ލިވަޕޫލް ލީގަށް ކުރާ އުންމީދު އައު ކުރިއިރު ޗެލްސީ އެއްވަރުވެއްޖެ

10 Mar 2019 | 21:31

އިނގިރޭސި ޕްރިމިއަރ ލީގުގައި ބާންލީ އަތުން 4-2 ކުން މޮޅުވެ ލިވަޕޫލް ލީގް ކާމިޔާބު ކުރުމަށް ކުރާ އުންމީދު އައުކޮށްފިއެވެ.

އެންފީލްޑްގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލް ޖަހާ ކުރި ހޯދާފައިވަނީ ބާންލީއެވެ. 6 ވަނަ މިނެޓުގައި މި ގޯލް ބާންލީއަށް ކާމިޔާބުކޮށްދިނީ ވެސްޓްވުޑްއެވެ. ނަމަވެސް ފިރްމީނޯ އަދި މާނޭ ކައިރި ކައިރީގައި ޖެހި ގޯލްތަކާއެކު ލިވަޕޫލްވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ކުރި ހޯދާފައެވެ.

ރެލިގޭޝަންގެ ބިރާ ކުރިމަތިލާން ޖެހިފައިވާ ބާންލީއައި ދެކޮޅަށް ލިވަޕޫލްވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ފިރްމީނޯ މެޗުގައި ޖެހި ދެވަނަ ލަނޑާއެކު ދެވަނަ ހާފުގެ ފަހު ކުއާޓާއަށް އަޅާފައިވަނިކޮށް ލިވަޕޫލްވަނީ ނަގާފައިވާ ލީޑް ދެ ގޯލަށް ފުޅާ ކޮށްފައެވެ.

މުޅި މެޗުގައިވެސް ލިވަޕޫލްގެ ގޯލައި އަމާޒުކޮށް އެންމެ ދެ ހަމަލާ ފޮނުވާލެވުނު ބާންލީވަނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ގަޑީގައި ގުޑްމުންޑްސަން ޖެހި ގޯލާއެކު ނަތީޖާ 3-2 ކަން ހަދާފައެވެ. ނަމަވެސް ހަމަ އެ ވަގުތު ކޮޅުގެ ތެރޭގަ، މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި މާނޭވަނީ ލިވަޕޫލްގެ ލީޑް އަނެއްކާވެސް ދެ ގޯލަށް ފުޅާ ކޮށްދީފައެވެ.

މެޗައި ބެހޭ ގޮތުން ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް ކްލޮޕް ބުނީ ކުޅެން ބޭނުންވި ގޭމް ކުޅެވުނު ކަމުގައެވެ. ލިވަޕޫލް ދެއްކި ޕަރފޯމަންސްއައި ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށައި ހާއްސަކޮށް ބާންލީ ކަހަލަ ޓީމަކައި ދެކޮޅަށް މޮޅު ކުޅުމެއް މި މެޗުގައި ދެއްކިކަން އޭނާ ފާހަގަކޮށްފައިވެއެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލިވަޕޫލް މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއީ އެއްވަނައިގަ އޮތް މެންޗެސްޓާ ސިޓީއައި އެއްވަރަކަށް މެޗް ކުޅެ ލިބުނު 73 ޕޮއިންޓާއެކީއެވެ. ސިޓީއަށް އެއްވަނަ ލިބެނީ 74 ޕޮއިންޓް ހަމަކޮށްގެންނެވެ.

ކުރިއަށް އޮތް މެޗުގައި ލިވަޕޫލް ނުކުންނާނީ ޗެންޕިއަންސް ލީގުގައި ބަޔާން މިއުނިކްއައި ދެކޮޅަށެވެ. ފަހު 16 ގަ މި ދެޓީމް ބައްދަލު ކުރާ ދެވަނަ ލެގުގެ މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ބަޔާންގެ ދަނޑުގައެވެ.

ލީގުގައި މިރޭ ކުޅެވުނު އަނެއް މެޗުގައި ޗެލްސީ އަދި ވުލްވްސް ވާދަކުރި މެޗް ނިމުނީ 1-1 ކުން އެއްވަރު ވެގެންނެވެ.

76 އިންސައްތަ ބޯލް ޕޮޒިޝަން އަދި 22 ޝޮޓް ޗެލްސީއިން ހެދި މި މެޗުގައި ކުރި ހޯދާފައިވަނީ މުޅި މެޗުގައިވެސް އޮން ޓާގެޓަށް އެންމެ ހަމަލާއެއް ފޮނުވާލެވުނު ވުލްވްސްއެވެ. 56 ވަނަ މިނެޓުގައި މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ހިމެނިއޭޒްއެވެ.

މޮޅު ކުޅުމެއް ދެއްކި ޗެލްސީގެ ޓީމަށް މެޗުން ބަލިނުވެ ޕޮއިންޓެއް ކަށަވަރުވީ 90 މިނެޓެ ހަމަވެގެން ދެއްކި އިތުރު ގަޑީގައި ހަޒާޑް ޖެހި ގޯލާއެކީއެވެ.

މިއާއެކު ޗެލްސީ މިވަގުތު އޮތީ ތާވަލުގެ ހަ ވަނައިގަ 57 ޕޮއިންޓާއެކީއެވެ. 

Advertisement

ކޮމެންޓް

Advertisement