ނަތީޖާ ގަބޫލުނުކުރަނީ އަމިއްލަ އެދުމުން ފޯވެފައި ތިބި މަދު ބައެއް - ގާސިމް

07 Oct 2018 | 20:22

23 ސެޕްޓެމްބަރ 2018 ގައި ބޭއްވުނު ރިޔާސީ އިންތިހާބުގައި ބޮޑުތަފާތަކުން ނާކާމިޔާބީއާއި ކުރިމަތިލާންޖެހުނު މިހާރުގެ ރައީސް އަބްދުﷲ ޔާމީނުކަން ގަބޫލު ނުކުރަނީ، އަމިއްލަ އެދުމުން ފޯވެފައި ތިބި މަދުބަޔެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ސިޔާސީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި އެކު ބޭއްވި ބައްދަލުވުމަކަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މި ފަސް އަހަރު ރައްޔިތުންނަށް ބިރުދައްކައި އަނިޔާވެރިވި ގޮތަށް، އިންތިޚާބުގެ ނަތީޖާ ވެސް ގަބޫލުނުކޮށް، އޮޅުވާލުން ގަނޑެއްގެ ތެރޭގައި ރައްޔިތުން ބައިތިއްބަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ސާފުކޮށް ބަސް ބުނުމުން އެކަމާ ދެކޮޅު ވެވޭނީ ކޮން މުއައްސަސާއަކަށްތޯ ގާސިމް ސުވާލު އުފެއްދެވި އެވެ.

އޭނާ މިހެން ވިދާޅުވީ، ވޯޓުގައި އޮޅުވާލުންތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް، އިންތިހާބު ބާތިލްކުރަން ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށަހަޅަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، މަދު ބަޔަކާ އެކު ކޮންމެ ރެއަކު އެ ޕާޓީން ދަނީ އަޑުއުފުލަމުންނެވެ.

ގާސިމް ވިދާޅުވި ގޮތުގައި މުޅި ދުނިޔެވެސް ވަނީ އިންތިޚާބުގައި ދިވެހިންގެ ނިންމުން ބަލައިގެންފަ އެވެ.

"އަމިއްލަ އެދުމުން ފޯވެފައިވާ މަދު ބަޔަކު ފިޔަވައި އެހެން އެންމެން ނަތީޖާ ގަބޫލުކޮށްފި ހެޔޮ ހިތުން. އެމަނިކުފާނު [ރައީސް ޔާމީންގެ] ރަނިން މޭޓު، ޑރ. ޝަހީމް ވެސް ގަބޫލުފުޅު ކުރައްވައިފި. ދެން ކާކުތޯ ނުކުރަން ހުރީ. އެހެންވީމާ ތިމަންނައަކީ އެހާ އަވަހަށް ބަލި ގަބޫލުކުރާނެ މީހެއް ނޫނޭ ވިދާޅުވިޔަސް ބަލިވީމާ ދެން ޖެހޭނީ ބަލި ގަބޫލުކުރަން،" ގާސިމް ވިދާޅުވި އެވެ.

"ނަސޭހަތާ އެކު އަޅުގަނޑު ދަންނަވާނީ، މަނިކުފާނުއޭ ތިއީ ވަރަށް ބޮޑު ގޯހެކޭ. ގޮތްދޫނުކުރައްވައި ތިހެން ހުއްޓަސް މުޅި ރައްޔިތުންގެ ނިންމުން އަނބުރައި ބޮލާލައި ޖެހޭނެވަރުގެ އެއްވެސް ބާރެއް އިންސާނެއް ލިބިގެން ނުވޭ."

އޭނާ ވިދާޅުވީ ސެޕްޓެމްބަރު، 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓުލުމާއި ވޯޓު ގުނުން ދިޔައީ، މިނިވަންކަމާ އެކުގައިކަން ބައިނަލްއަގުވާމީ އޮބްޒާވަރުންގެ ރިޕޯޓުތަކުން ވެސް ފެންނަން އެބަހުރި ކަމަށެވެ. މިހާލަތުގައި، އިންތިޚާބު ބާތިލްކުރަން ކޮންމެ ކޯޓަކަށް ދިޔަ ކަމުގައި ވިޔަސް އެއްވެސް ހުކުމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.

"ކިހިނެއްތޯ އެކަން ކުރާނީ؟ އަޅުގަނޑަކަށް ނޭނގެ އެކަން ކުރާނެ ގޮތެއް. ރައްޔިތުންގެ ނިންމުމާ ދެކޮޅަށް ނިންމައިފި ނަމަ ދެން އޮތީ ހުރިހާ ރައްޔިތުން ބަނޑަށް ޖެހުން. ބައިނަލްއަގުވާމީ ގައުމުތަކުން ވަގުތުން ދަތިކުރުމުގެ ފިޔަވަޅުއަޅާނެ. އެއީތޯ ބޭނުންވާ ގޮތަކީ؟" ގާސިމް ވިދާޅުވި އެވެ.

ވަކި ބޭފުޅަކު ވެރިކަމުގައި ބެހެއްޓެވުމަށް ރައްޔިތުންނަށް އެ ހާލު ޖައްސަން ތަރުހީބުދޭނީ ކޮން މުއައްސަސާއަކުންތޯ ގާސިމް އެއްސެވި އެވެ.

"ބަޔަކު ރާވައިގެން ގޮސް އެއްޗެއް ހުށަހެޅިއަސް ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުން ވެސް ބައްލަވާނެ ދެއްތޯ؟" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވަމުންދިޔަ މިންވަރު އެނގި ހާމަވީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ބަލިވުމުންނެވެ. ނުހައްގުން ބަންދުކޮށް، އަނިޔާދެމުން ދިޔަ ގިނަ ބަޔަކު ވަގުތުން ކޯޓުތަކުން ދޫކޮށްލީ ކަމަށް ވިދާޅުވި އެވެ.

"ޖުޑިޝަރީ އަށް ބާރުފޯރުވަނީ ކޮން ފަރާތެއް ކަން ރައްޔިތުން ނިންމަވާށޭ. ކާކުކަން، ކޮން ފަރާތަކުން ކަން ނުފޫޒު ފޯރުވަމުން ދިޔައީ،" ގާސިމް ވިދާޅުވި އެވެ.

އިންތިޚާބުގައި އޮޅުވާލުމެއް ނުހިމެނޭ ކަމަށް ގާސިމް ދެއްކެވި ވާހަކަ އަށް ތާއީދު ކުރައްވައި މައުމޫން މިއަދު ވެސް ފާހަގަކުރެއްވި ކުރެއްވި ގޮތުގައި ވޯޓު ލުމާއި ގުނުން ވެސް ދިޔައީ އެންމެންގެ ކުރިމަތީގަ އެވެ. އެއްވެސް ގޯހެއް ނުހިނގާ ކަމަށާއި އެފަދަ ކަމެއް ހިނގި ކަމުގެ ޝަކުވާއެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

ގާސިމް ޖަރުމަނުގެ ސިޔާސީ ހިމާޔަތް ހޯއްދެވައިގެން އަހަރަކަށްވުރެގިންދުވަސް ޖަރުމަނުގައި ހޭދަކުރުމަށްފަހު ރާއްޖެވަޑައިގަންފައި ވަނީ އޮކްޓޯބަރ 4 ވަނަ ދުވަހު ކަފާލާތުގެ ދަށުން އެބޭފުޅާ މިނިވަން ކުރުމުންނެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ ވެސް އިއުލާންކުރި ފަހުން، ބޮޑެތި އޮޅުވާލުންތަކެއް ފެނުނު ކަމަށް ބުނުމުން އެކަން ގަބޫލުކުރާނީ ކިހިނެއްތޯ މައުމޫން ސުވާލު އުފެއްދެވި އެވެ.

"އޮނަރަބަލް ގާސިމް އެ ވިދާޅުވި ގޮތަށް އެއީ، ދުނިޔޭގެ އެއްވެސް ގައުމަކުން ވެސް، އެއްވެސް މުއައްސަސާއަކުން ވެސް ބަލައިގަންނާނެ ކަމެއް ނޫން. އެކަން އޮތީ ނިމިފައި. ވަގުތީ ނަތީޖާ ވެސް އިއުލާންކޮށްފި، ދާއިމީ ނަތީޖާ ވެސް އިއުލާންކޮށްފި. އެހެންވީމަ އެއާދޭތެރޭގައި މީހަކު ކުރާނެ ކަމެއް ނޯންނާނެ، އެއީ ރަނގަޅަށް ހިނގާފައި އޮތް ކަމެއް ވީމަ،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އިންތިޚާބުގައި އޮޅުވާލުން ހިމެނޭ ކަމަށް ފަތުރަނީ ދެކޮޅުނުޖެހޭ ވާހަކަތަކެއްކަމަށާއި ކޯޓަކަށް މައްސަލަ ހުށަހެޅިއަސް، މިހާރު އޮތް ނަތީޖާއާ ފުށުއަރާނެ ގޮތަކަށް ނިންމާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

Advertisement

ކޮމެންޓް