Advertisement

ދިވެހި މަސްވެރިންނާއެކު ބީއެމްއެލްގެ އަންހެން މުވައްޒަފުން މަހަށް

09 Mar 2019 | 15:01

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން 'ދިވެހި މަސްވެރިން' ގެ ޖަމިއްޔާއައި ގުޅިގެން އަންހެންނުންނަށް މަސްވެރިކަން ދަސްކޮށްދިނުމަށާއި މަސްވެރިކަމުގެ ތަޖުރިބާ އަންހެނުންނަށް ދިނުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތުގައި ބޭންކުގެ އަންހެން މުވައްޒަފުންނާއި ގެމަނަފުށީ އަންހެނުން ހިމެނޭ ގޮތަށް ޖުމްލަ 30 އަންހެނުން ވަނީ ބައިވެރިވެެފައެވެ.

އިޖްތިމާޢީ އެކި ހަރަކާތްތަކުގައި އަންހެނުން ބައިވެރިކޮށް އަދި ހަމައެހެންމެ އަންހެނުން ބާރުވެރިކުރުވައި، މުޖުތަމައުގެ އެއްބައިވަންތަކަމާއި ހަމަހަމަ ކަން ގާއިމް ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން އަބަދުވެސް އަހައްމިއްޔަތުކަންދެއެވެ. މި ހަރަކާތުގެ ސަބަބުން އަންހެނުންގެ މެދުގައި މަސްވެރިކަމުގެ ރޫޙު އާލާވެ، ދިވެހި އަންހެނުނަކީ ކޮންމެ ކަމަކަށްވެސް ކެރިގެން ކުރިމަތިލާ ފިސާރި ކަނބަލުންތަކެއްކަން ދައްކުވައިދީ، ޒަމާނުއްސުރެ ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމަށް ޝައުގުވެރިކަން އިތުރުވެގެންދާނެއެވެ.

މި ހަރަކާތް ފެށިފައިވަނީ އިއްޔެ ހަވީރުގައެވެ. ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ފީނުމާއި، އެންދެމުމެވެ. އެންދެމުމަށްފަހު މަސް ބޭނުމަށްޓަކައި މިއަދު ފަތިހު ދަތުރު ފަށައި، ކަނޑަށް ނިކުމެ ގާތްގަނޑަކަށް ދެ ގަޑިއިރުތެރޭ ވަނީ 300 ކިލޯގެ މަސްބާނާފައެވެ. މަސްބާނައިގެން އެނބުރި ރަށަށް އައުމަށްފަހު، މަސް ކެނޑުމާއި އެމަހުން ރިހާކުރު ކެއްކުމަށް ވަނީ ހަމަޖެހިފައެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުންް ބާއްވާ މަސްވެރިކަމުގެ ހާއްސަ ހަރަކާތާ ގުޅޭ ގޮތުން ބޭންކު ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ "މަސްވެރިކަން ކުރާ ގޮތް މި ފަދަ ހަރަކާތެއް މެދުވެރިކޮށް އަންހެނުން ދައްކުވައިދީ އެކަނބަލުންނަށް މިފަދަ ފުރުސަތެއް ހޯދައިދެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ދިވެހި އަންހެނުން ހުރި ޝައުގެވެރިކަމާއި، މިފަދަ ކަންކަމަށް ލިބޭ ތަރުހީބު ފާހަގަ ކުރެވޭ. މިފަދަ ހާއްސަ ހަރަކާތެއް ރޭވުމުގައި ބައިވެރި 'ދިވެހި މަސްވެރިން' ޖަމިއްޔާ އަށާއި ބޭންކުގެ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކުރަން."

އަންހެނުންގެ ދުވަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވަރަށް ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. މީގެ ތެރޭގައި އަންހެން މުވައްޒަފުންނަށް ހިލޭ ޕެޑް ލިބޭނެ ގޮތް ހަމަޖެއްސުމާއި އަންހެނުންގެ ކުރިއެރުމާއި މަންފާއަށް މަސައްކަތްކުރާ ހާއްސަ ދެ ޖަމިއްޔާއަކަށް ފައިސާގެ އެހިތެރިކަންވަނީ ފޯރުކޮށްދީފައެވެ. މި ގޮތުން 'ފެމިލީ ލީގަލް ކްލިނިކް' އާއި 'ވިމެން އިން ޓެކް' އަށް ކޮންމެ ޖަމިއްޔާއަކަށް 46،000 ރުފިޔާ ވަނީ ހަދިޔާކޮށްފައެވެ. 

Advertisement

ކޮމެންޓް