Advertisement

އެންމެން ހައިރާންކޮށްލާފަ މެންޗެސްޓާ ޔުނައިޓެޑް ކުއާޓާ ފައިނަލަށް

07 Mar 2019 | 08:50

ޗެންޕިއަންސް ލީގުގައި ރޭ ޕީއެސްޖީއައި ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

މި ދެޓީމް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗް ޕީއެސްޖީއިން ޔުނައިޓެޑް ދަނޑުގައި 2-0 ކުން ކާމިޔާބުކޮށްފައިވާއިރު ޔުނައިޓެޑްވަނީ ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން 3-1 ކުން މޮޅުވެފައެވެ. މިއާއެކު ޖެހިގެން އޮތް ބުރަށް ޔުނައިޓެޑް ގޮސްފައިވަނީ އަވޭ ގޯލުން ކުރި ލިބިގެންނެވެ.

އަނިޔާގެ ސަބަބުން ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެން ޔުނައިޓެޑުން ކުޅުނު މި މެޗުގައި އެޓީމްވަނީ ޕީއެސްޖީގެ ޑިފެންސް ހެދި ގޯހެއްގެ ފައިދާ ނަގާ 2 ވަނަ މިނެޓުގައި ގޯލެއްޖަހާފައެވެ. މި ގޯލް ކާމިޔާބުކޮށްދިނީ ފޯވަޑް ރޮމެލޫ ލުކާކޫއެވެ. ޔުނައިޓެޑްގެ މި ގޯލަށް މާގިނައިރުތަކެއް ނުވަނީސް އެމްބައްޕޭ ތިރިން ނަގައިދިން ހުރަހަކުން ބާނެޓް ޖެހި ގޯލާއެކު ޕީއެސްޖީވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށް އެގްރިގޭޓް ނަތީޖާ 3-1 ކަށް ހަދާފައެވެ.

ޔުނައިޓެޑުންވަނީ މެޗުގައި ހަމަލާ އުފައްދަން ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާފައެވެ. އެގޮތުން މާކަސް ރަޝްފޯޑް ދުރުން ފޮނުވާލި ބާރު ހަމަލާއެއް ޕީއެސްޖީގެ ތަޖުރިބާކާރު ކީޕަރު ބުފޮންއަށް މަތަ ނުކުރެވުމުގެ ފައިދާ ނަގާ ލުކާކޫވަނީ 30 ވަނަ މިނެޓުގައި ބޯޅަ ގޯލު ތެރެއަށް ވައްދާލާ ޔުނައިޓެޑަށް ހިތްވަރު އާކޮށްދީފައެވެ.

ގިނަ ވަގުތު ޑިފެންސްއަށް ފައިބައިގެން ކުޅެން ޖެހުނު ޔުނައިޓެޑުން މެޗުގައި ކުރި ހޯދި ގޯލް ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން މާކަސް ރަޝްފޯޑެވެ. މި ޕެނަލްޓީއަކީ ޔުނައިޓެޑުގެ ޑިފެންސްއަށް ކުޅެމުން އަންނަ ޑަލޮޓް ޕީއެސްޖީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ހަމަލާއެއް މަތަކުރުމަށް ޕީއެސްޖީގެ ޑިފެންޑަރ ކިމްޕެމްބޭ އަތުގެ ބޭނުން ކުރިކަމަށް ނިންމާ ވީއޭއާރް މެދުވެރިކޮށް ރިވިއު ކުރުމަށްފަހު ދިން ޕެނަލްޓީއެކެވެ.

ޔުނައިޓެޑުން ހޯދި ތާރީހީ މި މޮޅާއެކު އެޓީމްގެ ވަގުތީ ކޯޗް ކަމުގައި ހުރި ޝޯލްޝާއަށް އެ މަގާމް ދާއިމީކޮށް ލިބުން ހައްގު ކަމުގައި ފުޓްބޯޅައިގެ ދުނިޔޭގެ ގިނަ ބަޔަކުދަނީ ބުނަމުންނެވެ.  

Advertisement

ކޮމެންޓް

Advertisement