ރަހީމް ސްޓާލިންގް ހެޓްރިކް ހަދާ ސިޓީ މޮޅުކޮށްދީފި

10 Mar 2019 | 07:42

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓާ ސިޓީ އަދި ވޮޓްފޯޑް ވާދަކުރި މެޗް 3-1 ކުން ސިޓީ ކާމިޔާބުކޮށްފިއެވެ.

ރަނގަޅު ނަތީޖާތަކެއް ފުލުފުލުގައި ނެރެމުން އައިސްފައިވާ ވޮޓްފޯޑްއައި ދެކޮޅަށް ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ތިން ގޯލްވެސް ޖަހައިދީފައިވަނީ އިނގިރޭސި ތަރި ރަމީހް ސްޓާލިންގްއެވެ.

މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނު ސިޓީގެ ގޯލްތައް ސްޓާލިންގް ޖަހާފައިވަނީ މެޗުގެ 46، 50، އަދި 59 ވަނަ މިނެޓުގައެވެ. ވޮޓްފޯޑް ޖެހި ހަމައެކަނި ގޯލަކީ މުޅި މެޗުގައިވެސް އެޓީމަށް ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ހަމަކައެކަނި ހަމަލާއިން ކާމިޔާބު ކުރި ގޯލެކެވެ. މި ގޯލް މެޗުގެ 66 ވަނަ މިނެޓުގައި ޖެހީ ޑެއުލުފޫއެވެ.

މެޗައި ބެހޭ ގޮތުން ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ގާޑިއޯލާ ބުނީ ވޮޓްފޯޑް އަތުން ސިޓީ މޮޅުވީ ނަސީބު ގަދަވެގެން ނޫން ކަމަށައި އެޓީމުގެ ކާމިޔާބީއަކީ ބުރަ މަސައްކަތުން ހޯދި ކާމިޔާބީއެއް ކަމަށެވެ. ސީޒަނުގެ ފަހު ކޮޅުވީމަ ހުރިހާ މެޗެއްވެސް މުހިންމު ކަން ފާހަގަކުރަމުން ގާޑިއޯލާ އިތުރަށް ބުނީ ތިން މަސްވަންދެން ތާވަލުގެ އެއްވަނައަށް އަރަން މަސައްކަތް ކުރަން ޖެހުނު ކަމަށައި މިހާރުގެ އަމާޒަކީ ކުރިއަށް އޮތް މެޗުތަކުން މޮޅުވުން ކަމުގައެވެ.

މި މެޗުން ހޯދި ތިން ޕޮއިންޓާއެކު ސިޓީވަނީ 74 ޕޮއިންޓާއެކު އެއްވަނައިގަ އޮތް ލީޑް ފުޅާ ކޮށްފައެވެ. ނަމަވެސް އެއީ ވާދަވެރި ލިވަޕޫލްއަށްވުރެ އެއް މެޗް އިތުރަށް ކުޅެގެންނެވެ. ލިވަޕޫލް ދެވަނައިގަ އޮތީ 70 ޕޮއިންޓް ހަމަކޮށްގެންނެވެ.

ލީގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާލާއިރު ސައުތްހެމްޕްޓަންވަނީ ހައިރާންކުރުވަނިވި ގޮތަކަށް ޓޮޓެންހަމް ބަލިކޮށްފައެވެ. ރެލިގޭޝަން ޒޯނައި ވަރަށް ގާތުގަ އޮތް ސައުތްހެމްޕްޓަން މި މެޗް ކާމިޔާބު ކުރީ 2-1 ކުންނެވެ. 2-0 ކުން ކާޑިފްއިން ވެސްޓް ހަމް ބަލިކުރިއިރު ނިއުކާސަލްވަނީ އެވަޓަން ދެ ގޯލް ޖަހާފަ އޮއްވާ ފަހަތުން އަރާ ތިން ގޯލް ޖަހާ ތިން ޕޮއިންޓް ކަށަވަރު ކޮށްފައެވެ. 

Advertisement

ކޮމެންޓް