އިންޑިޔާ މީހުންނަށް ސާރފް އެކްސެލްއާއި މައިކްރޯސޮފްޓް އެކްސެލް އޮޅިއްޖެ

13 Mar 2019 | 19:21

ސާރފް އެކްސެލް ދޮންނަކުނޑީގެ އިސްތިހާރަކާއި ގުޅިގެން އިންޑިޔާގެ ހިންދޫ ހަރުކަށި ވިސްނުމުގެ މީހުން، މައިކްރޯސޮފްޓް އެކްސެލްއަށް، ގޫގުލް ޕްލޭ ސްޓޯރގައި އެއް ތަރީގެ ރޭޓިންގް ދޭން ފަށައިފިއެވެ.

މި އިސްތިހާރުގައި ފެންނަ ގޮތުގައި ހިންދޫ އަންހެންކުއްޖަކު، ހޯލީގެ ދުވަހުގައި އޭނާގެ މުސްލިމް ރައްޓެއްސަކު އޭނާގެ ބައިސްކަލަށް އަރުވައިގެން މިސްކިތަށް ގެންގޮސްދެއެވެ.

ނަމަވެސް ހިންދޫ ހަރުކަށި ފިކުރުގެ ފަރާތްތަކުން ވަނީ މި އިސްތިހާރަކީ ހިންދޫ ދީނާއި ދެކޮޅު ޕްރޮޕެގެންޑާކަމަށްބުނެ ފޭސްބުކް، ޓްވިޓަރ ފަދަ ތަންތަނުގައި ސާރފް އެކްސެލް ދޮންނަ ކުނޑި ބޮއިކޮޓްކުރުމަށް ގޮވާލަމުންނެވެ.

ސާރފް އެކްސެލްއާއި ދެކޮޅަށް ބައެއް ފަރާތްތަކުން ފަށާފައިވާ މި ކެމްޕެއިން ވަނީ އާދަޔާ ޚިލާފު ގޮތަކަށް ގޫގުލް ޕްލޭ ސްޓޯރަށްވެސް ވާސިލްވެފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ މައިކްރޯސޮފްޓް އެކްސެލްއަށް ޕްލޭ ސްޓޯރގައި އެއް ތަރީގެ ރޭޓިންގް ދީ، އިންޑިޔާ ދޫކޮށް ޕާކިސްތާނަށް ވިޔަފާރިކުރަން ދިއުމަށް އެދެމުންނެވެ.

ނަމަވެސް ފާާހަގަކޮށްލެވޭ ގޮތުގައި މައިކްރޯސޮފްޓް އެކްސެލްއާއި ސާރފް އެކްސެލްއަކީ އެއްވެސް ގުޅުމެއްހުރި އެއްޗެއް ނޫނެވެ. މިކަމާއި ގުޅިގެން ގިނަ ފަރާތްތަކުން ދަނީ އިންޑިޔާގެ ބައެއް ފަރާތްތަކަށް ހަޖޫ ޖަހަމުންނެވެ.

Advertisement

ކޮމެންޓް