Advertisement

"ނާޒުކު ދަނޑިވަޅުގައި ތިޔަ ދެއްކެވި ހިތްވަރަށް ސާބަސް"

13 Mar 2019 | 22:51

މިއަދުގެ މެންދުރު އިރުމެދު ޖެހުނުތަނާ ފޯނަށް އައި މެސެޖުން މުޅި ގައިން ހީބިހި ނެގިއެވެ. ޤައުމީ އެއާލައިން "މޯލްޑިވިއަން"ގެ ފްލައިޓެއްގެ ލޭންޑިން ގިއަރުގައި މައްސަލަ ޖެހި ގަން އެއާޕޯޓަށް ނުޖެއްސިގެން މަސައްކަތް ކުރަމުން އަންނަ ވާހަކައެވެ.

މި ޚަބަރު ލިބުނު އިރު ގަޑިން 12:55 ވީއެވެ. އޭރު އެ ފްލައިޓް ވަނީ ގަން އެއާޕޯޓުގައި ޖެއްސުމަށް އެތައް ފަހަރަކު މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ލޭންޑިން ގިއަރު މަސައްކަތް ނުކުރުމުން ޖެއްސޭގޮތް ނުވީއެވެ. ފްލައިޓު ޖައްސަން ކުރަމުން ދިޔަ މަސައްކަތް ސޯޝަލް މީޑިޔާގައި އެތައް ބަޔަކު ދިޔައީ ހިއްސާކުރަމުންނެވެ.

އެހެން ނަމަވެސް 5 ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް އެ ފްލައިޓް ޖެއްސޭގޮތެއް ނުވިއެވެ. މުޅި އެއާޕޯޓު ތައްޔާރީ ޙާލަތަށް ގެނައުމަށްފަހު ފްލައިޓްގެ ޕައިލެޓުން ތައްޔާރުވީ ކްރޭޝް ލޭންޑިން އަކަށެވެ. ފްލައިޓްގައި ތިބި މީހުންގެ އިޙްސާސްތައް ހުންނާނެ ގޮތް ހަނދާން ކުރަމުން އެމީހުންނަށް ހެޔޮގޮތް މިންވަރު ކުރުމަށް ދުޢާކުރަމުންނެވެ.

އަހަރެން ދަތުރުކުރި ފްލައިޓެއްގައި ދުވަހަކުވެސް އެފަދަ ހާދިސާއެއް ނުހިނގައެވެ. އެހެން ނަމަވެސް ފިލްމުތަކާއި އެކި ވީޑިއޯތަކުން އެފަދަ ހާދިސާތަކުގައި ޕައިލެޓުންނަށް ކުރިމަތިވާނެ ޕްރެޝަރު އަހަންނަށް ކޮންމެވެސް ވަރަކަށް ވަޒަންކުރެވެއެވެ.

މޯލްޑިވިއަންގެ ފްލައިޓުން ދަތުރުކުރަމުން ދިޔަ ހުރިހާ ޕަސެންޖަރުންނާއި ކްރޫން ރައްކާތެރިކަމާއި އެކު އެމީހުންގެ މަންޒިލަށް ގެނެސްދިނުމުގެ ޒިންމާ އާއި ހަވާލުވެ ތިބި ކެޕްޓަން އަބްދުލް ބާސިތް އިބްރާހިމް އާއި ފަސްޓް އޮފިސަރު ރިމާހްރުޝްދީ އަދި ފްލައިޓް ސުޕަވައިޒަރ ހަސްނާ މުޙައްމަދު އެ ނާޒުކު ދަނޑިވަޅުގައި ދެއްކި ހިތްވަރަށް ތައުރީފް ޙައްޤެވެ.

ޕައިލެޓަކު ކިޔަވާ ހުރިހާ އެއްޗެއް ބޭނުންކުރަން ޖެހޭ ވަގުތަކީ ފްލައިޓް ލޭންޑް ކުރާ ވަގުތު ކަމަށް މީހުން ބުނާތީ އަހަރެން އަޑުއަހަމެވެ. އެހެން ކަމަށް ވަންޏާ މިއަދު، ކެޕްޓަން އަބްދުލް ބާސިތް އިބްރާހިމް އާއި ފަސްޓް އޮފިސަރު ރިމާހްރުޝްދީ މިވަނީ އެމީހުން ކިޔެވި ހުރިހާ އެއްޗެއްގެ އިތުރަށް ވެސް ޤާބިލްކަން ދައްކާފައެވެ.

ހަމަގައިމުވެސް މި ޕައިލެޓުންނާއި ކްރޫއިން މިއަދު ދެއްކި ހިތްވަރާއި ސާބިތުކަމަށް މުޅި ދިވެހި ޤައުމު ފަޚުރުވެރިވާނެއެވެ. "ވޮއިސްއެމްވީ" ޓީމުގެ ފަރާތުން ވެސް މޯލްޑިވިއަން Q2 118ގެ ޕައިލެޓުންނަށް ސާބަސް ދަންނަވަމެވެ.

Advertisement

ކޮމެންޓް