Advertisement

އިބޫ، ޕޮލިސް ކޮމިޝަނަރު ހަމްދޫނާ ބައްދަލު ކުރައްވައިފި

07 Oct 2018 | 17:54

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، ޕޮލިސް ކޮމިޝަނަރު ހަމްދޫން ރަޝީދާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ފުލުހުންގެ މައި މަރުކަޒުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި،އިބޫގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ފުލުހުންގެ ކުރީގެ އިންޓެލިޖެންސްގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ބައިވެރިވެވަޑައިގަތެވެ. 

މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް އިބޫގެ އޮފީހުން އަދި އާއްމެއް ނުކުރެ އެވެ.

އިބޫ، އިންތިޚާބު ކާމިޔާބު ކުރެއްވި އިރު އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ އަބްދުﷲ ނަވާޒެވެ. 

އިބޫ، އޭނާއާ ބައްދަލުކުރައްވާފައި ވަނިކޮށް، ނަވާޒު މަގާމުން ވަކިކުރައްވައި އެންވަޔަރްމެންޓް މިނިސްޓްރީިގެ ޑެޕިއުޓީ މިނިސްޓަރަކަށް ވަނީ ހަމަޖައްސަވައިފަ އެވެ. 

ޕޮލިސް ކޮމިޝަނަރ ކަމަށް ހަމްދޫން ރަޝީދު އައްޔަން ކުރައްވީ 1 އޮކްޓޯބަރ 2018 ގައެވެ.

23 ސެޕްޓެމްބަރ ގައި ބޭއްވުނު ރިޔާސީ އިންތިހާބްގައި ނާކާބީއާ ކުރިމަތިވެ ރައީސް ޔާމީނުގެ ވެރިކަން ނިމުމަކާ ހަމައަށް އައިސްފައި ވަނިކޮށް، އެ މަނިކުފާނު ބޭނުންފުޅުވާ ބޭފުޅަކު ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރެއްވުމުން އިބޫ ވަނީ މީގެކުރިން ފާޑުވިދާޅުވި އެވެ. 

ދައުލަތުގެ މުއައްސަސާތަކަށް ބަދަލު ނުގެނައުމަށް ރައީސް ޔާމީންގެ ސަރުކާރަށް އެކިފަހަރު މަތިން ތަކުރާރުކޮށް އިލްތިމާސްކޮށްފައި ވަނިކޮށް، ބަދަލުތައް ގެނައުން ބަލައިނުގަނެވޭ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ.

ދެ އެކްޓިން ކޮމިޝަނަރުންނާ އެކު އެ ފުލުހުންގެ މުއައްސަސާ ހިންގުން ފަސް އަހަރުގެ ތެރޭގައި ފަސް ބޭފުޅަކާ ހަވާލުކުރެއްވި ވާހަކައަށް އިޝާރާތް ކުރައްވާ މީގެކުރިން ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ، ޕޮލިސް ކޮމިޝަނަރުން އައްޔަން ކުރެއްވުމުގައި ވެސް ރެކޯޑު ހޯއްދަވާފައިވާ ބޭފުޅެކެވެ.

އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި، ފުލުހުންގެ މުއައްސަސާ އަށް ގެނައި ކުއްލި ބަދަލަކީ، ރައީސް ޔާމީން ބޭނުންފުޅުވާ ކަންތައްތަކެއް ނުފޫޒުގެ ބޭނުން ކުރައްވައިގެން އެ މުއައްސަސާގެ ތެރެއިން ކުރެއްވުމަށް ކުރެއްވި ކަމެކެވެ. 

އޭގެ ތެރޭގައި، އެ މަނިކުފާނުގެ މައްޗަށް ކުރެވޭ ބޮޑެތި ތުހުމަތުތަކުން ރެކިވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވުން ހިމެނޭ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.


Advertisement

ކޮމެންޓް