްޖެއަށް ވަފުދެއް ވަޑައިގަތީ ރާއްޖޭގެ ޙާލަތު ބައްލަވައި، އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ދިވެހި ސަރުކާރަށް އެހީތެރިވެވިދާނެ ދާއިރާތައް ދެނެގަތުމަށްކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް