ޒިދާން އެނބުރި ރެއާލް މެޑްރިޑަށް
ރެއާލް މެޑްރިޑްގެ ކޯޗްކަމުން ދުރުވިތާ 10 މަސްފަހުން ޒިދާން އަލުން އެ މަގާމައި ހަވާލުވެއްޖެއެވެ. ޒިދާން ރެއާލްގެ ކޯޗްކަމާ ހަވާލުވެފައިވަނީ ކުރިން ކޯޗްކަމުގައި ހުރި ސަންޓިއާގޯ ސޮލާރީ އެ މަގާމުން ވަކިކުރުމައި ގުޅިގެންނެވެ.
ޖެހިޖެހިގެން ތިން ސީޒަނުގައި ރެއާލްއަށް ޗެންޕިއަންސް ލީގް ކާމިޔާބުކޮށްދީފައިވާ ޒިދާން އެ ކްލަބްގެ ކޯޗްކަމާ ހަވާލުވެފައިވަނީ 2022 ގެ ނިޔަލަށެވެ.
ސްޕެނިޝް ލީގުގެ ތިންވަނައި މިވަގުތު ރެއާލް އޮތީ އެއްވަނައިގަ އޮތް ބާސެލޯނާއަށްވުރެ 12 ޕޮއިންޓް މަދުން ލިބިގެންނެވެ.
ރެއާލްއައި އަލުން ގުޅުމަށްފަހު ޒިދާން ބުނީ އޭނާގެ އަމާޒަކީ އެ ކްލަބް ނިސްބަތްވާ ހިސާބަށް ގެންދިއުން ކަމަށެވެ. ރެއާލްގެ ކޯޗް ކަމުން ކުރިން އިސްތިއުފާދިނީ ބެޓެރިތައް ރީޗާޖް ކޮށްލުމަށް ކަމަށައި މިހާރު ކްލަބްގެ ކޯޗްކަން ކުރަން މުޅިން ތައްޔާރު ކަމަށްވެސް ޒިދާން ބުނެފައިވެއެވެ.
ޒިދާން އަލުން ރެއާލްއައި ގުޅުމުން އެ ކްލަބުގެ ރައީސް ޕްލެރެންޓީނޯ ޕެރޭޒް ބުނީ ދުނިޔޭގަ ހުރި އެންމެ މޮޅު ކޯޗް އެ ކްލަބައި ގުޅިއްޖެ ކަމަށެވެ.
މިދިޔަ ސީޒަނަށްފަހު ރެއާލްގެ ކޯޗް ކަމުން ޒިދާން އިސްތިއުފާދިނީ ކްލަބުގެ ރައީސް އާ ސީޒަނަށް އޭނާ ބޭނުންވި ކުޅުންތެރިން ގެނައުމަށް ދެކޮޅު ހެދުމުގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލުމުން ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފައެވެ. އަދި މިފަހަރު ޒިދާން ރެއާލްއައި ގުޅުނީ އޭނާ ބޭނުންވާ ކުޅުންތެރިން ކްލަބަށް ގެންނާނެކަމުގެ ޔަގީންކަން ރެއާލްގެ ރައީސް ދިނުމުން ކަމަށްވެސް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists