Advertisement

ވީއޭއާރް މެދުވެރިކޮށް ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ރަނގަޅު: ސްޓީވަން ޖެރާޑް

08 Mar 2019 | 06:04

ޔުއެފާ ޗެންޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑްއިން ޕީއެސްޖީގެ މައްޗަށް 3-1 ކުން ކުރި ހޯދި މެޗުގައި ޔުނައިޓެޑްއަށް ލިބުނު ޕެނަލްޓީއަކީ ވީއޭއާރް (ވީޑިއޯ އެސިސްޓެންޓް ރެފްރީ) މެދުވެރިކޮށް ރެފްރީ ނިންމި ރަނގަޅު ނިންމުމެއް ކަމުގައި ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރ ސްޓީވަން ޖެރާޑް ބުނެފިއެވެ.

ޔުނައިޓެޑް އަދި ޕީއެސްޖީ ޗެންޕިއަންސް ލީގުގައި ވާދަކުރި ފުރަތަމަ ލެގުގެ މެޗް ޔުނައިޓެޑުގެ ދަނޑުގައި 2-0 ކުން ކާމިޔާބު ކޮށްފައިވަނީ ޕީއެސްޖީއެވެ. ދެވަނަ ލެގުގެ މެޗް 3-1 ކުން ކާމިޔާބުކޮށް ކުއާޓާ ފައިނަލަށް ޔުނައިޓެޑް ދަތުރުކުރީ އެގްރިގޭޓް ނަތީޖާ 3-3 ކުން އެއްވަރުކޮށް އަވޭ ގޯލުގެ ތަފާތުންނެވެ. އެ މެޗުގައި ޔުނައިޓެޑް ކާމިޔާބުކުރި ތިންވަނަ ގޯލަކީ އެންމެ ފަހު ވަގުތު ވީއޭއާރް މެދުވެރިކޮށް ރިވިއު ކުރުމަށްފަހު އެޓީމަށް ލިބުނު ޕެނަލްޓީއެކެވެ.

މިކަމައި ބެހޭގޮތުން މިޑިއާތަކައި ވާހަކަ ދައްކަމުން ލިވަޕޫލްގެ ކެޕްޓަންކަންވެސް ކޮށްފައިވާ ޖެރާޑް ބުނީ ގަވައިދުވާނީ ގަވައިދަށް ކަމަށައި އެންމެންވެސް ގަވައިދަށް އިހްތިރާމް ކުރަން ޖެހޭނެ ކަމުގައެވެ.

އެންމެ ފުރަތަމަ އެ މަންޒަރުތައް ފެނުމުން އިދިކޮޅު ޑިފެންޑަރ އަދި މުޅި ޕީއެސްޖީއާމެދު އެޅުނީ ވަރަށް ހަރުކަށި ފިޔަވަޅެއް ކަމުގައި ހީކުރެވުނު ކަމަށައި ނަމަވެސް ގަވައިދަށް ބަލާނަމަ ރެފްރީ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމުގައި ބަލައިގަންނަން ޖެހޭ ކަމަށެވެ.

ފުޓްބޯޅައިގަ ވީއޭއާރް ބޭނުން ކުރުން މުހިންމުކަން ފާހަގަ ކުރަމުން ޖެރާޑް ބުނީ ވީއޭއާރްގެ ބޭނުން ނުކުރާނަމަ ޔުނައިޓެޑަށް އެ ޕެނަލްޓީ ނުލިބި ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެކަންތައް އެގޮތަށްވިނަމަ ޔުނައިޓެޑް މުބާރާތުން ވަކިވާނެ ކަމަށައި އެއީ ލިވަޕޫލް ސަޕޯޓަރެއްގެ ހައިސިއްޔަތުން އުފާވާނެ ކަމެއް ކަމަށައި އެހެންނަމަވެސް އޭރުން އެކަންވާނީ ނާއިންސާފަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

Advertisement

ކޮމެންޓް

Advertisement