މި ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވެފައިވާ ތަރައްޤީ ގެނެސްދިނުން: ރައީސް

09 Sep 2018 | 11:01

މި ސަރުކާރުން ކުރާ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވެފައިވާ ތަރައްޤީ ހަލުވިކަމާއިއެކު ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމަށްކުރާ މަސައްކަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ލ. ފޮނަދޫއަށް ވަޑައިގެން ހައްދުންމަތީ ބޮޑުމަގާއި، ފޮނަދޫގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ދެން އަންނަ ދައުރެއްގައި ރާއްޖޭގެ އެކި ހިސާބުގެ ތަރައްޤީއަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށެވެ. އެގޮތުން ދެން އަންނަ ދައުރެއްގެ ކުރީކޮޅު ހައްދުންމަތީ ކައްދޫ އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް ބައިނަލްއަޤްވާމީ ފްލައިޓްތައް މި އެއަރޕޯޓްގައި ޖައްސާ ވަރަށް އެއަރޕޯޓް ތަރައްޤީކުރައްވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި، މިކަމަކީ ޒުވާނުންގެ ކުރިއެރުމާއި ތަރައްޤީއަށް ހުޅުވިގެންދާ އިތުރު ފުރުޞަތެއްކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، މިކަމުގެ ސަބަބުން މި ސަރުކާރުން އެންމެ އިސްކަން ދެއްވާ އިންޓަގްރޭޓެޑް ޓުއަރިޒަމް ރާއްޖޭގައި އިތުރަށް ފުޅާކުރެއްވުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް އަންނަމުންދާ ކޮންކްރީޓް ތަރައްޤީއާއިއެކު ދިވެހިންގެ ވިސްނުންވެސް ތަރައްޤީކުރަން ޖެހޭކަމަށާއި، މުޅި ދިވެހި ޤައުމުގެ ހައްޤުގައި ހުރިހާ ދިވެހިން ތެދުވަންޖެހޭކަމުގައި ވިދާޅުވިއެވެ.

Advertisement

ކޮމެންޓް